ބެންގާޒީގައި ތިބި އެމެރިކާ މީހުންގެ ސަލާމަތާ މެދު އޮތީ އިހުމާލުވެފައި
ބެންގާޒީގައި ތިބި އެމެރިކާ މީހުންގެ ސަލާމަތާ މެދު އޮތީ އިހުމާލުވެފައި

ވޮޝިންޓަން (ޖޫން 29) - ލީބިއާގެ ބެންގާޒީގައި ހުންނަ އެމެރިކާ މިޝަނަށް 2012 ވަނަ އަހަރު ދިން ހަމަލާގައި މަރުވި އެމެރިކާގެ ހަތަރު މީހުންގެ ސަލާމަތާ މެދު އިހުމާލުވެފައިވާ ކަމަށް ކޮންގްރެސްގެ ރިޕޯޓުގައި ބުނެފި އެވެ.

ބެންގާޒީގައި ތިބި އެމެރިކާ މީހުންގެ ސަލާމަތާ މެދު އޮތީ އިހުމާލުވެފައި
ބެންގާޒީގައި ތިބި އެމެރިކާ މީހުންގެ ސަލާމަތާ މެދު އޮތީ އިހުމާލުވެފައި

ބެންގާޒީ އަށް ހަމަލާދީފައި ވަނީ ސަލާމަތީ ކަންކަން ދޯދިޔާވުމުން ކަމަށް ބުނެ ރައީސް ބަރަކް އޮބާމާގެ ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ނަމަވެސް އޭރުގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަން ގޯސްކޮށް ކަމެއް ކުރައްވާފައިވާ ކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށް ރިޕަބްލިކަންގެ އަޣުލަބިއްޔަތު އޮންނަ ކޮންގްރެސްގެ ރިޕޯޓުގައި ބުނެފައިވެ އެވެ. ބެންގާޒީ މައްސަލައާ ގުޅިގެން ހިލަރީގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ވަނީ ހުރަސްތައް ކުރިމަތިވެފަ އެވެ.

ހަނގުރާމަވެރިންގެ ބަޔަކު ބެންގާޒީގެ އެމެރިކާ މިޝަނަށް ދިން ހަމަލާގައި މަރުވި ހަތަރު މީހުންގެ ތެރޭގައި ސަފީރު ކްރިސް ސްޓީވަންސް ވެސް ހިމެނެ އެވެ.

ކޮންގްރެސްގެ ކޮމިޓީގައި މި އަހަރު ކުރީކޮޅު ވާހަކަ ދައްކަވަމުން ހިލަރީ ވަނީ ބެންގާޒީ ހަމަލާގެ ޒިންމާ އުފުއްލަވާ ކަމަށް ވިދާޅުވެފަ އެވެ. ރިޕޯޓަށް ފަހު ހިލަރީގެ ކެމްޕޭން އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ކުރިންކޮށްފައިވާ ތަހުގީގާ ތައާރަޒްވާ ވާހަކަތަކެއް ފަހުން ނެރުނު ރިޕޯޓުގައި ނެތް ކަމަށެވެ. އަދި މިއީ އެކަމަނާގެ ކެމްޕޭނަށް ދިން ހަމަލާއެއް ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. ކޮމިޓީގެ ރިޕަބްލިކަން މެޖޯރިޓީ ހިލަރީއާ ދެކޮޅަށް ބޭނުންކުރި ނަމަވެސް އެކަމަނާއާ ދެކޮޅަށް އިތުބާރު ހުރި ހެއްކެއް ދެއްކިފައި ނުވާ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ރިޕޯޓް ތައްޔާރުކުރި ކޮމިޓީގެ ޗެއާމަން އަދި ސައުތު ކެރޮލީނާގެ ރިޕަބްލިކަން މެންބަރު ޓްރޭ ގޯޑީ ވިދާޅުވީ ހިލަރީ އަށް އެއްވެސް ކަމެއް އަމާޒު ކުރުމަކީ ކޮމިޓީގެ މަގްސަދެއް ނޫން ކަމަށެވެ.