10 ސެޕްޓެމްބަރ 2017 - 16:10

އަންކާރާ (ސެޕްޓެމްބަރު 10) - ރޮހިންޖާ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކުގެ މައްސަލަ މި ހަފުތާގައި ފަށާ އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމަށް ހުށަހަޅާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.
އުރުދުޣާން ވިދާޅުވީ ރޮހިންޖާ މުސްލިމުންނަށް ކުރިމަތިވެފައިވާ ގަތުލްއާއްމު ހުއްޓުވުމަށް ދުނިޔޭގެ ލީޑަރުންނަށް އޭނާ ބާރު އަޅުއްވާނެ ކަމަށެވެ. ޖެނެރަލް އެސެމްބީގެ ބައްދަލުވުން ނިއު ޔޯކުގައި ކުރިއަށް ދާނީ މި މަހު 12-25 އަށެވެ.
"މިއަންމާގެ މުސްލިމުންނަށް ލިބެންދާ އަނިޔާތައް ދުނިޔެ އިން އެދަނީ ބަލަމުން. އަވަށްތައް އަންދަމުންދާ މަންޒަރު ފެނޭ. މިއަންމާގެ ގަތުލްއާއްމުގައި އިންސާނީ އެހީތެރިކަން މި ވަނީ ހިމޭންވެފައި،" މި މަހު 4 ވަނަ ދުވަހު އުރުދުޣާން ވިދާޅުވި އެވެ.
އުރުދުޣާން ވަނީ މި މަހު 5 ވަނަ ދުވަހު މިއަނާމްގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ އަށް ފޯނު ކުރައްވާ ރޮހިންޖާ މުސްލިމުންގެ ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. ސޫކީ އަށް ފާޑު ވިދާޅުނުވި ނަމަވެސް އުރުދުޣާން ވަނީ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާގައި ހިންގަމުން ގެންދަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ރަކީން ސްޓޭޓުގެ ހާލަތާ މެދު އިސްލާމީ ދުނިޔެ ކަންބޮޑުވާ ކަމަށް އުރުދުޣާން ވަނީ ސޫކީ އަށް ދަންނަވައިފަ އެވެ.
ސޫކީ ވަނީ ރަކީންގައި މުސްލިމުން ހިމާޔަތް ކުރާ ކަމަށް އުރުދުޣާން އަރިހު ވިދާޅުވެފަ އެވެ. ރަކީން ސްޓޭޓުގެ ހާލަތާ ގުޅޭ ގޮތުން މީޑިއާގައި ދޮގު މައުލޫމާތު ފަތުރާ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
ތުރުކީން ވަނީ ރަކީން ސްޓޭޓުގެ މުސްލިމުންނަށް 1،000 ޓަނުގެ ކާނާ އާއި އަންނައުނު އަދި ބޭސް މި މަހު 6 ވަނަ ދުވަހު ފޮނުވައިފަ އެވެ.