އޮގަސްޓްމަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު މިންވަރު 14 ޕަސެންޓް އިތުރުވެއްޖެ
އޮގަސްޓްމަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު މިންވަރު 14 ޕަސެންޓް އިތުރުވެއްޖެ

މިދިޔަ އޮގަސްޓް މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު މިންވަރު 14 ޕަސެންޓް އިތުރުވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އޯގަސްޓް މަހު 2.8 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކުރިއިރު މިދިޔަ މަހު އެ އަދަދު ވަނީ 3.1 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން ބަލާއިރު 19 ޕަސެންޓް މުދާ ޔޫއޭއީ އިން އިމްޕޯޓްކުރިއިރު ޗައިނާ 13 ޕަސެންޓް، އިންޑިއާ އިން 12 ޕަސެންޓް އަދި ސިންގަޕޫރު އާއި މެލޭޝިޔާއިން ކޮންމެ ގައުމަކުން ވެސް މުދާ އެތެރެކުރި ނިސްބަތް އުޅެނީ 11 ޕަސެންޓްގަ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޯގަސްޓް މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 243 މިލިއަން ރުފިޔާ ލިބިފައިވާ އިރު މިދިޔަ އަހަރުގެ އޯގަސްޓް މަހު ލިބިފައި ވަނީ 214 މިލިއަން ރުފިޔާ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓުކުރި މިންވަރު ވަނީ މިދިޔަ އަހަރުގެ އޯގަސްޓްމަހާ އަޅާބަލާއިރު 18 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އޯގަސްޓްމަހު 269 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު މިދިޔަ މަހު އެ އަދަދު ވަނީ 317 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

ރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ މަހު އެކްސްޕޯޓްކުރި މުދަލުގެ 40 ޕަސެންޓް ތައިލެންޑަށް އެކްސްޕޯޓް ކުރިއިރު ދިހަ ޕަސެންޓް އެކްސްޕޯޓްކޮށްފައި ވަނީ އިނގިރޭސިވިލާތަށެވެ.