10 ސެޕްޓެމްބަރ 2017 - 14:00

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުން ދޫކުރުމުގެ އަމުރަކަށް އެދި ފާރިސްގެ ފަރާތުން ހުށަހެޅި ހެބިއަސް ކޯޕަސްގެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާ ނިންމި ނިންމުން ރަނގަޅު ކަމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ނިންމައިފި އެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ފާރިސް ދޫކޮށް ދިނުމުގެ އަމުރަކަށް އެދި އޭނާގެ ފަރާތުން ހެބިއަސް ކޯޕަސްގެ މައްސަލައެއް ފުރަތަމަ ހުށަހެޅީ އެ މައްސަލާގައި ތުހުމަތު ކުރެވުނު އަހުމަދު ޝާފިއު ބަންދު ކުރެވޭނެ ތަނެއް ނެތް ކަމަށް ހައި ކޯޓުން ނިންމުމުންނެވެ.
އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާ ނިންމި ނިންމުން އަލުން ބަލައި ދިނުމަށް އެދި ފާރިސްގެ ފަރާތުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން، ރެޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށް ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅައި، އެކަން އެންގީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ފާރިސް ދޫކުރުމުގެ އަމުރަކަށް އެދި ފުރަތަމަ ހުށަހެޅި މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ކޯޓުން ނިންމާފައިވާއިރު، އެފަދަ ދެވަނަ މައްސަލައެއް ވެސް އޭނާގެ ފަރާތުން މިދިޔަ ހަފުތާގައި ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލަ ހުށަހެޅީ ފާރިސް އަށް ކުރި ތުހުމަތާ ތަފާތު އެހެން ތުހުމަތެއްގައި، ދައުވާ އުފުލާފައިވާތީ ކަމަށް ބުނެ އެވެ.
ފާރިސްގެ ފަރާތުން ފަހުން ހުށަހެޅި މައްސަލާގައިވާ ގޮތުން އޭނާ އަށް އެންމެ ފުރަތަމަ ތުހުމަތުކޮށް، ބަންދުކުރީ ރިޝްވަތު ދިނުމުގެ ތުހުމަތުގައި ކަމަށް ވިޔަސް އެ މައްސަލާގައި ދައުވާ އުފުލިއިރު، ކޮށްފައި އޮތީ ރިޝްވަތު ހިފުމުގެ ތުހުމަތެވެ. އެހެންވެ، ފާރިސް ވަގުތުން މިނިވަންކޮށްދޭން އެ މައްސަލާގައި އެދިފައިވެ އެވެ. އެކަމަކު މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ފާރިސް ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކުރަން އޭނާގެ ފަރާތުން ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލާފައި ވިޔަސް އެ މައްސަލައިގެ ހުކުމެއް އަދި ހައި ކޯޓުން ނީއްވަ އެވެ.