29 ޖޫން 2016 - 14:20

ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނެގުމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މީޑިއާގައި ހައްދަވަނީ ދޮގު ކަމަށް ގެސްޓް ހައުސް އެސޯސިއޭޝަނުން މިއަދު ބުނެފި އެވެ.

ގެސްޓް ހައުސްތައް ހިންގާ ރަށްރަށުގެ ކުނި ދެމެހެއްޓެނިވި ގޮތަކަށް މެނޭޖް ކުރުމަށްޓަކައި، ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނެގުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ޒަމީރު "މިހާރު" ގައި ވިދާޅުވުމާ ގުޅިގެން، ގެސްޓް އެސޯސިއޭޝަނުން ބުނީ، މީޑިއާގައި މިނިސްޓަރު އެހެން މޭރުމަކުން ވާހަކަ ދައްކަވާތީ "ބައެއްގެ ޕްރެޝަރު" އޮތްހެން ވަރަށް ބޮޑަށް ޔަގީންވާ ކަމަށެވެ.
"އަޅުގަނޑުމެންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ޒަމީރު ވަރަށް ސާފުކޮށް ވިދާޅުވި، ޕާސަނަލީ ތިމަންނަ ތާއީދެއް ނުކުރައްވަމޭ ގްރީން ޓެކްސް ނަގާކަށް. ގްރީން ޓެކްސް ނަގާ ކަމަށް ވަނީ ނަމަ، ހުރިހާ އިންޑަސްޓްރީއަކުން ނަގަން ވާނެއޭ. ތިމާވެށި ހިމާޔަތް ކުރުމަކީ ވަކި އިންޑަސްޓްރީއެއްގެ ކަމެއް ނޫނޭ،" ގެސްޓް ހައުސް އެސޯސިއޭޝަނާ އެކު ޒަމީރު މީގެ ދެ ދުވަސް ކުރިން ބޭއްވެވި ބައްދަލުވުމާ ގުޅޭ ގޮތުން އެ އެސޯސިއޭޝަންގެ އިސް މެމްބަރަކު ވިދާޅުވި އެވެ.
"ޒަމީރުގެ ވާހަކައިން ވަރަށް ބޮޑަށް ޔަގީންވި ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ދެކޮޅުކަން. އެކަމަކު މީޑިއާގައި އެހެން މޭރުމަކުން ވާހަކަ ދެއްކެވި ކަމީ ވަރަށް ދެރަކަމެއް."
"މިހާރު"އާ ވާހަކަ ދައްކަވަމުން ޒަމީރު އިއްޔެ ވިދާޅުވީ، ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނެގުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އެގޮތުން ވަކި ވަރަކަށް ގެސްޓް ހައުސްތައް ހުންނަ ރަށްރަށުގެ ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނެގުމުން އޭގެ ފައިދާ އެންމެންނަށް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން އަންނަ އޮކްޓޫބަރު މަހުން ފެށިގެން ބޮލަކަށް ދުވާލަކު ހަ ޑޮލަރު ނަގަން ހުށަހެޅި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީން މިހާރު އެ އަދަދު ވަނީ ތިން ޑޮލަރަށް ދަށް ކޮށްފަ އެވެ. ގެސްޓް ހައުސްތައް ހިންގާ މީހުންގެ ބޮޑެތި ޝަކުވާތަކާ ގުޅިގެން އެ އަދަދު ތިން ޕަސެންޓަށް ކުޑަ ކޮށްފައިވާ އިރު، އެއާ މެދު ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.
ގްރީން ޓެކްސް ނަގަން ނިންމި މައްސަލާގައި ގެސްޓް ހައުސް އެސޯސިއޭޝަނުން ފެށުނީއްސުރެ އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެސޯސިއޭޝަނުން ބުނީ ގެސްޓް ހައުސްތަކުގެ ކަންބޮޑުވުންތައް މިނިސްޓަރު ޒަމީރަށް ތަފުސީލްކޮށް ދަންނަވާފައިވާނެ ކަމަށެވެ. އެތަނުން މިއަދުވެސް ބުނިގޮތުގައި ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ފަށައިފި ނަމަ، އެތަންތަން "ފުނޑިދާނެ" އެވެ. އަދި ގެސްޓް ހައުސް ވިއްކާ އަގުތައް އިންތިހާއަށް ބޮޑުކުރަން ޖެހި، އޭގެ ގެއްލުން ވެދާނެ ކަމަށް އެސޯސިއޭޝަނުން ބުންޏެވެ.
"މިސާލަކަށް ހުޅުމާލޭގައި ގެސްޓް ހައުސްއެއްގެ ރެންޓަކީ ދުވާލަކު 30-40 ޑޮލަރު. އެވްރެޖް ރޭޓަކީ 50 ޑޮލަރު. ޓެކްސްއޭ ބުނާއިރު ޕްރޮޑަކްޓްގެ ވެލިއުއަށް އިތުރުކުރާނެ އެއްޗެއް ނެތް. ގްރީން ޓެކްސް ނިންމާފައި، ޕްރޮޑަކްޓްގައި އަގެއް ނެތިއްޔާ ކިހިނެއްތޯ ޓެކްސް ނަގާނީ؟،" އެސޯސިއޭޝަންގެ އިސް މެމްބަރު ވިދާޅުވި އެވެ.
"ޓެކްސްއާ ގުޅިގެން ގެސްޓް ހައުސްތަކުގެ އަގު ބޮޑުކުރާއިރު، ރިސޯޓްތަކުން ބޮޑެތި ޕެކޭޖް ހަދާފައި 200 ޑޮލަރަށް ކޮޓަރިތައް އެބަދޫކުރޭ. ކިހިނެއްތޯ އެ ރިސޯޓުތަކާ އަޅުގަނޑުމެން ވާދަކުރާނީ. އެހެންވީމާ ގްރީން ޓެކްސްއާ ގުޅިގެން ގެސްޓް ހައުސްތައް ފުނޑިގެން ދާނެކަން ޔަގީން. މާކެޓް އެއްކޮށް ގެއްލޭނެ."
ގެސްޓް ހައުސް އެސޯސިއޭޝަނުން ބުނިގޮތުގައި ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ނިންމާފައި ވަނީ، ޅަފަތުގައި އޮތް އިންޑަސްޓްރީއެއް ނެތިކޮށްލުމަށެވެ. އަދި އެއީ ވަރަށް ބޮޑަށް ރާވައިގެން ހިންގާ ކަމެއްގެ ގޮތުގައި އެސޯސިއޭޝަނުން ފާހަގަކުރި އެވެ.
"ގެސްޓް ހައުސް ހިންގައިގެން ތަނަކުން 70 ޕަސެންޓް އާމްދަނީ ސަރުކާރަށް ދައްކާ. ގެސްޓް ހައުސް ހިންގާ މީހާ އަށް ލިބެނީ 30 ޕަސެންޓް. ފެނާއި ކަރަންޓާއި ގްރީން ޓެކްސް އާއި ޖީއެސްޓީ އާއި ބީޕީޓީގެ ގޮތުގައި އެތަންތަނުން ސަރުކާރަށް 70 ޕަސެންޓް ދައްކާއިރު، ތަން ހިންގާ މީހާ އަށް 30 ޕަސެންޓް ލިބުމަކީ އަޅުވެތިކުރުން،" އެސޯސިއޭޝަނުން ބުންޏެވެ.