11 ސެޕްޓެމްބަރ 2017 - 06:07

އިނގިރޭސިވިލާތުގެ އަންހެން ލަވަ ކިޔުންތެރިޔާ އެޑެލް އެ ފަންނުގައި ކިތަންމެހާ ވެސް ކާމިޔާބެވެ. މަގުބޫލެވެ. އެކަމަކު ހަމައެކަނި ލަވަ ކިޔައިދީގެން ފޭނުން މުނިފޫހި ފިލުވައި ދީފައި ނިންމައިލާކަށް އޭނާ ބޭނުމެއް ނޫނެވެ.
މިހާތަނަށް ތިން އަލްބަމް ނެރެ، ގްރެމީ ވެސް ހާސިލްކޮށްފައިވާ އެޑެލް، 29، މިހާރު އެކްޓިން ހުނަރު ދައްކާލަން ވެސް އަންނަނީ ސީރިއަސްކޮށް ވިސްނަމުންނެވެ. އިނގިރޭސިވިލާތުގެ ދަ ސަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 1968 ގައި ރިލީޒް ކުރި މިއުޒިކަލް "އޮލިވާ" ގެ ރިމެކިއެއް ހަދަން ނިންމާފައިވާ އިރު، އެ ފިލްމުގެ މުހިއްމު ރޯލެއް އެޑެލް އަށް ވަނީ ހުށަހަޅައިފަ އެވެ. އަދި ފިލްމަށް އޭނާ އެއްބަސްވާ ނެ ކަމަށް ވެސް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ސަން އިން ބުންޏެވެ.
"އޮލިވާ" ގެ ރިމެކިން ހަދާ އެގްޒެކެޓިވް ޕްރޮޑިއުސަރުންނާ ހަވާލާދީ އެހެން ބައެއް މީޑިއާތަކުން ބުނެފައި ވަނީ އެ ފިލްމުން އެޑެލް އަށް ހުށަހަޅާފައި ވަނީ ނޭންސީގެ ކެރެކްޓާ އެވެ. އަދި ފިލްމަށް އެޑެލް އެއްބަސްވާނެކަމާ ދޭތެެރޭ ސަތޭކަ ޕަސަންޓް ގެރެންޓީ ޕްރޮޑިއުސަރުންނަށް އެބަ އޮތެވެ.
އެހެންވެއްޖެ ނަމަ "އޮލިވާ" ވެގެން ދާނީ ބޮޑު ސްކްރީނުގައި އެޑެލް އެކްޓިން ހުނަރު ދައްކައިލާ ފުރަތަމަ ފިލްމަށެވެ.
މި ފިލްމަކީ މަޝްހޫރު ލިޔުންތެރިޔާ ޗާލްސް ޑިކެންސްގެ "އޮލިވާ ޓްވިސް" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ކުރީގެ ފިލްމުގައި ލީޑް ރޯލް ކުޅެފައި ވަނީ މާކް ލެސްޓާ، ޝާނީ ވެލިސް އަދި ރޮން މޫޑީ އެވެ. އޮރިޖިނަލްގައި ނޭންސީގެ ރޯލް ކުޅެފައި ވަނީ ޝާނީ އެވެ.
ކެރޮލް ރީޑް ޑައިރެކްޓް ކުރި "އޮލިވާ" އަށް 41 ވަނަ އޮސްކާ އެވޯޑްގައި 11 ނޮމިނޭޝަން ލިބުނު އިރު، އަށް ކެޓަގަރީއަކުން އެވޯޑް އުފުލި އެވެ. އޭގެ ތެރޭގައި ބެސްޓް ޕިކްޗާ އާއި ބެސްޓް ޑައިރެކްޓަރުގެ އެވޯޑް ވެސް ހިމެނެ އެވެ.
ދިހަ މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި "އޮލިވާ" އަށް ބޮކްސް އޮފީހުގައި 77.4 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އެވެ.
މި ފިލްމްގެ ރިލީޒް ކުރިތާ ބައި ގަރުނެއްހާ ފަހުން ރިމެކިންއެއް ހަދަން ނިންމި ނަމަވެސް، ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.