10 ސެޕްޓެމްބަރ 2017 - 17:07

އަލް ޝާލީ މެރިން މޯލްޑިވްސް އިން "ކެނަރީ 21"ގެ ނަމުގައި އާ ލޯންޗެއް ތައާރަފްކޮށްފި އެވެ.

ދަރުބާރުގާގައި ކުރިއަށްދާ މެރިން އެކްސްޕޯގައި ޑިސްޕްލޭ ކޮށްފައިވާ އެ ލޯންޗް ބަންނަން ފެށީ މި އަހަރު މެދުތެރޭގައި ކަމަށް އަލްޝާލީ މެރިން މޯލްޑިވްސްގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއީލް ޝަރީފު ވިދާޅުވި އެވެ.

މެރިން އެކްސްޕޯ އަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އެ ލޯންޗަށް އަރާ، ލޯންޗްގެ ތަފްސީލްތައް ބެލޭނެ އެވެ.
ޝަރީފް ވިދާޅުވީ 21 ފޫޓުގެ "ކެނަރީ 21" އަކީ 8-10 މީހުންގެ ޖާގައިގެ ލޯންޗެއް ކަމަށެވެ. އަދި އެ ލޯންޗް ފަރުމާ ކޮށްފައިވަނީ ޓޫރިޒަމް ދާއިރާ އަށް ހާއްސަ ބޭނުންތަކަށް ކަމަށެވެ.
"ފަރުމާ ކޮށްފަ އިންނާނީ ސްނޯކްލިން އަދި ސޭންޑްބޭންކް [ފިނޮޅު] ތަކަށް ގެސްޓުން ގޮވައިގެން ދާން. ވޯޓާ ސްޕޯޓްސް ވެސް ޖެއްސޭނެ. ހާއްސަ ކަމަކީ ވަރަށް ތިލަ ތަންތަނަށް ލޯންޗް ކައިރި ކުރެވޭނެ،" ޝަރީފް ވިދާޅުވި އެވެ.
މާކެޓް އަގުތަކާ އަޅާ ބަލާއިރު "ކެނަރީ 21"ގެ އަގު ހެޔޮވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އަދި އެ މީހަކު ބޭނުން ގޮތަކަށް ގިނަ ކަންކަން ކަސްޓަމައިޒް ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އާންމުކޮށް މި އިންނަނީ އެއް އިންޖީނު، އެދުމުން ދެ އިންޖީނަށް ބަދަލު ކުރެވޭނެ. ގެގަނޑު ވެސް ކަސްޓަމައިޒް ކުރެވޭނެ،" ޝަރީފް ވިދާޅުވި އެވެ.
ކޯސްޓްލައިނުން ޔޫއޭއީގެ އަލްޝާލީ މެރިންއާ ގުޅިގެން އުފައްދާފައިވާ އަލްޝާލީ މެރިން މޯލްޑިވްސް އަކީ މެރިން އިންޑަސްޓްރީގެ "ޓޯޓަލް ސޮލިއުޝަން"ދޭ ހަމައެކަނި ކުންފުނި ކަމަށް ޝަރީފް ވިދާޅުވި އެވެ. އެގޮތުން އެ ކުންފުނިން އެކި ރޭންޖްތަކުގެ ލޯންޗާއި، ދޯނި ބަނުމުގެ އިތުރުން އެ ދާއިރާގެ ހުރިހާ ހިދުމަތްތަކެއް ދެމުން ގެންދެ އެވެ.