10 ސެޕްޓެމްބަރ 2017 - 11:08

މިދިޔަ މެއި މަހު މަރާލި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން ސިއްރުކޮށްފި އެވެ.
ޔާމީނަށް ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރައިލި މައްސަލައިގައި ދައުލަތުން ދައުވާކުރާ ހަތް މީހުންގެ ތެރެއިން ހަ މީހެއްގެ ޝަރީއަތް މިއަދު މެންދުރު ފަށަން ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވާއިރު އެ ޝަރީއަތް ސިއްރު ކުރަން ނިންމީ ދައުލަތުން އެދިގެން ކަމަށް ކޯޓުން ބުންޏެވެ.
އެ މައްސަލާގައި މިއަދު ބާއްވަނީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ކޮންމެ މައްސަލައެއްގައި ވެސް ބާއްވަން ޖެހޭ އިބްތިދާއީ އަޑުއެހުމެވެ.
ދައުލަތުން ދައުވާކުރާ މީހުންގެ ތެރެއިން މިއަދު ފަށަން ހަމަޖައްސާފައި އޮތީ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒާއި މ. ތާއިފް އިސްމާއީލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ ޝަރީއަތެވެ.
އެ ހަ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ހަތް ވަނަ މީހާގެ މައުލޫމާތު އަދި ސާފެއް ނުވެ އެވެ. އޭނާގެ ޝަރީއަތް އަދި ތާވަލެއް ވެސް ނުކުރެ އެވެ.
ޒިހާނާއި ހައިޝަމަކީ ޔާމީން މަރައިލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ކަމަށް ފުލުހުން ބުނެ އެވެ.
ޔާމީން ދިރިއުޅުނު ގޭގެ ސިޑިގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލީ ދީނީ ޚިޔާލު ތަފާތުވުންތަކެއްގެ ތެރޭގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.