10 ސެޕްޓެމްބަރ 2017 - 09:35

ދިރާގު ޓީޓްވެންޓީ ޕްރިމިއާ ލީގް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ސީބީއެލް ހޯދައިފި އެވެ.
އެ ޓީމު ތަށި ހޯދީ އިއްޔެ ކުޅުނު ފައިނަލް މެޗުގައި މިލާން ކްރިކެޓް އެކަޑަމީއާ ބައްދަލުކޮށް 33 ލަނޑުން މޮޅުވެގެންނެވެ.
ޓޮސް ދިމާވުމުން ސީބީއެލް ގަސްދުކުރީ ކުޅެން އަރާށެވެ. ކުޅެން އަރައި އަށް ކުޅުންތެރިން ނުބައިވެގެން 20 އޯވަރުގެ ތެރޭގައި ހެދުނީ 136 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 34 ލަނޑު ހެދި ސިމޯން އާއި 32 ލަނޑު ހެދި ކެޕްޓަން ހަސަން ހާޒިގް ރަޝީދެވެ. މިލާން ޓީމުން ލީމް ޝަގީފް 27 ލަނޑަށް ތިން ވިކެޓް ނެގިއިރު ތުސާތު ވަނީ 24 ލަނޑަށް ދެ ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި މިލާން ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 103 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 36 ލަނޑު ހެދި މުހައްމަދު އައްޒާމެވެ. ސީބީއެލް އިން ސިމޯން އާއި އަމީލް، ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގި އެވެ.
މުބާރާތުގެ އެންމެ މޮޅު އުކުންތެރިއަކަށް މިލާނުގެ އިބްރާހިމް ނަޝާތު ހޮވުނުއިރު އެންމެ މޮޅު ހޮވުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ޝަފްރާޒް ޖަލީލެވެ. އެންމެ މޮޅު ވިކެޓް ކީޕަރަކީ ސީބީއެލްގެ ހާޒިގެވެ. ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްރީ ލަންކާ ހައިކޮމިޝަން ޓީމުގެ ނިލާންތަ ކޫރޭ އެވެ.