ވިހަން ބިރު ގަންނަ މީހުން އިތުރުވަނީ ކީއްވެ؟
ވިހަން ބިރު ގަންނަ މީހުން އިތުރުވަނީ ކީއްވެ؟

ދަރިން ވިހެއުމުގެ ތަޖުރިބާ އެކި އަންހެނުން ކުރަނީ އެކި ގޮތަށެވެ. އެއްބަޔަކަށް އެއީ މާބޮޑު ކަމަކަށް ނުވެ އެވެ. ނަމަވެސް އަނެއް ބަޔަކު ގަދަ ވޭނުގައި ގިނަ ދުވަސްތަކަކު އުޅެން ޖެހެ އެވެ.

ވިހަން ބިރު ގަންނަ މީހުން އިތުރުވަނީ ކީއްވެ؟
ވިހަން ބިރު ގަންނަ މީހުން އިތުރުވަނީ ކީއްވެ؟

ވަރަށް ފަހުން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުން ކުރިން ހީކުރެވިފައިވާ ވަރަށް ވުރެ މާބޮޑަށް އަންހެނުން ދަރިން ވިހަން ބިރުގަނެ އެވެ. އެއީ ހަމަ އެކަނި ރިއްސާނެތީ ގަންނަ ބިރެއް ނޫނެވެ.

ދިރާސާ ރިޕޯޓާ ގުޅޭ މީޑިއާ ރިޕޯތްތަކުގައިވާ ގޮތުން، ބަލިވެ އިނުމާ ގުޅިގެން ކަންބޮޑުވާ ކަންތައްތަކުގެ ތެރޭގައި އެމީހަކު ވިހަން ދާނެ ޚިދުމަތް ރަނގަޅު ހޮސްޕިޓަލަކާއި ޑޮކްޓަރެއް ހޯދުމާއި ބަނޑުގައި ރިހެން ފެށުމާ އެކު ދެން ވެދާނެ ގޮތާއި މައްސަލައެއް ދިމާވެއްޖެ ނަމަ ދެން ދިމާވެދާނެ މައްސަލަތައް ހިމެނެ އެވެ.

މިފަދަ ފިކުރުތައް އިތުރުވުމަކީ ބަލިވެ އިނުމާ ގުޅިގެން އަންހެނުންނަށް މެދުވެރިވާ ޑިޕްރެޝަންގެ އިތުރަށް ބޮޑުވާން ދިމާވާ ކަމެކެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ބަލިވެ އިނުމާ ގުޅިގެން ގަންނަ ބިރާއި ވިހާއިރު ގަންނަ ބިރަކީ ވަރަށް އާދައިގެ ކަމެކެވެ.

"ބަލިވެ އިންނަ ކޮންމެ މީހަކު ވެސް އެމީހަކީ ކިތަންމެ ޖެހިލުން ކުޑަ މީހެކޭ ހީވިޔަސް ކޮންމެވެސް ވަރަކަށް ކަންބޮޑުވާނެ ކަންތައްތައް ހުންނާނެ. ވިހެއުމުގެ ކަންތައްތައް މެނޭޖްކުރާނީ ކިހިނެއްތޯ އަދި ވެދާނެ ގޮތަކާ މެދު ކޮންމެ މީހަކުވެސް ވިސްނާނެ،" ނެޝަނަލް ޗައިލްޑްބާތު ޓްރަސްޓް ވެބްސައިޓުގައި ބުނެފައިވެ އެވެ.

ނަމަވެސް ބައެއް މީހުންނަށް މި ކަންބޮޑުވުންތައް އިންތިހާއަށް ބޮޑުވެ އެވެ. "ޓޮކޮފޯބިއާ"ގެ ނަން ދީފައިވާ މި ހާލަތަށް މީހުން ދަނީ ވިހަން ގަންނަ ބިރެއްގެ ސަބަބުންނެވެ.

މިފަދަ އެއް ދިރާސާއެއް ދައްކާ ގޮތުން ބަލިވެ އިންނަ މީހުންގެ 20 ޕަސެންޓް މީހުން، ވިހެއުމުގެ ކަންތައްތައް ދާނެ ގޮތަކާ ދޭތެރޭ ކޮންމެވެސް ވަރަކަށް ބިރުގަނެ އެވެ. އަދި މީގެ ތެރެއިން ހަ ޕަސެންޓް މީހުންނަކީ ބަލިވެ އިނދެ ވިހެއުމުގެ ދުވަސްވަރުގެ ހާލަތަށް ނޭދެވޭ އަސަރުތައް ކުރާ ވަރަށް ބިރުގަންނަ ބައެކެވެ.

މިގޮތަށް ބިރުގަންނަ ބައެއް މީހުން އެއްގޮތަކަށް ވެސް ބަލިވެ އިނދެ ދަރިން ވިހަން ބޭނުމެއް ނުވެ އެވެ. އަނެއް ބަޔަކު ބަލިވެ އިނަސް އެބޯޝަން ހަދައިގެން ދަރީގެ ދުވަސް ދުއްވާލަނީ އެވެ. އަނެއް ބަޔަކު ވިހޭތޯ މަސައްކަތް ނުކޮށް ޑޮކްޓަރު ގާތު އާދޭސް ކޮށްގެން ސިޒޭރިއަން ހަދަން ވިސްނަ އެވެ.

މިފަދަ ދިރާސާއެއް ހެދުމުގެ އެންމެ މުހިއްމު ބޭނުމެއް ކަމަށް ސައިންސްވެރިން ވިދާޅުވީ މާބަނޑުވުމުން ދިމާވާ މައްސަލަތަކާ މެދު މީހުން ގަންނަ ބިރު ދަނެގަނެ ބިރު ފިލުވާލެވޭތޯ ކުރެވޭނެ މަސައްކަތް ދެނެގަތުމެވެ.

މާބޮޑަށް ބިރުގަންނަ މީހުން، ވިހާ ވަގުތު ކައިރިވަމުން އަންނަ ވަރަކަށް ބިރުގަތުން އިތުރުވުމުގެ ސަބަބުން ވެސް ވިހަން އުނދަގޫވެ ނުވިހާ ގިނަ ވަގުތުތަކެއް ވޭނުގައި އޮންނަން މެދުވެރިވާ ކަމަށް ޔުނިވަސިޓީ އޮފް މިޗިގަން ސްކޫލް އޮފް ނާސިންގެ ކްލިނިކަލް އެސިސްޓެންޓް ޕްރޮފެސަރު ލީ ރޫޒްވެލްޓް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ މިފަދަ ގިނަ މީހުންގެ ސިޒޭރިއަން ހަދަން ޖެހެނީ ގަންނަ ބިރުގެ ސަބަބުން ކުރިމަތިވާ އިތުރު މައްސަލަތަކުގެ ސަބަބުން ކަމަށެވެ. އަދި މި މީހުންގެ ވިހެއުމަށްފަހު ވެސް ޑިޕްރެޝަންގެ މައްސަލައިގައި ގިނަ ދުވަސްތަކެއް އުޅެންޖެހުމަކީ ވަރަށް ގާތުގައި އޮތް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޫޒްވެލްޓް ވިދާޅުވި ގޮތުގައި ބިރުން އުޅޭ ގިނަ މީހުންގެ އެންމެ ބޮޑު ބިރަކީ އެމީހުންނަށް ފަރުވާ ދޭން ތިބޭ މީހުން އެންމެ މުހިއްމު ވަގުތު އެމީހުން ދޫކޮށްލާފައި ހިނގާދާނެތީ ގަންނަ ބިރެވެ.

"ފަރުވާ ދޭން ތިބޭ ޑޮކްޓަރުންނާއި ނަރުހުން އެމީހުންނަށް އިހްތިރާމާ އެކު ކަންތައްތައް ނުކޮށްދީފާނެތީ އާއި އެމީހުންގެ ކަންބޮޑުވުންތައް ރަނގަޅަށް އަޑު ނާހާފާނެތީ ވަރަށް ގިނަ ބަޔަކު ކަންބޮޑުވޭ. ނުވަތަ ވިހާ ގަޑީގައި އެމީހުންގެ ކައިރީގައި ނުހުރެދާނެތީ ވެސް ބިރުން އުޅޭ،" ރޫޒްވެލްޓް ވިދާޅުވި އެވެ.

މިކަމާބެހޭ އިތުރު ސާވޭ އެއް ހަދަން ސައިންސްވެރިން މިހާރު ދަނީ ވިސްނަމުންނެވެ. މި ސާވޭގައި، ވިހެއުމާ ގުޅޭ ގޮތުން އަންހެނުންނަށް ކުރެވިފައިވާ ތަޖުރިބާތަކާއި އެމީހުންގެ ހުރި ކަންބޮޑުވުންތައް ބަލައި އެކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރެވިދާނެކަމަށް އެބޭފުޅުން އުންމީދު ކުރެ އެވެ.

ބަލިވެ އިނުމާ ގުޅިގެން ކުޑަކޮށް ނަމަވެސް، ލޭ ހުންނަން ވާ ވަރަށް ވުރެ މައްޗަށް ދިއުމަކީ ވިހެއުމަށްފަހު ފަލަބަލި ޖެހުން ނުވަތަ ހަކުރުބަލި ޖެހުމުގެ ނުރައްކާ އިތުރުވާ ކަމެއް ކަމަށް ރިސާޗަރުން ބުނެ އެވެ.
މާބަނޑު އަންހެނުންގެ ތެރެއިން ލޭގެ ޕްރެޝަރު ހުންނަންވާ ވަރަށް ވުރެ ކުޑަ ތަންކޮޅެއް މަތިވިޔަސް ބަލިވެ އިނުމުގެ ތެރޭގަ އާއި ވިހެއުމުގެ ތެރޭގައި މައްސަލަތައް ދިމާވުމުގެ ފުރުސަތު ހަ ގުނަ އިތުރުވެ އެވެ.

ބައެއް ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ތަޖުރިބާކާރުންގެ ކަންބޮޑުވުމަކީ އެކި ގައުމުތަކުގައި ތިބި އެތައް ލައްކަ މާބަނޑު މީހުންނެއް ބަލާ ފަރުވާ ދޭ ޑޮކްޓަރުނާއި ފޫޅުމައިން، ލޭގެ ޕްރެޝަރު ކުޑަކޮށް މައްޗަސް އެއީ ހަމަ އާދައިގެ ކަމެއް ކަމަށް ގަބޫލުކުރާތީ އެވެ.

މިކަން މައްސަލައަކަށް ވަނީ ބަލިވެ އިނދެ ފުރަތަމަ ތިން މަސް ތެރޭ ލޭގެ ޕްރެޝަރު ކޮންމެވެސް ވަރަށް ދަށްވާތީ އެވެ. އެއީ ބަނޑުގައި އޮންނަ ކުޑަ ދަރިފުޅަށް ޖާގަ ދިނުމުގެ ގޮތުން މައިމީހާގެ ހޯމޯންސްތަކަށް އަންނަ ބަދަލަކުން ދިމާވާ ކަމެކެވެ.

އެހެންކަމުން ލޭ ކުޑަކޮށް މަތީގައި ހުންނަ މީހުންގެ ވެސް މިދުވަސްވަރު ލޭގެ ޕްރެޝަރު ބަލާއިރު ދައްކާނީ ނޯމަލް ކަމަށެވެ.

ނަމަވެސް ރިސާޗަރުން ވިދާޅުވަނީ މިފަދަ އަންހެނުންނަށް ވިހެއުމުގެ ތެރޭގައި ތަފާތު މައްސަލަތައް ދިމާވުން 6.5 ޕަސެންޓް އިތުރުވާ ކަމަށެވެ. އަދި ޕޯސްޓްޕާޓަމް މެޓަބޮލިކް ސިންޑްރޯމް ޖެހިދާނެތީ ވެސް ކަންބޮޑުވެ އެވެ. މިކަން ދިމާވާ މީހުންނަށް ފަލަބަލި، ހަކުރު މައްޗަށް ދިއުން އަދި ކޮލެސްޓްރޯލް މައްޗަށް ދިއުން ފަދަ ކަންތައްތައް ދިމާވެ އެވެ.