10 ސެޕްޓެމްބަރ 2017 - 08:56

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ށ. މިލަންދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރާއިރު މިރޭގެ މެޗަކީ މިލަންދޫގެ ކޯޗު މުހައްމަދު ނާސިރަށް ވަރަށް ހާއްސަ މެޗެކެވެ. އޭނާގެ ކާމިޔާބު ފުޓްބޯޅަ ކެރިއަރު ހޭދަކުރި ނިއުއާ ދެކޮޅަށް ކޯޗެއްގެ ގޮތުގައި ނުކުންނަން ޖެހޭތީ އެވެ.

"ވަރަށް ހާއްސަ މެޗެއް މިއީ. ހަ އަހަރު ކުޅުނު ކްލަބާ ދެކޮޅަށް ނުކުންނާތީ މި މެޗު ވަރަށް ހާއްސަ މެޗެއްގެ ގޮތުގައި ނަގަނީ،" ނިއު އިން 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ތިން ވަނަ ހޯދިއިރު މުހިއްމު ދައުރެއް އަދާކުރި ޑިފެންޑަރު ބުންޏެވެ.
އޭނާއާ އެކު ނިއު އަށް ކުޅުނު ބައެއް ކުޅުންތެރިން ކަމަށްވާ އަލީ އަޝްފާގް (ދަގަނޑޭ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) ފަދަ ކުޅުންތެރިން މިރޭ ވެސް ނޫ ޖާޒީގައި ފެންނާނެ އެވެ. ނާސިރު ބުނީ ކޯޗެއްގެ ގޮތުގައި ކުރިއަށްދާއިރު އެ ކުޅުންތެރިންގެ ސަޕޯޓް ވަރަށް ބޮޑަށް ލިބޭ ކަމަށާއި އެކަމަކު މިރޭ ހުރިހާ ވިސްނުމެއް ހުރީ މިލަންދޫ އަށް ރަނގަޅު ނަތީޖާއެއް ހޯދައިދޭން ކަމަށެވެ.
"ވަރަށް ބޮޑު ސަޕޯޓެއް ލިބޭ. އެކަމަކު މެޗަށް ނުކުންނައިރު އެ ކުޅުންތެރިންނާއި އިދިކޮޅު ޓީމު މުހިއްމު ނުވާނެ. އަޅުގަނޑަށް މިރޭގެ މެޗުގައި މުހިއްމު ވާނީ މިލަންދޫ،" ޒޯން މުބާރާތުގައި ހދ. ހަނިމާދޫ އަށް ކުޅެނިކޮށް ނިއު އިން 2003 ވަނަ އަހަރު ގެނައި ނާސިރު ބުންޏެވެ" އަޅުގަނޑުމެންގެ ޓާގެޓަކީ ބޮޑު ޓީމެއްގެ އަތުން ތިން ޕޮއިންޓް ހޯދުން. މި މެޗުން ވެސް މަދުވެގެން ޕޮއިންޓަކަށް އުއްމީދުކުރަނީ."
އެކަމަކު ނާސިރު ބުނީ އެހެން ޓީމުތަކަށް ވުރެ ނިއުއާ ދެކޮޅަށް ކުޅެން އުނދަގޫ ވާނެ ކަމަށާއި ސަބަބަކީ އެ ޓީމަކީ ތަފާތު މޮޅު ކުޅުންތެރިންތަކެއް ތިބި އަދި ތަފާތު ސްޓައިލަކަށް ގިނަ މޫވްމަންޓްތަކެއް އެކުލެވޭ ގޭމެއް ކުޅޭ ޓީމަކަށް ވުން ކަމަށެވެ. ނިއުގައި ވަކިވަކި ހުނަރުވެރި ކުޅުންތެރިން ކިތަންމެ ގިނަ ނަމަވެސް މޭން-މާކް ކޮށްގެން ކުޅުވުމުގެ ރޭވުމެއް ނެތް ކަމަށް ބުންޏެވެ.
"ކޮންމެ ގޮތެއް ވިޔަސް ޑިފެންސިވެއް ގޭމެއް ކުޅެވެން އޮންނާނީ. އެ ނޫން ގޮތަކަށް ކުޅެން އުޅެފި ނަމަ އަޅުގަނޑުމެން ކޮޅަށް 16، 17 ލަނޑު ޖަހާފާނެ. އެކަމަކު އިންޑިވިޖުއަލީ ވަކިވަކި ކުޅުންތެރިން މާކްކޮށްގެން ފައިދާއެއް ނޯންނާނެ. ޒޯނަލް މާކިން އިން ހުއްޓުވޭނީ. ސަބަބަކީ ވަކި ކުޅުންތެރިންތަކެއް ފަހަތުން ދުވަން ވެއްޖެއްޔާ (ދެން ތިބި ކުޅުންތެރިންނަށް ފުރުސަތު ލިބި) އުދަނގޫ ވާނެ،" ނާސިރު ބުންޏެވެ.
އޭނާ ބުނީ ބޮޑު ބްރޭކެއް އައުމުގެ ސަބަބުން ޓީމު އޮތީ އެންމެ ރަނގަޅު ފޯމުގައި ނޫން ކަމަށާއި ކުޅުންތެރިން ހަމަވެގެން ކުރެވުނީ މަދު ޕްރެކްޓިހެއް ކަމަށެވެ.
"ނިއު ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅެން އެންމެ ރަނގަޅު ހާލަތަކު ނޫން ޓީމު އޮތީ،" ނާސިރު ބުންޏެވެ.
ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނީ މިލަންދޫ ވެސް ނިއުއާ ދެކޮޅަށް ކުޅޭނީ އެހެން ޓީމުތަކެކޭ އެއްގޮތަށް ޑިފެންސިވް ކުޅުމެއް ކަމަށާއި އެކަމަކު ނިއު އިން މަސައްކަތްކުރާނީ ގޭމް ކޮންޓްރޯލްކޮށްގެން އެ ޓީމުގެ ސްޓައިލުގައި ކުޅެން ކަމަށެވެ.
"އަވަހަށް ލަނޑެއް ޖެހުން ވަރަށް މުހިއްމު. ސަބަބަކީ މިލަންދޫ އިން ކުރިން ކުޅުނު މެޗުތަކުގައި ވެސް އިދިކޮޅު ޓީމު ޕްރެޝަރަށް ދިޔަ ލަނޑެއް ނުޖެހުމުން،" އޮސްކާ ބުންޏެވެ.
ގައުމީ ޓީމަށް ނިއުގެ ނުވަ ކުޅުންތެރިން ދިޔައިރު އޮސްކާ ބުނީ ބްރޭކުގައި ޓީމު އެއްކޮށް ޕްރެކްޓިސް ކުރަން ލިބުނީ މަދު ދުވަހެއް ކަމަށާއި ބޮޑަށް މަސައްކަތްކުރަނީ ޓީމުގެ ރޫހު ގެންނަން ކަމަށެވެ.
"މޯރަލީ އެހާ ރަނގަޅު ނުވެދާނެ. އެހެންވެ ޓީމު އެކުލަވަލުމަށް ހާއްސަ ހަރަކާތްތަކެއް ޕްރެކްޓިހުގައި ވެސް ކުރިއަށް ގެންދަން. އެކަމަކު ހުރިހާ ކުޅުންތެރިން ވެސް ފިޓް. އެކަމާ އެއްވެސް ޝަކުވާއެއް ނެތް،" އޮސްކާ ބުންޏެވެ.
ގައުމީ ޓީމުގެ ދަށް ނަތީޖާގެ އަސަރު ކުޅުންތެރިންނަށް ކޮށްފައިވޭތޯ ނޫސްވެރިއަކު އެހުމުން އޮސްކާ ބުނީ ގައުމީ ޓީމާ މެދު ވާހަކަދައްކަން ބޭނުންނުވާ ކަމަށާއި އޭނާގެ ހުރިހާ ސަމާލުކަމެއް ހުރީ ނިއުގެ ކުޅުންތެރިން އަނެއްކާ ވެސް އެކުލަވާލައި މިރޭ ރަނގަޅު ނަތީޖާއެއް ނެރުމަށް ކަމަށެވެ.
މި މެޗަށް ނުކުންނައިރު ނިއު އޮތީ ނުވަ ޕޮއިންޓާ އެކު ތާވަލުގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި 10 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ. މިލަންދޫ އޮތީ ދެ ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.