11 ސެޕްޓެމްބަރ 2017 - 06:10

ސްވިޓްޒަލެންޑްގެ ޓިސިނޯގެ ކޮރިއްޕޯ އަވަށަކީ އުސް ފަރުބަދައެއް މަތީގައި އާބާދުވެފައިވާ ވަރަށް ހިތްގައިމު ތަނެކެވެ. ނަމަވެސް މި ހިތްގައިމު ރަށުގައި މިހާރު ދިރިއުޅެނީ އެންމެ 16 މީހުންނެވެ. އެ އެންމެންނަކީ ވެސް އުމުރުން ދުވަސްވީ މީހުންނެވެ.
ބީބީސީ އަށް ދިން އިންޓަވިއުއެއްގައި މި އަވަށުގެ މޭޔަރު ކްލައުޑިއޯ ސްކެޓްރީނީ ބުނި ގޮތުގައި މި ރީތި ހިސާބުގަނޑުގައި ދުވަސްކޮޅަކުން އެއްވެސް މީހަކު ނޫޅޭނެ އެވެ. އޭނާ ބުނީ އަވަށް ވީރާނާ ވެގެން ހިނގައިދާނެކަމުގެ ބިރު އެބަ އޮތް ކަމަށެވެ.
ހަ ސަތޭކަ އަހަރު ވީ މި އަވަށުގައި މިހާރު ސްކޫލެއް ފިހާރައެއް ވެސް ނުހުރެ އެވެ.
މި އަވަށުގެ ޒުވާނުން ވަނީ ތަރައްގީވެފައިވާ ސިޓީތަކަށް ބަދަލުކޮށްފަ އެވެ. ނަމަވެސް އެ އަވަށުގެ ދުވަސްވީ މީހުން އެހެން ތަނަކަށް ދާކަށް ބޭނުމެއް ނޫނެވެ. އެމީހުންގެ ރީތި ހިތްގައިމު ދިރިއުޅުން ދޫކޮށް، ކާރޫބާރޫގެ ތެރެއަށް ދާކަށް އެމީހުން ގަސްދެއް ނުކުރެ އެވެ. އެހެންވެ މިހާރު މި އެންމެން ވެސް ވަނީ ވަރަށް މޮޅު ޕްލޭނެއް ކޮށްފަ އެވެ.
އެ އަވަށުގެ ތާރީޚު ދެމެހެއްޓުމަށްޓަކައި އެމީހުން ރާވާފައިވަނީ އެ އަވަށުގައި ހުރި، ހިލައިން ހަދާފައިވާ 60 އަށް ވުރެ ގިނަ ގެ ހޮޓާތަކަކަށް ބަދަލުކޮށް ޓޫރިސްޓުން ގެންނާށެވެ.
މި އަވަށާ އެންމެ ކައިރީގައި އޮންނަ ސިޓީން މި އަވަށަށް ދާން ނަގަނީ އެންމެ 30 މިނިޓެވެ. އެހެންވެ ހަފުތާ ދެ ހަފުތާ އަކަށް މި ރަށް ބަލާލައި ޗުއްޓީ ހޭދަކުރަން އަންނަ މެހެމާނުންނަށް މަރުހަބާ ކިޔަން އެ ރަށުގެ މީހުން ދަނީ ރާވަމުންނެވެ.
ޚާއްސަކޮށް، މި އަވަށަކީ އާސާރީ ތަރިކަތައް ހުރި ތަނަކަށް ވާތީ އަވަށުގައި ދިރިއުޅޭ މީހުން މި އަވަށާ މެދު ވަރަށް ފަޚުރުވެރިވެ އެވެ. އެހެންވެ މެހެމާނުންނަށް މި އަވަށް ދައްކާލައި މައުލޫމާތު ދިނުމަކީ އެމީހުން ކުރަން ނިންމާފައިވާ ކަންކަމެވެ.