މަލައިކާ އާއި އަރްބާޒް ވަކިވިޔަސް ދަރިފުޅަށްޓަކައި އެކުގައި
މަލައިކާ އާއި އަރްބާޒް ވަކިވިޔަސް ދަރިފުޅަށްޓަކައި އެކުގައި

ބޮލީވުޑް ތަރިން ކަމަށްވާ އަރްބާޒް ޚާނާއި މަލައިކާ އަރޯރާ ޚާން ކައިވެނިކޮށްގެން އުޅުނު ދުވަސްވަރު އެމީހުން ފެންނަ ކޮންމެ މީހަކު ވެސް ބުނަނީ އެއީ އެހެން މީހުންނަށް މިސާލެއް ފަދަ ދެމަފިރިން ކަމަށެވެ. ނަމަވެސް މިހާރު މަލައިކާ އާއި އަރްބާޒް ވަނީ ވަކިވެފަ އެވެ.

މި މީހުންގެ ކިބައިން މިހާރު ފެންނަނީ ވަރިވިޔަސް، ދަރިން ތިބިނަމަ އުޅެން ޖެހޭނެ ގޮތުގެ ލާމަސީލު މިސާލެކެވެ. ޚިޔާލު ތަފާތުވުންތައް ނައްތާލައި ދަރިފުޅަށްޓަކައި އެމީހުން އުޅެނީ ވަރަށް ގުޅިގެންނެވެ.

އިންޑިއަން އެކްސްޕްރެސް އަށް އަރްބާޒް ދީފައިވާ އިންޓަވިއުއެއްގައި ބުނި ގޮތުގައި އެމީހުން ކިތަންމެ ގުޅިގެން ދަރިފުޅުގެ ކަންތައްތަކުގައި އުޅުނަސް 14 އަހަރުގެ އަރްހާން އަށް މައިންބަފައިން ވަކިވުމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ވަނީ ކޮށްފަ އެވެ. މައިންބަފައިން ވަކިވާން ޖެހުނު ސަބަބެއް ދަރިފުޅަކަށް ނުވިސްނެ އެވެ.

މަލައިކާ ވަރިކުރިޔަސް އޭނާ އާއި އޭނާގެ އާއިލާގެ މީހުންނާއި އަރްބާޒާ ވަރަށް ގާތް ގުޅުމެއް އޮވެ އެވެ. އެހެންވެ އަރްހާން އަށް ޓަކައި އޭނާ އެގޮތަށް އެ އާއިލާއާ ގުޅިގެން އުޅެން އަރްބާޒް ގަސްތުކުރެ އެވެ.

މަލައިކާ ވެސް އެހެން ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި މި މޭރުމުން ވާހަކަ ދައްކާފައިވެ އެވެ. އޭނާ ބުނި ގޮތުގައި އަރްހާން އަބަދުވެސް ބައްޕައާ ވަރަށް ގާތެވެ. އެހެންވެ އޭނާއަށްޓަކައި އަރްބާޒްއާ އެކުވެރިކަން ބާއްވަން މަލައިކާ ބޭނުންވެ އެވެ.