10 ސެޕްޓެމްބަރ 2017 - 07:25

މެންޗެސްޓާ (ސެޕްޓެމްބަރު 10) – އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސްޓޯކް ސިޓީން، ފުރަތަމަ ތިން މެޗުން މޮޅުވެ ސަތޭކަ ޕަސެންޓް ރެކޯޑަކާ އެކު އޮތް މެންޗެސްޓާ ޔުނައިޓެޑާ 2-2 އިން އެއްވަރުކޮށް އެ ޓީމު ހުއްޓުވައިފި އެވެ.
އެކަމަކު އަދިވެސް 10 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ ޔުނައިޓެޑެވެ. ދެ ވަނައިގައި އެ އަދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން އޮތީ ވާދަވެރި މެންޗެސްޓާ ސިޓީ އެވެ.
ފުރަތަމަ ތިން މެޗުން މޮޅުވެ 10 ގޯލް ޖަހައި އަދި ބައިކޮޅަށް ގޯލެއް ވަދެފައިނުވާ ޔުނައިޓެޑަށް ރޭގެ މެޗުގައި ލަނޑު ދިނީ ސްޓޯކުގެ އެރިކް މަކްސިމް ޗޫޕޯ-މޮޓިން އެވެ. ޖަރުމަނުގެ ޝާލްކާ އިން ސްޓޯކާ ގުޅުނު ކެމަރޫން ފޯވާޑް ވަނީ 43 ވަނަ މިނެޓުގައި ލީޑު ނަގައިދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ މާކަސް ރަޝްފޯޑުގެ ގޯލުން އެއްވަރުކޮށްފަ އެވެ.
ދެ ވަނަ ހާފު ފަށައިގެން 57 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫ ވަނީ ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ. ހެންރިކް މިކިތާރްޔަން ދިން ބޯޅަ ލުކާކޫ ފުރަތަމަ ޖެހުމުން ސްޓޯކުގެ ގޯލްކީޕަރު ޖެކް ބަޓްލެންޑް މަތަކުރި ނަމަވެސް ދެ ވަނަ ފަހަރަށް ޖަހައި ލުކާކޫ އެ ބޯޅަ ގޯލަށް ވައްދާލި އެވެ. ސްޓޯކުން ދެ ވަނަ ފަހަރަށް އެއްވަރުކުރީ ޗޫޕޯ-މޮޓިން 63 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ.
މެޗަށް ފަހު ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ އާއި ސްޓޯކުގެ ކޯޗު މާކް ހިއުސް ސަލާމެއް ނުކުރެ އެވެ. މެޗުގެ ތެރޭގައި ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިއާ ހިއުސް އާއި މޮރީނިއޯއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރި އެވެ.
ހިއުސް ބުނީ އޭނާއާ ސަލާންކުރަން މޮރީނިއޯ ދެކޮޅު ހެދި ސަބަބެއް ނޭގޭ ކަމަށާއި އެއްވެސް މައްސަލައެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.
"އޭނާ އަހަރެންގެ ޓެކްނިކަލް ބޮކްސްއަށް ވަން ވަގުތެއް ދިޔަ. އަހަރެން ބުނިން ނުކުންނަން. އެއީ ވީ ގޮތަކީ. ވެދާނެ އެއީ ކަމަށް އޭނާ ހިތްހަމަނުޖެހުނު ސަބަބަކީ،" ހިއުސް ބުންޏެވެ.
މިކަމާ ބެހޭގޮތުން މެޗަށް ފަހު ސުވާލުކުރުމުން މޮރީނިއޯ ޖަވާބެއް ނުދީ އިންޓަވިއު ނިންމާލި އެވެ. އޭނާ ބުނީ ތިއީ ގޯސް ސުވާލެއް ކަމަށާއި ތި ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށެވެ.
މޮރީނިއޯ ބުނީ އެއް ޕޮއިންޓާ މެދު ހިތްހަމަނުޖެހޭ ކަމަށާއި ސަބަބަކީ މޮޅުވުމާ ގާތުގައި އޮތީ އޭނާގެ ޓީމު ކަމަށް ވުން ކަމަށެވެ. އެކަމަކު މިއީ ނަތީޖާ ކަމަށްވުމުން ގަބޫލުކުރާ ކަމަށް އޭނާ ބުންޏެވެ.
"އެއް ޓީމު މަސައްކަތްކުރީ މޮޅުވާން. އެއް ޓީމު މަސައްކަތްކުރީ ޕޮއިންޓެއް ހޯދަން. އެކަމަކު އެ ޓީމުން އެ ޕޮއިންޓް ހޯދަން ވަރަށް ބޮޑަށް މަސައްކަތްކުރި. ވަރަށް ރަނގަޅަށް ޑިފެންސްކުރި. ކައުންޓާ އެޓޭކްކުރި. އަދި ޖެހުންތަކުން އެ ޓީމު ވަރަށް ނުރައްކާކުރި،" މޮރީނިއޯ ބުންޏެވެ.