މެސީގެ ހެޓްރިކުން ބާސެލޯނާ ތާވަލުގެ ކުރިއަށް
މެސީގެ ހެޓްރިކުން ބާސެލޯނާ ތާވަލުގެ ކުރިއަށް

ބާސެލޯނާ (ސެޕްޓެމްބަރު 10) – ލިއޮނަލް މެސީގެ ހެޓްރިކާ އެކު އެސްޕަންޔޯލް އަތުން 5-0 އިން މޮޅުވެ ސްޕެނިޝް ލީގުގެ އެއް ވަނަ އަށް ބާސެލޯނާ އަރައިފި އެވެ.

ކުޅުނު ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓާ އެކު ބާސެލޯނާ އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި ހަތް ޕޮއިންޓާ އެކު އޮތީ ސެވިއްޔާ އެވެ. ވާދަވެރި ރެއާލް މެޑްރިޑް އިއްޔެ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ލެވަންޓޭއާ 1-1 އިން އެއްވަރުވިއިރު އެ ޓީމު އޮތީ ފަސް ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.

އަމިއްލަ ދަނޑުގައި ރޭ ބާސެލޯނާ ކުޅުނު މެޗުގައި އޭނާ އެސްޕަންޔޯލް ކޮޅަށް ހެޓްރިކް ހެދީ 26، 35 އަދި 67 ވަނަ މިނެޓުގައި ޖެހި ގޯލްތަކުންނެވެ. އެ ޓީމުގެ ހަތަރު ވަނަ ގޯލް 87 ވަނަ މިނެޓުގައި ޖެރާޑް ޕީކޭ ޖެހިއިރު ފަހު ލަނޑު 90 ވަނަ މިނެޓުގައި ކާމިޔާބުކުރީ ލުއިސް ސުއަރޭޒެވެ. މިއީ މި ސީޒަނުގައި އެ ޓީމާ ގުޅުނު ފްރާންސުގެ އުއްމީދީ ކުޅުންތެރިއާ އޮސްމާނޭ ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތަކުން ސުއަރޭޒް ޖެހި ގޯލެކެވެ. ޑެމްބެލޭ ބާސެލޯނާ އަށް ކުޅެދިން ފުރަތަމަ މެޗަށް އެރީ 68 ވަނަ މިނެޓުގަ އެވެ.

މި މޮޅާ އެކު، ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އަންގާރަ ދުވަހުގެރޭ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާ ދެކޮޅަށް ނުކުންނައިރު ބާސެލޯނާ އޮންނާނީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. އަނެއްކޮޅުން ޔުވެންޓަސް ވަނީ ރޭ ގިނަ ބަދަލުތަކަކާ އެކު ނުކުމެ ކިއޭވޯ ވެރޯނާ އަތުން 3-0 އިން މޮޅުވެފަ އެވެ.

ލެވަންޓޭ އާއި ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ކުރި ހޯދީ ލެވަންޓޭ އިންނެވެ. އެ ޓީމަށް 12 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ އިވީ ލޮޕޭޒެވެ. މެޑްރިޑަށް އެއްވަރުކޮށްދިނީ 36 ވަނަ މިނެޓުގައި ލޫކަސް ވަސްކުއޭޒެވެ. މި މެޗުގެ 89 ވަނަ މިނެޓުގައި މެޑްރިޑުގެ މާސެލޯ އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ. މި މެޗުގައި ސަސްޕެންޝަނުގެ ސަބަބުން މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅެ އެވެ.