01 ޖުލައި 2016 - 08:24

ޒައިތޫނި ތެޔޮ އާއްމުކޮށް ބޭނުންކުރަނީ ކައްކާއިރު އެވެ. ސިއްހަތައް ފައިދާ ހުރި މިތެލަކީ ހަމައެކަނި ކާން ބޭނުންކުރާ ތެލެއް ނޫނެވެ. ހަންގަނޑު އޮމާންކޮށްލަން ނުވަތަ ސާފުކުރަން ވެސް މި ބޭނުން ކުރެވޭނެ އެވެ. މިއީ އޭގެ ތެރެއިން ބައެއް ކަންކަމެވެ.
އިނގިލިތަކުގެ ނިޔަފަތީގެ ބުޑުތަކުގައި ހުންނަ ތުނި ހަންކޮޅު ނުވަތަ ކިއުޓިކްލް އަކީ ވަރަށް ފަސޭހައިން ނޮޅި ހަލާކުވާ ބައެކެވެ. ކުޑަ ޒައިތޫނި ތެޔޮ ފޮދެއް އިނގިލިތަކުގަ އާއި އަތުގައި ރަނގަޅަށް އުނގުޅާލުމުން ހަންގަނޑު އޮމާންކޮށްދީ އަތުގެ ހަންގަނޑު ރަނގަޅު ކޮށްދޭނެ އެވެ. ވީމާ އަގުބޮޑު "ހޭންޑް ލޯޝަނެއް" ނުވަތަ އަތުގައި އުނގުޅާ ލޯޝަނަކަށް ހަރަދު ކުރުމުގެ ބަދަލުގައި ޒައިތޫނި ތެޔޮ ގުދުރަތީގޮތުން މޮޅު ތެލަކަށްވެފައި ހަންގަނޑަށް މާ އެކަށީގެންވާނެ އެވެ.
ފައިގެ ފުންނާބު ހިކި ހަންފޮޅި ފަޅައިގެން ގޮސްފައި ހުންނަ ނަމަ އެންމެ އަވަހަށް އެކަން ހައްލު ކޮށްލެވޭނީ ޒައިތޫނި ތެލުންނެވެ. ފެންވަރައިގެން ނުކުތުމަށް ފަހު ލޯޝަންގެ ބަދަލުގައި ޒައިތޫނި ތެޔޮ ފޮދެއް ރަނގަޅަށް ފައިގައި އުނގުޅާލުމަށް ފަހު އިސްޓާކީނެއް ލައްވާލާށެވެ. ފުންނާބުގެ ހަންގަނޑު މަޑުވެފައި އޮމާންވާނެ އެވެ.
މޭކަޕް ފިހި ދޮންނަން އަގުބޮޑު ޝޭމްޕޫއެއް ބޭނުންކުރުމުގެ ބަދަލުގައި، ޒައިތޫނި ތެޔޮ ފޮދަކާއި ތަށި ދޮންނަ ޑިޓަޖެންޓް ކޮޅެެއް އެއްކޮށްލުމަށް ފަހު މޭކަޕް ފިހިތައް އޭގެ ތެރޭގައި ދޮވެލާށެެވެ. ފިހިތަކުގައި ހުރި މޭކަޕްތައް ފިލުވައިދީ ޒައިތޫނި ތެޔޮ ފިހިތަކުގެ އިސްތަށިތަކުގެ މަޑުކަން ހިފަހައްޓައިދޭނެ އެވެ.
ތުންފަތުގެ ހަންގަނޑު މަޑުކޮށްލަން މާމުއި، ޒައިތޫނި ތެޔޮ އަދި ހަކުރު ކޮޅެއް އެއްކޮށްލާފައި ތުންފަތުގައި ސްކްރަބެއް ގޮތަށް ބޭނުންކޮށްލާށެވެ.
މޭކަޕް ރިމޫވާ ފުޅި ހުސްވެއްޖެ ނަމަ ޒައިތޫނި ތެޔޮ ފޮދެއް ކަފަ ކޮޅެއްގައި ލުމަށް ފަހު މޭކަޕް ފޮހެލާށެވެ. ޒައިތޫނި ތެލުން "އޮއިލް ބޭސްޑް" ކޮންމެ މޭކަޕް ޕްރޮޑަކްޓެއް ވެސް ފަސޭހައިން ފޮހެލަދޭނެ އެވެ.
އިސްތަށިގަނޑާއި އިސްތަށިގަނޑުގެ ބުޑުތައް ވަރުގަދަކޮށް"'ހައިޑްރޭޓް" ކޮށްލަން ޒައިތޫނި ތެޔޮ ފޮދެއް ރަނގަޅަށް އުނގުޅާލާށެވެ.