11 ސެޕްޓެމްބަރ 2017 - 06:06

ބޮލީވުޑްގެ މަޝްހޫރު އެކްޓަރުު އަކްޝޭ ކުމާރަށް ހޮނިހިރު ދުވަހު ވަނީ 50 އަހަރު ފުރިފަ އެވެ. އުފަން ދުވަހާ ގުޅުވައިގެން އަކްޝޭ އަށް ލިބުނު އެންމެ ބޮޑު ހަދިޔާ އަކީ އެންމެ ފަހުން އޭނާ ރިލީޒްކުރި "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" ބޮޑު ކާމިޔާބެއް ހޯދައި، ކެރިއަރުގެ ވެސް އެންމެ ކާމިޔާބު ފިލްމަށް ވުމެވެ.
ކުރިން މި ރެކޯޑް އޮތީ 2012 ގައި ނުކުތް އަކްޝޭގެ ބްލޮކްބަސްޓާ ފިލްމު "ރައުޑީ ރާތޯރް" އަށެވެ. ބޮކްސް އޮފީސް ނަތީޖާތައް ދައްކާ ގޮތުން އެ ފިލްމަށް 133.25 ކްރޯޑު (13.3 ބިލިއަން ރުޕީސް) ލިބިފައިވެ އެވެ. މިހާރު "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" ވަނީ 133.60 ކްރޯޑު (13.6 ބިލިއަން ރުޕީސް) ހޯދައިގެން މި އަދަދު ފަހަނަޅައި ގޮސްފަ އެވެ. ފިލްމު އަދިވެސް ސިނަމާތަކުގައި އަޅުވާފައި އޮތުމުން، ފިލްމަށް ލިބޭ ވަރު މިއަށް ވުރެ މާ އިތުރުވެގެން ދާނެކަން ވަނީ ޔަގީންވެފަ އެވެ.
"ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" މިދިޔަ މަހު 11 ވަނަ ދުވަހު ރިލީޒް ކުރީއްސުރެ މިހާތަނަށް ވެސް ފިލްމު އަންނަނީ ވަރަށް ރަނގަޅަށް ހިނގަމުންނެވެ. އޭގެ ފަހުން ރިލީޒްކުރި އެެއްވެސް ފިލްމަކަށް މި ފިލްމަށް ހުރަހެއް ކުރިމަތި ކުރެވޭ ގޮތެއް ނުވި އެވެ.
މި ފިލްމުގެ ވާހަކައަކީ އިންޑިއާގައި މިހާރު ވަރަށް ބޮޑު މައްސަލައަކަށް ވެފައިވާ ފާޚާނާ ނެތުމުގެ މައްސަލައަށް ބިނާކޮށްފައިވާ ވާހަކަ އެކެވެ.