ހަސަދަ
ހަސަދަ

ބުދަ ދުވަހާ ގުޅޭ

ނާޒިމާ ފޯނު ކަނޑައިލިއެވެ. ގޭގެ އެހެން މީހަކަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. އެއްވެސް މީހަކާ ނުގުޅުނެވެ. ބައެއް ފޯނު ނިއްވައިލައިފައެވެ. އަނެއްބައި ފޯނެއް ނުނަގައެވެ. ނާޒިމާ ހުރީ ހުޅުމާލޭގައެވެ. ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ޙަޤީޤަތުގައި އިނާޔާއަކަށް އެއްވެސް ކަމެއް ނުވެއެވެ. އޭނަ ހުރީ ގަދަވެ ސަލާމަތުންނެވެ. ނާޒިމާއަށް އިވުނު އެއްވެސް އަޑެއް އިނާޔާއަކަށް ނީވެއެވެ. އިނާޔާގެ ފޯނަށް އަޑުތަކެއް އަރައިފައި ފޯނު ކެނޑުނީއެވެ. ނާޒިމާއަށް ގުޅަން އިނާޔާ ތަކުރާރުކޮށް މަސައްކަތް ކުރިއެވެ. އެ ވަގުތަކީ އެހެން މީހަކާ ގުޅޭތޯ ނާޒިމާ މަސައްކަތް ކުރި ވަގުތެވެ. އެހެންވެ އިނާޔާއަކަށް ނުގުޅުނެވެ. ވީގޮތް ނޭނގިގެން އެ ކަމާ ވިސްނަން ހުރެފައި އެއްލި ކަޅިޔަކުން އިނާޔާއަށް ފެނުނީ ޒިދުނާ ކޮޓަރިތެރޭގައި ހުއްޓައެވެ. ޒިދުނާ ކޮޓަރިއަށް ވަންތަނެއް، އައި އަޑެއް އިނާޔާއަކަށް ނީވެއެވެ. އެ ވަރަށް ސަމާލުކަން ނުދެވުނީބާއޭ އިނާޔާ ހިތަށްއެރިއެވެ. އޭރު ވެސް ޒިދުނާ ހުރީ ދަރިފުޅު އުރައިގެންނެވެ. ކަޅިޖަހައި ނުލައި އިނާޔާއާ ދިމާއަށް ބަލަހައްޓައިގެން ހުރި ގޮތުން ހީވަނީ އިނާޔާއަށް ކޮންމެވެސް ކުށެއް ކުރެވިއްޖެހެންނެވެ.

"ކާކާ ފޯނުން ތި ވާހަކަދެއްކީ؟" ޒިދުނާ ސުވާލުކުރިއެވެ.

އިނާޔާ އެއްވެސް ޖަވާބެއް ނުދިނެވެ. ކުރިން އިނާޔާ ކުޑަކޮށް ވެސް ޒިދުނާ ދެކެ ޖެހިލުމެއް ނުވެއެވެ. ބުނަން ޖެހިލުންވާ އެއްޗެއް ވެސް ނޯވެއެވެ. އެހެންނަމަވެސް، އެ ފަހަރު އިނާޔާ ހުރީ ފިނިވެފައެވެ.

"ބުނޭ!" ޒިދުނާ ވަރަށް ބާރަށް ބުންޏެވެ.

އިނާޔާ ދިޔައީ ސިއްސައިގެންނެވެ. ފޯނު ދޫނުވީ ކިރިޔާއެވެ.

"ދޮންތަ!" އިނާޔާ މަޑުމަޑުން ބުންޏެވެ.

"އަހަންނަށް ނޭނގިގެނެއް ނޫނޭ މި އެހީ،" ޒިދުނާ ރުޅިއައިސްފައި ބުންޏެވެ. "ތި ދޮންތަ ބުނެގެން އަހަންނަށް ފާރަލުމާ، ޝައްކު ކުރުމާ ލައްކަ ގިނަ ކަންތައް އެބަ ކުރަމެއްނު. އޭނަ މިހާރު އެހެރީ މޮޔަވެފަ. ޝައްކުބަލިން ފޯވެފަ. އަހަރުމެން އެކަކުއަނެކަކު ޖައްސަން އޭނަ ކުޅުނު ކުޅިވަރު އިނާޔާ ހަނދާންނެތުނީތަ؟ އަހަންނަކީ ސިހުރުހަދާ މީހެކޭ، އޭނަގެ ދަރިން ކިޔެވިޔަ ނުދޭން އުޅެނީއޭ ކިޔައިގެން ކިހާ ވާހަކައެއް ދެއްކި؟ އޭނަގެ ކުދިން ނުކިޔެވީމަ، ފާސްނުވީމަ އެ ލަދުން ސަލާމަތްވާން ވެގެން ކީއްކުރަންތަ މަގޭ ބޮލުގަ ބަދުނާމުއަޅުވަނީ؟ އަހަންނަކީ މާ މޮޅު ސިރުހުވެރިއެއް ކަމަށް ވަންޏާ، އޭނަގެ ދަރިންނަށް ސިހުރު ހެދުމަށް ވުރެ މާ ރަނގަޅުތާ އަހަރެންގެ ދަރިންނަށް ކިޔެވޭތޯ ސިހުރުހަދަން. ރުޤްޔާ ކިޔަވާށޭ ކިޔައިގެން ފަންޑިތަހަދާ މީހަކު ގެނެސްގެން އޭނައެއް ނޫންތަ މި ގޭ އެންމެންނަށް ސިހުރުހަދަނީ. އޭނަގެ ބައްޕަ މަރާލީ ވެސް އޭނަ ސިހުރުހަދައިގެން. އޭނަ ބޭނުންވީ އެންމެނަށް ސިހުރުހަދާފަ މުޅި މި ގެޔާ، ފިހާރަޔާ، ހުރިހާ މުދަލެއް އޭނަ ވެރިކޮށްލަން. ބަލާބަލަ މި ގެއިން ދުވާ ވަސް. ގޮނޑުން ވެސް މި އަށް ވުރެ މީރުވަސް ދުވާނެ. މުޅި ގެ މުޑުދާރުކޮށްފަ އޭނަ ދިޔައީ. ދޮގެއްތަ މަ މި ބުނީ؟"

އިނާޔާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުންޏެވެ. އަނގައިން ބަހެއް ބޭރުކުރާކަށް ނުކެރުނެވެ. ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. އެ ވަގުތު އިނާޔާގެ މަންމަ ކުއްލިއަކަށް ދޮރު ހުޅުވައިލިއެވެ.

"މިހިރީނު އިނާޔާ،" މަންމަ ބުންޏެވެ. "ކަލޭގެ ދޮންތަ ގުޅާފަ ބުނި ކޮންމެވެސް މީހަކު އުޅެނީ އިނާޔާގެ ކަރުގަހިފައިގެންނޭ. އޭނަ އެހެރީ ހަމަ ރަނގަޅަށް މޮޔަވެފަ."

މަންމަ ނުކުތެވެ. އިނާޔާއަށް ލިބުނީ ޝޮކެކެވެ. ހިތަށްއެރިއެވެ. ޙަޤީޤަތުގައި ވެސް ދޮންތައަށް ޝައްކުބަލި ޖެހުނީބާއެވެ؟

"މަ ބުނީ ދޮގެއް؟" ޒިދުނާ އެހިއެވެ.

ދޭނެ ޖަވާބެއް އިނާޔާއަކަށް ނޭނގުނެވެ. އިރުކޮޅަކު ހުރެލައިފައި ޒިދުނާ ނުކުމެގެން ދިޔައީއެވެ. އިނާޔާ ހިތަށްއެރިއެވެ. ޒިދުނާ ކޮޓަރިއަށް ވަންކަން އިނާޔާއަށް ނޭނގުނީ ކީއްވެގެން ހެއްޔެވެ؟ ނާޒިމާއާ ވާހަކަދެއްކިކަން ޒިދުނާއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ފާރަލާކަމާއި، ޝައްކު ކުރިކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އެ ހުރިހައި ކަމަކަށް ވުރެ ވެސް ބޮޑަށް، ގޭތެރެ މުޑުދާރުކުރީ ނާޒިމާ ކަމުގައި ބުނީ ކީއްވެގެން ހެއްޔެވެ؟ ނާޒިމާގެ ސާފުތާހިރުކަމާއި ޒިދުނާގެ މުޑުދާރުކަމަކީ ގޭގެ އެންމެންނަށް އެނގޭ ކަމެކެވެ. އެ ވަގުތު ނާޒިމާގެ ފޯނުކޯލެއް އައެވެ. އިނާޔާ ފޯނު ނެގިއެވެ.

"ތެދެއް އިނާޔާއަކަށް ހަމަ އެއްވެސްކަމެއް ނުވޭ؟" ނާޒިމާ ހައިރާންވެފައި އެހިއެވެ. "އެކަމަކު.."

"ބައިވަރު ވާހަކަދައްކަން އެބަހުރި. އެކަމަކު ފޯނަކުން ނޫން. އަހަރެން ބޭނުން އެއްޗެއް ދައްކަން ވެސް." އިނާޔާ ބުންޏެވެ.

ނާޒިމާ ފޯނު ކަނޑައިލިއެވެ. ދެން ވެސް ވިސްނަން އިނދެވުނީއެވެ. އިނާޔާއަށް އެއްވެސްކަމެއް ނުވާ ނަމަ، ނާޒިމާއަށް އިވުނީ ކޮން އަޑުތަކެއް ހެއްޔެވެ؟ އެއީ ހަމައެކަނި ނާޒިމާއަށް އިވުނު އެއްޗެއް ހެއްޔެވެ؟ އޭގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ހޯދަން މާ ގިނަ ދުވަހު އިންތިޒާރު ކުރާކަށް ނުޖެހުނެވެ.

ނާޒިމާއާ ފިހާރަ ހަވާލުކޮށްފައި އޮތްއޮތުމަށް ނިމުމެއް ގެންނަން ގޭތެރޭގައި ވާހަކަދެކެވެން ފެށިއެވެ. ސަބަބަކަށް ދައްކަނީ ބޮޑު ޒިންމާއަކާ ހަވާލުވެވޭ ވަރަށް ވުރެ ނާޒިމާ ބަލިކަމެވެ. އެ ކަމުގައި އެންމެ އިސްކޮށް އުޅުނީ ޒިދުނާއެވެ. ޒިދުނާ ބޭނުންވަނީ މުދާތައް ވިއްކައިލައިފައި ފައިސާ ހުރިހައި ކުދިންނަށް ބަހައިލާށެވެ. ގޭގެ ބިންކޮޅު ވެސް ފޮތިފޮތިކޮށް ބަހައިލާށެވެ. އިނާޔާއަކަށް އެ ނިންމުން ރަނގަޅެއް ނުވިއެވެ. ބައްޕަ ނިޔާވަމުން ފިހާރަ ހަވާލުކުރީ ނާޒިމާއަށެވެ. ނާޒިމާ އެ ކަން ބަލަހައްޓަނީ ކިހާ ތެދުވެރިކޮށްކަން އިނާޔާއަށް އެނގެއެވެ. އެހެންނަމަވެސް، އެހެން ކުދިންގެ ނިޔަތް ބަދަލުވާން ފެށިއެވެ.

ނާޒިމާ ދުވަހުގެ މަސައްކަތް ނިންމައިލައިފައި ހުޅުމާލެއަށް ފުރުމުގެ ކުރިން ގެއަށް ވަދެލިއެވެ. އިނާޔާ އެދިފައި އޮތީމަޔާ ވެސް އެކުގައެވެ. އެ ދުވަހަކީ ޒިދުނާގެ ދަރިއެއްގެ އުފަންދުވަސް ފާހަގަކުރާ ދުވަހެކެވެ. ނާޒިމާ ނުވެސް ދެނަހުއްޓެވެ. ގޭތެރެއަށް ވަދެގެން ދިޔައިރު ވެސް ނާޒިމާއަށް ހީވަނީ ތިމާއަކީ ބީރައްޓެއްސެއް ހެންނެވެ. މީހަކު އަނގައިން ވެސް ބުނެ ނުލައެވެ. އެންމެ ފަހުން އިނާޔާއަށް ނީނދެވިގެން ގޮސް ނާޒިމާ ގޮވައިގެން ކޮޓަރިއަށް ވަނެވެ.

"ދޮންތަ އަންގާ ވެސް ނުލާ ތި އައިއްޔޯ؟" އިނާޔާ ސުވާލުކުރިއެވެ. "ގުޅާލައިފަ އައި ނަމަ.."

"އަހަރެންގެ ގެއަށް ވަންނަން ހުއްދަ ހޯދަން ޖެހޭތަ؟" ނާޒިމާ ޖަވާބުގައި ބުންޏެވެ. "ބައްޕަ ދުނިޔޭގަ މި ގަޑީގަ އިވޭނީ ޔާސީން ކިޔަވާ އަޑު. މިހާރު މި ގެއެކޭ... އިނާޔާއަށް އެ ގޮތް ހަމަ ރަނގަޅު؟"

"މި ގެއަށް ވަދެފިއްޔާ ތީ ވާނެ ގޮތަކީ،" އިނާޔާ ބުންޏެވެ. "މީ އަދި އިރާކޮޅެއްނު. ބައެއް ރޭރޭ ދަންވި ވަރަކަށް ފޯރި ގަދަވާނެ. ގޭގެ އެންމެންނަށް އޯކޭ. މަންމައަށް ވެސް ހަމަ އޯކޭ. ދެން މަ މީ ކާކު އެއްޗެއް ބުނަން؟ ހިނގާބަލަ އެއްކަލަ އެއްޗެހި ދައްކާނަން."

ނާޒިމާ ގޮވައިގެން އިނާޔާ ފުރަތަމަ ދިޔައީ ގޭގެ ދޮރާށި ކައިރިޔަށެވެ. ދޮރުކަނީގެ އެތެރެ ފަރާތުގައި، ނާޒިމާގެ ކަކުލަށް ވުރެ ތަންކޮޅެއް އުހުގައި، ފާޑެއްގެ ތެރަސްގަނޑެއް ކަހަލަ އެއްޗެއް ހުއްޓެވެ. އޭގެ އެއްވެސް ކުލައެއް ނެތެވެ. ބޮޑުމިން އާދައިގެ މީހެއްގެ އަތްތިލައެއްވަރު ވެއެވެ. ގޭގެ ފާރުގެ ބައެއް ތަންތަނުގައި ވެސް ހުއްޓެވެ. އެއްވެސް ވަހެއް ނުދުވައެވެ. އެކަމަކު ނުއެއް ހިކެއެވެ. ގޭތެރޭގެ އެކި ތަންތަނުގައި ހުރީ އެކި ސައިޒުގެ އެއްޗެއްސެވެ. ބައެއް ތަންތަނުގައި، ފަނޑު ރަތްކުލައެއް ހުއްޓެވެ. އިނާޔާގެ ކޮޓަރީގެ ފާޚާނަ ދޮރުގެ މަތީ ކަނީގައި ވެސް ހުއްޓެވެ. ތަތް ގަދަކަމުން ފުހެލިޔަސް ސާފެއް ނުވެއެވެ.

"އެއީ ކޯޗެއްތަ؟" އިނާޔާގެ މޫނަށް ވައްތަރެއް ޖައްސައިލައިފައި އެހިއެވެ.

ނާޒިމާ އޭގެ ފޮޓޯއެއް ނަގައިފައި ރާޝިދަށް ފޮނުވައިލިއެވެ. އިރުކޮޅަކުން ޖަވާބު އައެވެ. ރާޝިދު ބުނިގޮތުގައި އެއީ ވަރަށް މަދުން ފެންނަ އެއްޗެކެވެ. ބައެއް ރާޤީން ބުނާ ގޮތުގަ ޖިންނި ފާޅުވާ ތަންތަން، ބައެއް ފަހަރު އެހެން ހުރެއެވެ. އެކަމަކު އެއީ ޚިޔާލު ތަފާތުވެފައިވާ މައްސަލައެކެވެ. އިނާޔާގެ މޫނުމަތިން ފާޅުވީ ނުތަނަވަސްކަމެވެ.

"މި ގެ މިހާރު މާ ބޮޑަށް ނާމާންވެއްޖެ! ޒިދުނާގެ ބޭނުމަކީ މި ގެ ފަޅުކޮށްލުން،" ނާޒިމާ ޔަގީންކަމާ އެކުގައި ބުންޏެވެ. "ވާނެ އެ ކަން."

"އެކަމަކު ނުކުމެގެން ވަކި ކޮންތާކަށް އަހަރެން ދާނީ؟" އިނާޔާ ބުންޏެވެ. "މިހާރު ހާދަ ބިރުވެރި ހުވަފެނޭ ފެންނަނީ ވެސް. އެއީ ކީއްވެގެންތަ؟"

ނާޒިމާގެ ހަނދާނަށް އައީ ތަންކޮޅެއް ކުރީގެ ދުވަސްވަރެކެވެ. އެއީ ޒިދުނާ ހެދި ސިހުރު، ފުރަތަމަ ފަހަރަށް ނާޒިމާއަށް ޖެހުނު ދުވަސްވަރެވެ. ނާޒިމާގެ ގައިގައި ނެގި ބޮޑު މުލިއްސެއް ކަހަލަ އެތި ރަނގަޅު ނުވެގެން އޭރު ކިތަންމެ ފަހަރަކު ޑޮކްޓަރަށް ދައްކައިފިއެވެ. އެކަމަކު ސިހުރަކީ ކޯޗެއްކަމެއް، މީހަކު ސިހުރު ހަދާކަމެއް ވެސް އޭރަކު ނާޒިމާއަކަށް ނޭނގެއެވެ. ގޭގެ އެންމެން އުޅުނީ ވަރަށް ގުޅިގެންނެވެ. ނާޒިމާގެ މައިދައިތައަކީ އެހެން ރަށެއްގައި އުޅޭ މީހެކެވެ. ފޯނުކުރާ ކޮންމެ ދުވަހަކު މައިދައިތަ ކުރާ ސުވާލެއް އޮވެއެވެ.

"ނާޒިމާއަށް އެއްވެސް ހުވަފެނެއް ތަކުރާރުކޮށް ފެނޭތަ؟" މައިދައިތަ އަހައެވެ.

ނާޒިމާ އޭރު އެ ވަރަކަށް ނުވިސްނައެވެ. ވީމާ، ހަނދާނެއް ނުވެއެވެ.

"ނާޒިމާއަށް ތި އުޅެނީ ސިހުރެއް ޖެހިގެން." މައިދައިތަ ވަރަށް ޔަގީންކަމާ އެކުގައި ބުނެއެވެ.

ނާޒިމާއަކަށް އެ ކަމެއް ގަބޫލެއް ނުކުރެވުނެވެ. ހިތަށްއަރައެވެ. ނާޒިމާއަށް ސިހުރުހަދާނީ ކާކު ހެއްޔެވެ؟ ކީއްކުރަން ހެއްޔެވެ؟

"ދެން މަންމަ ދައްކާ ވާހަކަ،" ނާޒިމާއަށް ބުނެވެނީ އެހެންނެވެ. "އަހަންނަކީ މީހަކަށް ދެރައެއް ދިން މީހެއް ނޫން. ބަދުބަހެއް ބުނި މީހެއް ނޫން."

ނާޒިމާގެ މަންމަ ލޯބިނުވިޔަސް ނާޒިމާއަށް ލިބުނީ ރަންގަނޑެއް ކަހަލަ މައިދައިތައެކެވެ. ވީމާ، އެ ކަމުގައި މައިދައިތަޔާ ދެކޮޅަށް ނާޒިމާ ވާހަކައެއް ނުދައްކައެވެ.

"ދެން އަޅެ މަންމަ ފޮނުވާނަން ފެންފުޅިއެއް. ވުޟޫކޮށްގެން ތިން ކޯވަރު ފެން ބޮއިފަ، ގައިގަ ވެސް ފެންފޮދެއް ހާކާލާ،" މައިދައިތަ އެދުނެވެ. "މަންމަ ބުނީތީ!"

ނޫނެކޭ ބުނަން ނުކެރިގެން ނާޒިމާ އެއްބަސްވިއެވެ. މައިދައިތަ ފެންފުޅިއެއް ފޮނުވިއެވެ. ނާޒިމާއަށް އެ ކަން ވީ ކުޑަކޮށް ހެއްވާ ވެސް ކަމަކަށެވެ. އެހެންނަމަވެސް މައިދައިތަ ބުނި ގޮތަށް ކަންތައް ކުރިއެވެ. ކަންތަކާ ލައިގަތީ ނިދުނު ފަހުންނެވެ.

ނުނިމޭ