ކަނޑުއަޑީގެ ދިރާސާއެއް ކުރުމަށް "ޑައިވް 48" ނަމުގައި ބޮޑު ހަރަކާތެއް ބާއްވަނީ
ކަނޑުއަޑީގެ ދިރާސާއެއް ކުރުމަށް "ޑައިވް 48" ނަމުގައި ބޮޑު ހަރަކާތެއް ބާއްވަނީ

ރާއްޖޭގެ ކަނޑު އަޑީގެ މާހައުލަށް އަންނަމުންދާ ބަދަލުތައް ދިރާސާކުރުމަށް "ޑައިވް 48" ނަމުގައި ބޮޑު ހަރަކާތެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

އެ ހަރަކާތް ބާއްވާނެކަން އިއުލާނު ކުރީ ދަރުބާރުގޭގައި ކުރިއަށްދާ މެރިން އެކްސްޕޯގަ އެވެ. "ޑައިވް 48" ބާއްވާނީ އެޓޯލް ސްކޫބާ އިން މެރިން އެކްސްޕޯ ވެސް އޮގަނައިޒް ކުރާ ބްލަކް އާއި ގުޅިގެންނެވެ.

ބްލަކްގެ އެސިސްޓެންޓް މާކެޓިން މެނޭޖަރު އަލީ ޖިނާހް މުހައްމަދު "މިހާރު" އަށް ވިދާޅުވީ އެ ހަރަކާތް ބާއްވާނީ އަންނަ އަހަރުގެ މާޗް މަހު ކަމަށެވެ. އެ ހަރަކާތުގައި ރާއްޖޭގެ ޑައިވަރުންނާއި ބޭރު ޑައިވަރުންގެ އިތުރުން އަންޑަވޯޓާ ފޮޓޯގްރާފަރުން އަދި މެރިން ބަޔޮލޮޖިސްޓުން ބައިވެރިވާނެ ކަމަށް ވެސް ޖިނާ ވިދާޅުވި އެވެ.

"އެ ހަރަކާތް އޮންނާނީ އަތޮޅެއްގެ ފަޅެއްގައި. ސީދާ ކޮންތާކުކަން އަދި ނުނިންމަން. ޑައިވަރުންގެ އިތުރުން ހޮލީވުޑާއި ބޮލީބުޑްގެ ސެލެބްރިޓީން ވެސް މިކަމުގަ ބައިވެރިކުރާ ގޮތަކަށް އަދި މިއޮތީ،" ޖިނާ ވިދާޅުވި އެވެ.

އެޓޯލް ސްކޫބާއިން މިދިޔަ އަހަރު "ޑައިވް 48"ގެ ފުރަތަމަ އިވެންޓް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ކުންފުނިން ބުނީ އަންނަ އަހަރުގެ އިވެންޓުގައި ނަގާ ފޮޓޯތަކާއި ވީޑިއޯތައް ކުރީ އަހަރުގެ ޑޭޓާ އާއި އަޅާ ކިޔާނެ ކަމަށެވެ.

"މީގެ ބޭނުމަކީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުން. މި ޑޭޓާތައް އިންޓަނޭޝަނަލް ފަރާތްތަކާ ވެސް އަޅުގަނޑުމެން ހިއްސާ ކުރާނެ. ހާއްސަ ޕަބްލިކޭޝަނެއް ވެސް ނެރެވޭތޯ އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން،" އެޓޯލް ސްކޫބާގެ ފައުންޑަރު ޝަފްރާޒް ނައީމް (ޝަފް) ވިދާޅުވި އެވެ.

ޝަފް ވިދާޅުވީ މި އިވެންޓުގައި 48 ގަޑިއިރު ވަންދެން އަބަދު ވެސް މަދުވެގެން ހަތަރު ޑައިވަރުން މޫދު އަޑީގައި ހަރަކާތްތެރިވާނެ ކަމަށެވެ. އެ ހުރިހާ ވަގުތެއްގައި ވެސް ފޮޓޯ ނަގައި ވީޑިއޯ ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.