ބާރުގަދަ ތޫފާން އިރްމާ ކިއުބާ އަށް އަރައިފި
ބާރުގަދަ ތޫފާން އިރްމާ ކިއުބާ އަށް އަރައިފި

ހަވާނާ (ސެޕްޓެމްބަރު 9) - ގަދަވަޔާއި ބޯ ވިއްސާރައާ އެކު ބާރުގަދަ ތޫފާން އިރްމާ ކިއުބާ އަށް އަރައިފި އެވެ.

ކިއުބާގެ އިރު އުތުރުގެ ހިސާބުތަކަށް ތޫފާން އެރި އިރު ބާރުމިން ހުރީ ކެޓަގަރީ ފަހެއްގަ އެވެ. މިއީ މިހާ ބާރުގަދަ ތޫފާނެއް ޒަމާންތަކަކަށް ފަހު ކިއުބާ އަށް އެރި ފުރަތަމަ ފަހަރެވެ. ތޫފާނުގެ ބާރު މިއަދު ހެދުނު ކެޓަގަރީ ހަތަރަކަށް ވެއްޓުމަށް ފަހު އަނެއްކާ ވެސް ވަނީ ބާރުގަދަވެފަ އެވެ. ތޫފާނުގައި ކިއުބާގެ ބައެއް ހިސާބުތަކުގައި މިހާރު ވެސް ވަނީ ފެންބޮޑުވެފަ އެވެ. މެދުތެރޭ ޕްރޮވިންސެއް ކަމަށްވާ ކަމަގުއޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ހޮޅިދަނޑިތައް ވަނީ ވެއްޓިފަ އެވެ.

ކިއުބާގެ އޮފިޝަލުން ބުނީ ތޫފާނުގައި ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް މީހަކު މަރުވި ކަމަށް ރިޕޯޓްކޮށްފައެއް ނުވެ އެވެ.

ތޫފާނުގެ މިސްރާބު މިހާރު ހުރީ އެމެރިކާގެ ފްލޮރިޑާ އަށް ކަމަށްވާތީ އެ ސްޓޭޓުގެ 5.6 މިލިއަން މީހުންނަށް ވަނީ ރައްކާވެ ތިބުމަށް އަންގައިފަ އެވެ. މިއީ އެ ސްޓޭޓުގެ އާބާދީގެ 25 ޕަސެންޓެވެ. އިރްމާ ފްލޮރިޑާ އަށް އަރާނެ ކަމަށް ލަފާކޮށްފައި ވަނީ މާދަމާ އެވެ. އެމެރިކާގެ ފެޑެރަލް އިމަޖެންސީ އެޖެންސީގެ ވެރިޔާ ބްރޮކް ލޯންގް ވިދާޅުވީ އިރްމާގައި ފްލޮރިޑާ އަށް ނުވަތަ ޖެހިގެން ހުރި ސްޓޭޓުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށެވެ.

ތޫފާނުގައި މިހާރު ވެސް ވަނީ ކެރީބިއަނުން 20 މީހުން މަރުވެފަ އެވެ. ކެރީބިއަންގެ ރަށްތަކަށް ލިބުނު ގެއްލުން 1.4 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.