09 ސެޕްޓެމްބަރ 2017 - 20:06

ކުއާލަ ލަމްޕޫރު (ސެޕްޓެމްބަރު 9) - މިއަންމާގެ ރަކީން ސްޓޭޓުގައި ހިންގާ އަނިޔާވެރިކަމުން ސަލާމަތްވުމަށް ދަތުރު ކުރާ ރޮހިންޖާ މުސްލިމުންނަށް މެލޭޝިއާ ސިފައިން ކަނޑުމަތިން ހުރަސް ނާޅާނެ ކަމަށާއި އޭގެ ބަދަލުގައި އެ މީހުންނަށް ވަގުތީ ގޮތުން ހިޔާވަހިކަން ދޭނެ ކަމަށް އެ ގައުމުގެ މެރިޓައިމް އެޖެންސީގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.
މިއަންމާގެ ހަމަނުޖެހުންތަކާ ގުޅިގެން ބަންގްލަދޭޝް އަށް ދިޔަ ރޮހިންޖާ މުސްލިމުންގެ އަދަދު މިހާރު ވަނީ 270،000 އަށް އަރައިފަ އެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ބައެއް އުޅަނދުތަކުގައި ބައެއް ރެފިއުޖީން ވަނީ މެލޭޝިއާ އަށް މިސްރާބު ޖަހައިފަ އެވެ. މެލޭޝިއާގެ މެރިޓައިމް އެންފޯސްމަންޓް އެޖެންސީގެ ޑިރެކްޓާ ޖެނެރަލް ޒުލްކިފްލި އަބޫ ބަކުރު ވިދާޅުވީ ކުރިއަށް އޮތީ މޫސުން ގޯސް ދުވަސްވަރެއް ކަމަށާއި އެހެންވެ ރެފިއުޖީ ބޯޓުތަކަށް ނުރައްކާ ކުރިމަތިވާނެ ކަމަށެވެ.
"ރެފިއުޖީންގެ ބޯޓުތަކަށް މެލޭޝިއާ ސިފައިން އެހީތެރިވާނެ. އިންސާނިއްޔަތުކަމުގެ ގޮތުން ބަލާ އެ މީހުން އަނބުރާ ފޮނުވާލުމުގެ ބަދަލުގައި މެލޭޝިއާ އިން އެމީހުންނަށް ރައްކާތެރިކަން ދޭނެ،" ޒުލްކިފްލި ވިދާޅުވި އެވެ.
މެލޭޝިއާގައި މިހާރު ވެސް ލައްކައެއްހާ ރޮހިންޖާ ރެފިއުޖީން ދިރިއުޅެ އެވެ. މެލޭޝިއާ އަކީ އދ.ގެ ރެފިއުޖީ ކޮންވެންޝަނުގައި ސޮއިކޮށްފައިވާ ގައުމެއް ނޫނެވެ. އެހެންވެ އެ ގައުމުގައި ދިރިއުޅޭ ރެފިއުޖީން ބަލާނީ ގަވާއިދާޚިލާފަށް އުޅޭ ބައެއްގެ ގޮތުގަ އެވެ.
މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު ވިދާޅުވީ މިއަންމާ-ބަންގްލަދޭޝް ބޯޑަރު ކައިރީ ހާލުގައި ޖެހިފައި ތިބި ރޮހިންޖާ ރެފިއުޖީންނަށް އެހީވުމަށް މެލޭޝިއާގެ ޓީމެއް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ބޯޑަރު ކައިރީ އަސްކަރީ ހޮސްޕިޓަލެއް ހުޅުވުމަށް މެލޭޝިއާ އިން ދަނީ ބަންގްލަދޭޝްއާ މަޝްވަރާ ކުރަމުންނެވެ.