09 ސެޕްޓެމްބަރ 2017 - 15:47

ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި މުހައްމަދު އަނަސްގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުުރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ އަދަދެއް ފުލުހުން ކުރިން ނުބުނެ އެވެ. އެކަމަކު މީޑިއާ އޮފިޝަލަކު ވިދާޅުވީ އަނަސްގެ މަރާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފައިވާއިރު އެ މީހުންގެ ބަންދުގެ މުއްދަތު ވެސް އިތުރުކޮށްފައިވާ ކަމަށެވެ.
މިދިޔަ ޖުލައި 31 ވަނަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ، އަނަސް މަރާލުމުގައި އަމަލީގޮތުން ބައިވެރިވި މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މިދިޔަ މަހުގެ ތެރޭގައި މ. ދިމިޝްގު ފާސްކޮށް، 23 އަހަރުގެ ފިރިހެނަކާއި 18 އަހަރު ނުފުރޭ ފިރިހެން ކުއްޖެއް ހައްޔަރުކޮށްފައި ވެ އެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ހައްޔަރުކުރި، 18 އަހަރު ނުފުރޭ ފިރިހެން ކުއްޖާގެ ބަންދަށް ޖުވެނައިލް ކޯޓުން 9 ދުވަސް ދީފައި ވާއިރު ބާކީ ތިބި މީހުންނަށް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީދައިވާ ކަމަށެވެ.
ރ އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅޭ އަނަސްގެ ހަށިގަނޑުގެ 37 ތަނަކަށް ވަޅި ހަރާފައިވެ އެެވެ.