09 ސެޕްޓެމްބަރ 2017 - 14:03

މާލޭގަައި ހިންގި މާރާމާރީއެއްގައި މީހަކު މަރާލި މައްސަލައަކާ ގުޅިގެން ލ. އަތޮޅުން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރެއްގެ މައްސަލާގައި ލ. އަތޮޅުގެ ރަށަކުން މީހަކު ހައްޔަރުކޮށް މާލެ ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި އިތުރު ތަފުސީލެއް ހާމައެއްނުކުރެ އެވެ.
މި ފަހުން މާލޭގައި ވަނީ ދެ މާރާމާރީއެއް ހިންގައި ދެ ޒުވާނުން މަރާލާފަ އެވެ. އެގޮތުން މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ޓާމިނަލް ކެފޭ ތެރޭގައި އިންދާ ނަދީމް އަބްދުއްރަހީމްގެ ބޮލަށް ވަޅި ހަރައި މަރާލާފައިވާއިރު، އޭގެ ދެ ތިން ދުވަސް ފަހުން ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހަށިގަނޑުގެ 37 ތަނަކަށް ވަޅި ހަރައި މުހައްމަދު އަނަސް ވަނީ މަރާލައިފަ އެވެ.
މި ދެ މަރާ ގުޅިގެން ވެސް ވަނީ ބަޔަކު ހައްޔަރުކޮށްފަ އެވެ.