ޒާއިރާގެ މަސައްކަތާ މެދު އާމިރު ޚާން ހިތްހަމަ ޖެހިއްޖެ
ޒާއިރާގެ މަސައްކަތާ މެދު އާމިރު ޚާން ހިތްހަމަ ޖެހިއްޖެ

އާމިރު ޚާނަކީ ބޮލީވުޑްގެ "އެންމެ ފުރިހަމަ އެކްޓަރު"ގެ ގޮތުގައި މަޝްހޫރު ބަތަލެކެވެ. އެހެންކަމުން ޒުވާން ބަތަލާ ޒާއިރާ ވަސީމްގެ ވެސް އެފަދަ ކޮލިޓީއެއް ހުރި ކަމަށް އާމިރު ޚާން ބުނުމަކީ ގިނަ ބަޔަކަށް ޒާއިރާގެ ކުޅަދާނަކަން ޔަގީންވާނެ ކަމެކެވެ.

"ސީކްރެޓް ސުޕަސްޓާ"ގައި ލަވަކިޔުންތެރިޔެއްގެ ކެރެކްޓާ ވެސް އަދި "ދަންގަލް"ގައި ރެސްލިންތެޅުންތެރިއެއްގެ ކެރެކްޓާ ވެސް ޒާއިރާ ވަނީ ވަރަށް ފުރިހަމައަށް ކުޅެފައި ކަމަށް އާމިިރު ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

މިހާރު ރިލީޒްވުމުގެ މަގުމަތީގައިވާ "ސީކްރެޓް ސުޕަސްޓާ" އަކީ އާމިރު ޚާން އެކްޓްކޮށް އޭނާ ޕްރޮޑިއުސް ވެސް ކޮށްފައިވާ ފިލްމެކެވެ.

އާމިރު ބުނި ގޮތުގައި ޒާއިރާ އަކީ އެއްވެސް ގޮތަކަށް މިއުޒިކާ ގުޅުންހުރި ބަތަލާއެއް ނޫނެވެ. އަދި ރެސްލިން އަކީ ވެސް ކޯއްޗެއްކަން ވެސް އޭނާއަކަށް ނޭނގެ އެވެ. ނަމަވެސް "ދަންގަލް" އާއި "ސީކްރެޓް ސުޕަސްޓާ"ގެ ކެރެކްޓާ އަށް ޒާއިރާ ވަނީ އަމިއްލައަށް ތަމްރީނު ހަދައި ގިޓާ ކުޅުމާއި ރެސްލިން ތެޅުން ފަދަ ކަންތައްތައް ދަސްކޮށްފަ އެވެ.

"ސީކްރެޓް ސުޕަސްޓާ"ގައި ޒާއިރާ ކުޅެނީ ކަޝްމީރުގެ އާއިލާއަކަށް ނިސްބަތްވާ އިންސިއާ ކިޔާ ކުއްޖެއްގެ ރޯލެވެ. އިންސިއާ އަކީ ލަވަ ކިޔުމުގެ ޝައުގުވެރިކަން ހުރި ކުއްޖެކެވެ. ނަމަވެސް އޭނާގެ ބައްޕަ އޭނާ ލަވަކިއުމާ ވަރަށް ދެކޮޅެވެ.

އަދަވައިތު ޗަންދަން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ދައްކުވައިދެނީ އޭނާއަކީ ކާކުކަން ފޮރުވައިގެން ހުރެ އިންސިއާ އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރާ މަސައްކަތެވެ.

އާމިރު ބުނި ވާހަކަ އަކީ ވަރަށް ބޮޑު ހަގީގަތެއްކަން ޒާއިރާ ވަނީ ސާބިތުވެސް ކޮށްދީފަ އެވެ. "ދަންގަލް" ކުޅެގެން ނެޝަނަލް އެވޯޑު ހާސިލުކުރި ހަމައެކަނި އެކްޓަރަކީ ޒާއިރާ އެވެ. އެ ފިލްމުން އޭނާއަށް ވަނީ އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އަންހެން ކެޓަގަރީން އެވޯޑު ލިބިފަ އެވެ.

އަންނަ މަހުގެ 19 ވަނަ ދުވަހަށް ރިލީޒްކުރަން ތައްޔާރުވަމުންދާ މި ފިލްމުގެ "މޭރީ ޕިޔާރީ އައްމީ" މީގެ ދެ ދުވަސް ކުރިން ރިލީޒްކޮށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.