09 ސެޕްޓެމްބަރ 2017 - 10:10

މެންޗެސްޓާ (ސެޕްޓެމްބަރު 9) – އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނަ ލިވަޕޫލުގެ ސްކޮޑުން ބްރެޒިލް މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ ބާކީކޮށްފި އެވެ.
ބާސެލޯނާ އިން ގެންދަން މަސައްކަތްކުރި އަދި ކްލަބް ބަދަލުކުރަން އަމިއްލަ އަށް ވެސް އެދުނު ކުޓީނިއޯ އަށް ބުރަކަށީގެ އަނިޔާއެއްގެ ސަބަބުން ލިވަޕޫލް ކުޅުނު ފުރަތަމަ ތިން މެޗުން ފުރުސަތެއް ނުލިބުނެވެ. އޭގެ ފަހުން ފަހުން އޭނާ ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް ކުޅުނު ދެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައިފަ އެވެ. އެހެންވެ ބެލެވިފައި އޮތީ އޭނާ އަށް މިއަދުގެ މެޗުގެ ސްކޮޑުން ފުރުސަތު ލިބޭނެ ކަމަށެވެ.
ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް ބުނީ މިއަދުގެ މެޗުގެ ސްކޮޑުން ކުޓީނިއޯ އަށް ފުރުސަތު ނުދޭން ނިންމީ އިތުރު ޓްރެއިނިން ކުރަން އެ ވަގުތު ހުސްކުރުމަށް ކަމަށް ކަމަށާއި އެކަމަށް ކުޓީނިއޯ ވެސް އެއްބަސްވެފައިވާ ކަމަށެވެ.
ކުޓީނިއޯ ވަނީ އިކުއެޑޯ އަތުން 2-0 އިން ބްރެޒިލް މޮޅުވި މެޗުގެ 59 ވަނަ މިނެޓުގައި ކުޅެން އަރައި 76 ވަނަ މިނެޓުގައި ގޯލް ޖަހައިފަ އެވެ. އަދި ކޮލަމްބިއާއާ 1-1 އިން އެއްވަރުވި މެޗުގެ 75 ވަނަ މިނެޓުގައި ކުޅެން އެރި އެވެ.
ކްލޮޕް ބުނީ ބްރެޒިލާ އެކު ކުޓީނިއޯ ހެދި ތަމްރީންތަކާއި އެ ހުރިހާ ކަމެއްގެ ތަފްސީލް ލިބިފައިވާ ކަމަށާއި އެކަންކަމާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ކްލޮޕް ބުނީ ސިޓީ މެޗުގައި އޭނާ އަށް 15 ނުވަތަ 20 ނޫނީ އެއަށް ވުރެ ވެސް ގިނަ ވަގުތު ކުޅެވިދާނެ ކަމަށާއި އެކަމަކު އެންމެ ރަނގަޅު ގޮތަކީ ސްކޮޑަށް ނުނަގައި ތަމްރީންތަކަށް ދޫކޮށްލުން ކަމަށް ފެންނަ ކަމަށެވެ.
"އޭނާ އެކަމަށް ފުރިހަމައަށް އެއްބަސްވި،" ކްލޮޕް ބުންޏެވެ.
މި ސީޒަނަށް އެންމެ ވަރުގަދައަށް ތައްޔާރުވި އެއް ޓީމު ކަމަށްވާ ސިޓީއާ ދެކޮޅަށް ލިވަޕޫލް ނުކުންނައިރު އެ ޓީމު ވަނީ އެންމެ ފަހުން ކުޅުނު މެޗުން އާސެނަލް އަތުން 4-0 އިން މޮޅުވެފަ އެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ލިވަޕޫލް ލީގު ކާމިޔާބުނުކުރާތާ ގިނަ ދުވަސްތަކެއްވެފައިވީ ނަމަވެސް އެ ޓީމަކީ ލީގުގެ ފޭވަރިޓެއް ކަމަށެވެ.
ސިޓީގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 4:30 ގަ އެވެ. މިރޭ 7 ޖަހާއިރު ލެސްޓާ ސިޓީ އާއި ޗެލްސީ ބައްދަލުކުރާއިރު މިރޭ 9:30 ގައި މެންޗެސްޓާ ޔުނައިޓެޑް ނުކުންނާނީ ސްޓޯކް ސިޓީއާ ދެކޮޅަށެވެ.