ސިޒޭރިއަން ހެދުމުގެ ހައްގު ޗައިނާގައި ނެތުން ބޮޑު ބަހުސަކަށް
ސިޒޭރިއަން ހެދުމުގެ ހައްގު ޗައިނާގައި ނެތުން ބޮޑު ބަހުސަކަށް

ޗައިނާގައި 26 އަހަރުގެ މާބަނޑު މީހަކަށް ސިޒޭރިއަން ހެދުމުގެ ހުއްދަ ނުލިބުމުން އަމިއްލައަށް މަރުވި ހާދިސާއެއް މިދިޔަ ހަފުތާގައި ވަނީ މީޑިއާގެ ސަމާލުކަމަށް އައިސްފަ އެވެ. މި މީހާ ގާތު ޑޮކްޓަރުން ބުނީ ބަނޑުގައި އޮތް ދަރިފުޅުގެ ބޯ އާދަޔާޚިލާފަށް ބޮޑު ކަމަށާއި އޭނާއަށް ނުވިހޭނެ ކަމަށެވެ. އަދި އަވަހަށް ސިޒޭރިއަން ހަދަން ލަފާ ދިނެވެ. އެކަަމަކު ސިޒޭރިއަން ހަދަން ހުއްދަ ނުލިބުނީ އާއިލާއިން ގަބޫލު ނުވުމުންނެވެ.

ޗައިނާގެ ގާނޫނުތައް ބުނާ ގޮތުން އާއިލާގެ ހުއްދައަކާ ނުލައި ސިޒޭރިއަން ހަދައިދީގެން ނުވާނެ އެވެ. އަންހެންމީހާ ކިތަންމެ ވަރަކަށް އެދުނަސް އާއިލާގެ މީހުން އެއްބަސްވެ ސޮއިކޮށްގެން ނޫނީ އޮޕަރޭޝަނެއް ނުކުރެވޭނެ އެވެ.

މެޓާނިޓީ ވޯޑުގައި އޮތް މި އަންހެންމީހާ ބަނޑުގައި ރިހޭ ވަރުން ކެތް ނުވެގެން ރޮމުން އޭނާގެ އާއިލާގެ މީހުންނަށް އާދޭސްކުރާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އާއިލާގެ މީހުންގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން އިނދެ އާދޭސް ކުރަމުން ދިޔަ މަންޒަރު ވެސް ވީޑިއޯއިން ފެނެ އެވެ.

އޭނާގެ އާއިލާގެ މީހުން ބުނަމުން ދިޔަ ކަމަށް ވަނީ ކެތްތެރިވުމަށެވެ. ޑޮކްޓަރުން ދައްކާ ވާހަކަ ގަބޫލުނުކޮށް ގުދުރަތީ ގޮތުން ވިހޭނެކަމަށް އާއިލާގެ މީހުން ގަބޫލު ކުރި އެވެ. އެކަމަކު އެތައް އިރެއް ވެގެން ދިޔައިރު ވެސް ނުވިހުނެވެ. ހޮސްޕިޓަލުން ބުނީ އަންހެން މީހާ މި ވޭނުގައި އުޅުމަށް ފަހު މަރުވީ ހޮސްޕިޓަލުގެ ފަސް ވަނަ ބުރީގެ ކުޑަ ދޮރަކުން ބޭރަށް ފުންމާލައިގެން ކަމަށެވެ.

މި މިހާ ހުރި ހާލަތަށް ބަލާއިރު އަމިއްލަ އަށް އެގޮތަށް ފުންމާލެވޭނެތޯ ބައެއް މީހުން ސުވާލު އުފައްދަ އެވެ. އެކަމަކު އެއަށް ވުރެ ބޮޑު ބަހުސަކަށް ވެފައި ވަނީ ސިޒޭރިއަން ހެދުމުގައި ޗައިނާއިން ގެންގުޅޭ އުސޫލުގެ މައްސަލަ އެވެ. އެ މީހުން ބުނަނީ އަންހެނަކަށް އޭނާއަށް ކެތް ނުކުރެވޭ ވަރަށް ބަނޑުގައި ރިހޭއިރު ވެސް އޮޕަރޭޝަން ކޮށްދޭން އެދުމުގެ ހައްގު ނެތުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި ޗައިނާގެ ގާނޫނުތައް ބަދަލުކުރަންޖެހޭ ކަމަށެވެ.