ދޮންވާ ކްރީމް އިޝްތިހާރު ކުރެވުނީތީ ދެރަވޭ: ޕްރިޔަންކާ
ދޮންވާ ކްރީމް އިޝްތިހާރު ކުރެވުނީތީ ދެރަވޭ: ޕްރިޔަންކާ

ބޮލީވުޑްގައި ހޯދި މަޝްހޫރުކަމަށް ފަހު ހޮލީވުޑްގައި ވެސް މިހާރު ވިދާ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ވޯގް އާއި ޕޭޕާ މަޖައްލާގައި ވެސް ދާދިފަހުން ފީޗާކޮށްފައި ވާއިރު އެންމެ ބޮޑު ކަމަކަށް ފާހަގަކޮށްފައި ވަނީ ހަންގަނޑު ދޮންކުރަން އިންޑިއާ މީހުން ކުރާ މަސައްކަތެވެ.

ޕްރިޔަންކާ އަކީ ރީތި ބަތަލާއެއް ނަމަވެސް ހަމުގެ ކުލައިގެ ސަބަބުން އޭނާއަށް ވެސް މައްސަލަތައް ދިމާވެފައިވެ އެވެ.

ޕްރިޔަންކާގެ އިންޓަވިއުތަކުގައި އޭނާ ބުނެފައިވާ ގޮތުގައި އިންޑިއާގައި ކަޅު ކުއްޖަކު އުފަންވެއްޖެ ނަމަ ގިނަ ބަޔަކު އެކަމާ ހިތާމަކޮށް ދަރިފުޅުގެ މުސްތަގުބަލާ ދޭތެރޭ ފިކުރު ބޮޑު ކުރާނެ އެވެ. އެހެންވެ ހަންގަނޑު އަލިކުރާ ކްރީމްތަކުގެ އިޝްތިހާރުތަކަށް އިންޑިއާގައި ބޮޑު ތަރުހީބެއް ލިބެ އެވެ.

"އަހަރެން ވެސް ޅައިރު އެފަދަ ކްރީމްތައް އުނގުޅަން. އަދި 20ގެ އަހަރުތަކުގައި އަހަރެން ފިލްމު ކުޅެން ފެށުމާ އެކު ވެސް އަހަރެން ހަންގަނޑު ދޮންކުރާ ކްރީމެއްގެ އިޝްތިހާރެއް ވެސް ކުޅެފައިވާނެ. އެ އިޝްތިހާރުގައި ބުނާ ގޮތުން ކްރީމް އުނގުޅާތާ ހަފުތާއެއް ތެރޭގައި ހަންގަނޑު އަލިވެގެން ދާނެ. ނަމަވެސް ފަހުން އެ އިޝްތިހާރު ކުޅެވުނީތީ އަހަރެން ވަރަށް ދެރަވި. ސަބަބަކީ އެ ފަދަ އިޝްތިހާރުތަކުން ދައްކައިދެނީ އަންހެންކުދިންގެ އަމިއްލަ ނަފްސަށް އެއްވެސް އިތުބާރެއް ނެތްކަން ކަމަށް ވާތީ،" ޕްރިޔަންކާގެ އިންޓަވިއުގައި ބުނެފައިވެ އެވެ.

ޕޭޕާ މަޖައްލާއާ ވާހަކަ ދައްކަމުން ޕްރިޔަންކާ ވަނީ މި އިޝްތިހާރާ ގުޅޭ ގޮތުން އިތުރު މައުލޫމާތުތައް ވެސް ހިއްސާކޮށްފަ އެވެ. އެ އިޝްތިހާރަކީ ކުޅެންވާ ވަރުގެ އެއްޗެއް ނޫންކަން ވިސްނުނު ހިސާބުން އޭނާ އެ ކޮމާޝަލް އިތުރަށް ނުކުޅެ ވަކިވީ އެވެ.

ބޮލީވުޑް އެކްޓަރުން މިހާރު ފެއާނަސް ކްރީމާ ދެކޮޅަށް ވާހަކަ ދެއްކި ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ގިނަ އެކްޓަރުން މި ފަދަ ކްރީމްތަކުގެ ބޭނުން ކުރާ ކަމެވެ. ފިލްމު ކުޅެން ފެށި ދުވަސްވަރު ކަޅުކޮށް ތިބި އެކްޓަރުން އޭގެ ހައެއްކަ އަހަރު ފަހުން ދޮންވެފައި ހުއްޓާ ފެނިފައިވެ އެވެ.