"ފެނީ ޚާން"ގައި އައިޝްވަރިޔާއާ އެކު މަސައްކަތް ކުރެވޭތީ ރާޖްކުމާރު ރާއޯ އުފަލުން
"ފެނީ ޚާން"ގައި އައިޝްވަރިޔާއާ އެކު މަސައްކަތް ކުރެވޭތީ ރާޖްކުމާރު ރާއޯ އުފަލުން

އައިޝްވަރިޔާ ރާއީ އަލަށް ކުޅެން ފަށާ ފިލްމު "ފެނީ ޚާން" ގައި އޭނާއާ އެކު ލޯބީގެ ރޯލު ކުޅެނީ އާރް. މާދްވަން ކަމަށް ޚަބަރު ފެތުރުމުން ގިނަ ބަޔަކު ވަރަށް އުފާކުރި އެވެ. ނަމަވެސް މާދްވަން ސޮއިކޮށްފައިވާ އެހެން ބައެއް ފިލްމުތަކާ ހެދި އެ ފިލްމުގައި މަސައްކަތް ކުރެވެން ނެތް ކަމަށް ވަނީ ބުނެފަ އެވެ.

މިހާރު އެ ރޯލު ލިބިފައިވަނީ ކުޅަދާނަ އެކްޓަރު ރާޖްކުމާރު ރާއޯ އަށެވެ. މިއީ ރާޖްކުމާރު އާއި އައިޝްވަރިޔާ ސްކްރީނުން އެކުގައި ފެންނާނެ ފުރަތަމަ ފަހަރެވެ.

މިކަމާ އެންމެ އުފާވެފައި މިހާރު ހުރީ ރާޖްކުމާރެވެ. އޭނާ ބުނީ އައިޝްވަރިޔާއާ އެކު މަސައްކަތް ކުރެވޭތީ އޭނާއަށް ބަޔާން ނުކުރެވޭ ވަރުގެ އުފަލެއް އިހްސާސް ކުރެވޭ ކަމަށާއި އޭނާ މިހާރު ކުޅެމުންދާ ސުބާޝް ޗަންދުރަ ބޯސްގެ ހަޔާތާ ގުޅޭ ފިލްމުގެ މަސައްކަތް ނިމުމާ އެކު "ފެނީ ޚާން"ގައި ކުޅެން ޖެހޭ ބަޔަށް ތައްޔާރުވާން ފަށާނެ ކަމަށެވެ.

ރާޖްކުމާރަކީ އައިޝްވަރިޔާ އަށް ވުރެ 10 އަހަރު ހަގު ބަތަލެކެވެ. އޭނާ މިހާރު ތުނބުޅިދިގުކުރަން ފަށާފައިވަނީ ދެ އެކްޓަރުންގެ އުމުރުގެ ތަފާތު ސްކްރީނުން ނުފެންނަ ގޮތް ހަދަން ކަމަށް ބެލެވެ އެވެ. މިއީ ޝްރީދޭވީ އާއެކު "އާމީ" ކުޅުނު ދުވަސްވަރު ޝާހްރުކް ޚާން ވެސް ގެންގުޅުނު އުކުޅެކެވެ.

"ފެނީ ޚާން"ގައި އައިޝްވަރިޔާ އާއި ރާޖްކުމާރުގެ އިތުރުން އަނިލް ކަޕޫރާއި ދިވްޔާ ދައްތާ ވެސް ވަރަށް މުހިއްމު ރޯލުތަކެއް ކުޅޭނެ އެވެ. މި ދެ އެކްޓަރުން ފިލްމުގައި ކުޅެނީ ދެމަފިރިންގެ ރޯލު ކަމަށް ޚަބަރުތައް ބުނެ އެވެ.

ރާކޭޝް އޯމްޕްރަކާޝް މެހެރާ ޕްރޮޑަކްޝަނުން އުފަައްދާ މި ފިލްމަކީ 2000 ގައި އުފެއްދި އަދި އޮސްކާ އަށް ނޮމިނޭޓްވީ ޑަޗް ފިލްމެއް ކަމަށްވާ "އެވްރިބޮޑީޒް ފޭމަސް"ގެ ރިމޭކް އެކެވެ.

އަތުލް މަންޖްރެކަރް ޑައިރެކްޓްކުރާ މި ފިލްމު ރިލީޒްކުރަން ރާވާފައިވަނީ 2018 ގެ އޭޕްރީލް 13 ގައެވެ.