08 ސެޕްޓެމްބަރ 2017 - 17:47

މިޔަންމާގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ބައެއް ރަށްރަށުގައި ހިނގާލުން ބާއްވައިފި އެވެ.

ރޮހިންޖާ މީހުންނަށް ކުރަމުންދާ އަނިޔާއާ ދެކޮޅަށް ރާއްޖޭގެ އެކި ރަށްތަކުގައި ހަރަކާތްތައް ދަނީ ހިނގަމުންނެވެ. އެގޮތުން ބ. ކަމަދު އާއި ގދ. ގައްދޫގައި މިއަދު ހަވީރު ވަނީ ހިނގާލުމެއް ބާއްވައިފަ އެވެ.

އެ ދެ ރަށުގައި އޮތް ހަރަކާތުގައި ރޮހިންޖާ މީހުންނާ މެދު ހިންގާފައިވާ އަމަލުތައް ދައްކައިދޭ ޕޯސްޓަރުތަކާއި ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ގިނަ އަދަދެއްގެ ބަޔަކު ނުކުތެވެ. އޭގެ އިތުރުން ރޮހިންޖާ މީހުންނަށް އެހީވާން ކަމަދޫގައި ފަންޑު ފޮއްޓެއް ވެސް ވަނީ ބަހައްޓާފަ އެވެ.
ރޮހިންޖާ މީހުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ދަނީ މިޔަންމާގެ ލީޑަރު އަދި ނޮބަލް ސުލްހައިގެ އިނާމް ހޯއްދަވާފައިވާ އަންގްސަން ސޫކީއާ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
މިޔަންމާގެ ސިފައިން ރޮހިންޖާ މީހުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގާތީ ރާއްޖެއިން ވަނީ މިދިޔަ ހަފުތާގައި އެ ގައުމާ ވިޔަފާރީގެ ގުޅުން ކަނޑާލައިފަ އެވެ.
ރޮހިންޖާ މުސްލިމުންނާ މެދު އެ ގައުމުގެ ސިފައިންނާއި ބުދުދީނުގެ މީހުންގެ އަނިޔާވެރިކަން މި ފަހުން ބޮޑުވީ މިދިޔަ މަހުގެ 25 ގައި ރޮހިންޖާގެ ހަތިޔާރު އެޅި ބަޔަކު ފުލުހުންގެ ޕޯސްޓްތަކަށް ހަމަލާ ދީފައިވާ ކަމަށް ބުނެ އެވެ. އޭގެ ރައްދުގައި ސިފައިން ދޭން ފެށި ހަމަލާތަކުގައި 400 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އަދި ބައެއް ވިލެޖްތަކުގައި ހުޅު ޖަހައި ވަނީ އަންދާލައިފަ އެވެ.