މެކްސިކޯގެ ވަރުގަދަ ބިންހެލުމުގައި ނުވަ މީހުން މަރު
މެކްސިކޯގެ ވަރުގަދަ ބިންހެލުމުގައި ނުވަ މީހުން މަރު

މި ގަރުނުގައި މެކްސިކޯ އަށް ކުރިމަތިވި އެންމެ ވަރުގަދަ ބިންހެލުމުގައި މިހާތަނަށް ނުވަ މީހުން މަރުވެއްޖެ އެވެ. އަދި މަރުވި މީހުންގެ އަދަދު މައްޗަށް ދާނެކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ އެވެ.

ރާއްޖޭ ގަޑިން މިއަދު ހެނދުނު ނުވައެއްޖަހާކަން ހާއިރު (މެކްސިކޯ ގަޑިން ރޭގަނޑު 2350ގައި) މެގްނިޓިއުޑް 8.2 ގެ ބާރުމިނުގައި އައި ބިންހެލުމުގެ ގުޑުން މެކްސިކޯގެ 50 މިލިއަން މީހުން ތަޖުރިބާކުރި ކަމަށް ރައީސް އެންރިކޭ ޕީނާ ނީޓޯ ވިދާޅުވި އެވެ.

މެކްސިކޯގެ އިތުރުން އަވަށްޓެރި ގުއަޓަމާލާ އިން އެކަކު ވަނީ މަރުވެފަ އެވެ.

ބިންހެލުން އުފެދުނީ މެކްސިކޯގެ ދެކުނު އައްސޭރި ފަށުގެ 87 ކިލޯމީޓަރު ދުރުން ޕެސިފިކް ކަނޑުގަ އެވެ. އެ ސަރަހައްދާ އެންމެ ކަރީގައި އޮންނަނީ މެކްސިކޯގެ ޕިޖިޖިއަޕަން ސްޓޭޓެވެ. އެކަމަކު ބިންހެލުން އައި ސަރަހައްދާ 1،000 ކިލޯމީޓަރު ދުރުގައި އޮތް ވެރިރަށް މެކްސިކޯ ސިޓީގެ އިމާރާތްތައް ވެސް ވަރަށް ބޮޑަށް ގުޑި އެވެ. ގާތްގަނޑަކަށް މިނިޓަކަށް ދެމިގެން ދިޔަ މި ގުނޑުމުގައި އާންމުން ބިރުން މަގުތަކަށް ނުކުތެވެ.

ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން އިންޒާރު ދިން ގޮތުގައި ބިންހެލުމާ އެކު ތިން މީޓަރުގެ ރާޅު އުފެދުން އެކަށީގެންވެ އެވެ. އެކަމަކު އެވަރުގެ ސުނާމީއެއް އެރިކަމުގެ މައުލޫމާތެއް ނުލިބެ އެވެ.

ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ބޮޑު ބިންހެލުމުގެ ފަހުން 4.3 އާއި 5.7 އާ ދެމެދުގެ ބާރު މިނުގެ ހެލުންތައް، ބިންހެލުން އައި ސަރަހައްދަށް ފޯރި އެވެ.

ވެރިރަށަށް މާ ބޮޑު ގެއްލުންތަކެއް ލިބިފައިވާ ކަމުގެ ރިޕޯޓް ނެތަސް، ބައެއް ސަރަހައްދުތަކުން ކަރަންޓް ވަނީ ކެނޑިފަ އެވެ. އެކަމަކު ބިންހެލުން އައި ސަރަހައްދާ ކައިރި ސްޓޭޓްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ތަނުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފަ އެވެ. އެހެންކަމުގެ މަރުވި މީހުންގެ އަދަދު މައްޗަށް ދާނެ ކަމަށް ބެލެވެ އެވެ.