ސީޒަން ފެށުމުގެ ކުރިން ޓްރާންސްފާ ބާޒާރު ބަންދުކުރަން ފާސްކޮށްފި
ސީޒަން ފެށުމުގެ ކުރިން ޓްރާންސްފާ ބާޒާރު ބަންދުކުރަން ފާސްކޮށްފި

ލަންޑަން (ސެޕްޓެމްބަރު 8) – އަންނަ އަހަރުން ފެށިގެން ފުޓްބޯޅަ ސީޒަން ފެށުމުގެ ކުރިން ޓްރާންސްފާ ބާޒާރު ބަންދުކުރަން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ފާސްކޮށްފި އެވެ.

އެކަމަކު އޮގަސްޓް 31 ގައި ޔޫރަޕުގެ ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ކުޅުންތެރިން ވިއްކުމުގެ ފުރުސަތު ޕްރިމިއާ ލީގުގެ ކްލަބްތަކަށް ވެސް އޮންނާނެ އެވެ. އަންނަ ސީޒަނަށް ކުޅުންތެރިއަކު ގެނެވޭނެ އެންމެ ފަހު ތާރީހަކީ އޮގަސްޓް 9 ވަނަ ދުވަހެވެ.

އަވަހަށް ޓްރާންސްފާ ބާޒާރު ބަންދުކުރުމުގެ މާނައަކީ ޕްރިމިއާ ލީގުގެ ކްލަބްތަކަށް ވިޔަފާރިކުރަން ލިބޭ ވަގުތު މަދުވުމެއް ނޫނެވެ. ފީފާ ގަވާއިދުތަކާ އެއްގޮތަށް ކްލަބްތަކަށް 12 ހަފުތާ ދިނުމުގެ ގޮތުން ޕްރިމިއާ ލީގުގެ ޓްރާންސްފާ ބާޒާރު އަވަހަށް ހުޅުވާލާނެ އެވެ.

އިއްޔެ ނެގި ވޯޓުގައި މި ބަދަލު ގެންނަން ފާސްވީ އާދައިގެ މެޖޯރިޓީންނެވެ. އެއީ 14 ވޯޓެވެ. މިކަމާ ދެކޮޅަށް ވޯޓް ދިނީ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އާއި ވަޓްފޯޑާއި ސްވަންސީ ސިޓީ އަދި ކްރިސްޓަލް ޕެލަސް އިންނެވެ.

މިހާރު ޓްރާންސްފާ ބާޒާރު ބަންދުކުރާއިރު އާ ސީޒަން ފަށައިގެން ތިން ހަފުތާއެއްހާ ދުވަސް ވާނީ ފާއިތުވެގެންގޮސްފަ އެވެ. އޭގެ ސަބަބުން ސީޒަން ފަށާއިރު ވެސް ބައެއް ކުޅުންތެރިން ކުޅޭނެ ކްލަބެއް ނުނިމި ކުޅިބަލަން ތިބެން ޖެހެ އެވެ.

ޓްރާންސްފާ ބާޒާރު އަވަހަށް ބަންދުކުރަން ޔުއެފާގެ ރައީސް އެލެކްސެންޑާ ކެފެރިން ވަނީ ތާއީދުކުރައްވައިފަ އެވެ.

އެކަމަކު ޕްރިމިއާ ލީގުން ގެނައި ބަދަލު މުޅި ޔޫރަޕުގައި ނުގެންނަމަ އޭގެ އެންމެ ބޮޑު ފައިދާކުރާނެ ކަމަށް ނުބެލެބެ އެވެ. އެކަމަކު ޔުއެފާގެ ރައީސްގެ ތާއީދު އޮތުމުން އެ ބަދަލު އައުމުގެ ފުރުސަތު ބޮޑެވެ. އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްގެ ޑިރެކްޓަރު ޖެނެރަލް ޖިސެއްޕޭ މަރޯޓާ ވިދާޅުވީ ޕްރިމިއާ ލީގުގެ ބަދަލަށް ތާއީދުކުރައްވާ ކަމަށާއި އިޓާލިއަން ލީގުން ވެސް މި ބަދަލު ގެންނަން އޭނާ ބޭނުންވާ ކަމަށެވެ.