08 ސެޕްޓެމްބަރ 2017 - 11:58

ލަންޑަން (ސެޕްޓެމްބަރު 8) - މިއަންމާގެ އަޣުލަބިއްޔަތު ލިބިފައި ނުވާ ރޮހިންޖާ މުސްލިމުންގެ ހިމާޔަތުގައި ބައިނަލްއަގުވާމީ މުޖްތަމައުން ފިޔަވަޅު އެޅުމަށް ނޯބެލް ސުލްހައިގެ އިނާމު ހޯދާފައިވާ ޕާކިސްތާނުގެ މަލާލާ ޔޫސުފް ޒައި ގޮވާލައިފި އެވެ.
އިނގިރޭސި ވިލާތުގައި ދިރިއުޅެމުން އަންނަ އުމުރުން 20 އަހަރުގެ މަލާލާ ވަނީ ރޮހިންޖާ މުސްލިމުންގެ ހައްގުގައި މިއަންމާގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ ވާހަކަ ދެއްކުމަށް އެދިފަ އެވެ.
"ރޮހިންޖާ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކާ މެދު ހިމޭނުން ތިބެވޭކަށް ނެތް. އަނިޔާ ލިބެމުންދާ މީހުންގެ އަދަދު ހާހުން ލައްކައަށް އަރަމުން އެދަނީ،" ބީބީސީއާ ވާހަކަ ދަައްކަމުން މަލާލާ ބުންޏެވެ.
އަންހެން ކުދިންނަށް ތައުލީމް ހޯދައިދިނުމަށް ވަކާލާތު ކުރުމުގައި އުޅެނިކޮށް ތާލިބާނުން ބޮލަށް ބަޑި ޖެހުމުގެ ސަބަބުން ކިރިޔާ ފުރާނަ ސަލާމަތްވި މަލާލާ އަށް މިހާރު ވަނީ އިނގިރޭސި ވިލާތުގެ މަޝްހޫރު އޮކްސްފޯޑް ޔުނިވާސިޓީން ކިޔެވުމުގެ ފުރުސަތު ލިބިފަ އެވެ. އޮކްސްފޯޑުގައި ވާހަކަ ދައްކަމުން މަލާލާ ބުނީ ރޮހިންޖާ މުސްލިމުން ދިރިއުޅެމުން ދަނީ ޓެރަރިޒަމުގެ ހާލަތެއްގައި ކަމަށެވެ.
"އަޅުގަނޑު އުއްމީދު ކުރަން އަން ސަން ސޫޗީ މި މައްސަލާގައި ވާހަކަ ދައްކަވާނެ ކަމަށް،" މަލާލާ ބުންޏެވެ.
އޮކްސްފޯޑް ޔުނިވާސިޓީން ކިޔެވި ބައެއް މީހުން ވަނީ ނޯބެލް ސުލްހައިގެ އިނާމު ހޯދައިފަ އެވެ. އެކަމަކު މަލާލާ ވަނީ އެ ޔުނިވާސިޓީ އަށް ވަނުމުގެ ކުރިން ނޯބެލް ސުލްހައިގެ އިނާމު ހޯދައިފަ އެވެ. ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫ ވެސް ތައުލީމް ހާސިލް ކުރައްވާފައި ވަނީ އޮކްސްފޯޑް ޔުނިވާސިޓީންނެވެ. މިއަންމާގެ ޑިމޮކްރެސީ ލީޑަރު އަން ސަން ސޫކީ ވަނީ އޮކްސްފޯޑް ކޮލެޖުން ކިޔަވާ ވިދާޅުވެފަ އެވެ. ސޫކީ ވެސް ވަނީ ނޯބެލް ސުލްހައިގެ އިނާމު ހޯއްދަވައިފަ އެވެ.