08 ސެޕްޓެމްބަރ 2017 - 01:08

މުމްބާއީ (ސެޕްޓެމްބަރު 8) - މުމްބާއީގައި 1993 ވަނަ އަހަރު ދިން ސިލްސިލާ ބޮމުގެ ހަމަލާތަކުގައި ކުށްވެރިވި ދެ މީހަކަށް އިންޑިއާގެ ކޯޓަކުން މަރުގެ ހުކުމް ބުރާސްފަތި ދުވަހު އިއްވައިފި އެވެ.
މުމްބާއީގައި ދިން ހަމަލާތަކުގައި ވަނީ 257 މީހުން މަރުވެފަ އެވެ. މި ހަމަލާތަކުގައި ބައިވެރިވި ކަމަށް ބުނެ މަރުގެ ހުކުމް އިއްވާފައި ވަނީ ފީރޯޒް އަބްދުއްރާޝިދު ޚާން އާއި ތާހިރު މާޗަންޓުގެ މައްޗަށެވެ. މި މައްސަލާގައި އިތުރު ދެ މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވި އިރު ފަސް ވަނަ މީހާ އަށް ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވި އެކަކު ކަމަށްވާ އަބޫ ސާލިމް ވަނީ އެ ހަމަލާތަކަށް ފަހު ފިލައިގެން ޕޯޗުގަލަށް ގޮހެވެ. އޭނާ އަނބުރާ ގެނައީ 2005 ވަނަ އަހަރު އެވެ. މި ފަސް މީހުންގެ މައްޗަށް ކުރިން ވަނީ ކާރުތަކާއި ސްކޫޓަރުތަކުގައި 12 ބޮމެއް ހަރުކުރިކަން ސާބިތުވެ ކުށްވެރިވާ ކަމަށް ކަނޑައަޅައިފަ އެވެ. އިންޑިއާގެ މާލީ ހަބުގެ ގޮތުގައި ބަލާ މުމްބާއީގައި ބޮން ގޮއްވި މައްސަލާގައި ހަ ވަނަ މީހަކު ވެސް ކުށްވެރިވި އެވެ. ނަމަވެސް އޭނާ ވަނީ ޖަލުގައި ހުއްޓާ ހާޓް އެޓޭކެއް ޖެހިގެން މަރުވެފަ އެވެ.
ތަހުގީގު ކުރާ ފަރާތްތަކުން ބުނެފައި ވަނީ މުމްބާއީގައި ބޮން ގޮއްވުމުގެ އެންމެ އިސް މޭސްތިރިއަކީ އިންޑިއާ އިން އެންމެ ބޮޑަށް ހޯދަން ބޭނުންވެފައިވާ ދާއޫދު އިބްރާހިމް ކަމަށެވެ. އިންޑިއާ އިން ތުހުމަތު ކުރަނީ ދާއޫދު އިބްރާހިމަށް ޕާކިސްތާނުން ހިމާޔަތް ދީފައިވާ ކަމަށެވެ. މުމްބާއީން ފިލައިގެން ގޮސް އޭނާ ދިރިއުޅެނީ ކަރާޗީ ގައި ކަމަށް ވެސް އިންޑިއާ އިން ބުނެފައިވެ އެވެ. އަދި އޭނާ އިންޑިއާއާ ހަވާލު ކުރުމަށް ވެސް ވަނީ އަންގައިފަ އެވެ. ނަމަވެސް އިންޑިއާގެ ތުހުމަތު ޕާކިސްތާނުން ދޮގު ކުރެ އެވެ.
ދާއޫދު އިބްރާހިމް އެކަން ކޮށްފައި ވަނީ އިންޑިއާގެ އުތުރުގައިވާ ތާރީޚީ ބާބްރީ މިސްކިތް ހިންދޫންގެ ހަރުކަށި ބަޔަކު 1992 ވަނަ އަހަރު ތަޅާލުމާ ގުޅިގެން އެކަމުގެ ބަދަލު ހިފަން ކަމަށް ވެސް ތަހުގީގު ކުރި ފަރާތްތަކުން ބުނެފައިވެ އެވެ. މުމްބާއީގައި ބޮން ގޮއްވި ތަންތަނުގެ ތެރޭގައި ސްޓޮކް އެކްސްޗޭންޖާއި އެއާ އިންޑިއާ އިމާރާތާއި ހޮޓާތަކާއި ސިނަމާ އަދި ބާޒާރުތައް ހިމެނެ އެވެ.
މުމްބާއީ ބޮމުގެ ހަމަލާގެ ތަހުގީގުގެ ފުރަތަމަ ބައި ވަނީ 2007 ވަނަ އަހަރު ނިންމައިފަ އެވެ. ބޮން ގޮއްވުމުގައި ކުށްވެރިވި 100 މީހުންގެ ތެރޭން 11 މީހެއްގެ މައްޗަށް ކުރިން ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ.