08 ސެޕްޓެމްބަރ 2017 - 00:33

ކޮލަމްބޯ (ސެޕްޓެމްބަރު 8) - ސްރީ ލަންކާގެ ރީޖަނަލް ޑިވެލޮޕްމަންޓް މިނިސްޓަރު ސަރަތު ފޮންސެކާއާ ދެކޮޅަށް އިިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ހުށަހަން އެ ގައުމުގެ ޖޮއިންޓް އޮޕޮޒިޝަން (ޖޭއޯ) އިން ތައްޔާރުވެއްޖެ އެވެ.
ލަންކާގެ ޒަމާންވީ ހަނގުރާމަ ނިމުމަކަށް ގެނައި އިރު ސިފައިންގެ ކޮމާންޑަރަކަށް ހުންނެވި ފޮންސެކާގެ އިތުބާރު ނެތް ކަމަށް ހުށަހަޅަނީ، އިދިކޮޅު އިއްތިހާދުން ބުނި ގޮތުގައި، ރައީސް މައިތުރިޕާލާ ސިރިސޭނާ ދެެއްކެވި ވާހަކަތަކަކަށް ގޮންޖައްސަވާފައިވާތީ އެވެ.
ރައީސް ސިރިސޭނާ ވަނީ ލަންކާ ހަނގުރާމައިގެ ބަތަލުން ހިމާޔަތް ކުރައްވާނެ ކަމަށާއި އެ މީހުންގެ ގައިގައި ބޭރުގެ އެއްވެސް ބަޔަކަށް އަތް ނުލެވޭނެ ކަމަށް ވިދާޅުވެފަ އެވެ. ސިރިސޭނާ އަށް ފާޑު ވިދާޅުވަމުން ފީލްޑް މާޝަލް ފޮންސެކާ ވިދާޅުވެފައި ވަނީ ލީޑަރުން ތިބެން ޖެހޭނީ ރައްޔިތުންގެ ފަޅީގައި ކަމަށާއި ހަނގުރާމައިގެ ބަތަލުންނޭ ކިޔާ ޔުނިފޯމް އަޅައިގެން ތިބޭ ވިޔާނުދާ މީހުންނާ އެކުގައި ނޫން ކަމަށެވެ. އަދި ކުށްކޮށްފައި ތިބޭ މީހުންނަށް އަދަބު ދިނުމަކީ ރައީސްގެ ޒިންމާއެއް ކަމަށާއި އެ މީހުންނަށް ހިމާޔަތް ދޭ ވާހަކަ ދައްކަވައިގެން ނުވާނެ ކަމަށް ފޮންސެކާ ވިދާޅުވި އެވެ. މީގެ ކުރީގެ ސަރުކާރުތަކުން ވެސް އެގޮތަށް އަމަލުކޮށްފައިވާކަން ފޮންސެކާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ސްރީ ލަންކާ ފްރީޑަމް ޕާޓީގެ ކޮންވެންޝަނުގައި ސިރިސޭނާ އެ މޭރުމުން ވާހަކަ ދެއްކެވީ ސިފައިންގެ ކޮމާންޑަރެއް ކަމަށްވާ ޖަގަތު ޖަޔަސޫރިއާ އަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށް ބައިނަލްއަގުވާމީ އެންޖީއޯއަކުން ބުނުމާ ގުޅިގެންނެވެ. ސައުތު އެމެރިކާގެ ބައެއް ގައުމުތަކަށް ކަނޑައަޅާފައި ހުރި ސަފީރު ޖަޔަސޫރިއާ އަކީ އިންސާނީ ހައްގުތަކާ ދެކޮޅު އަމަލު ހިންގާފައިވާ މީހެއް ކަމަށް ބުނެ އޭނާގެ މައްްސަލަތަކެއް ވަނީ ވަނީ އެންޖީއޯތަކުން ހުށަހަޅައިފަ އެވެ. މި މައްސަލަތައް ހުށަހެޅުމާ އެކު ސަފީރު ވަނީ އަނބުރާ ކޮލަމްބޯ އަށް ގެންގޮސްފަ އެވެ.