07 ސެޕްޓެމްބަރ 2017 - 23:55

މިއާމީ (ސެޕްޓެމްބަރު 7) - ކެރީބިއަންގައި އުފެދުނު އިރްމާ ތޫފާނަކީ "ނިއުކްލިއާ ހަރިކޭން" އެއް ކަމަށް އެމެރިކާގެ މިއާމީ ސިޓީގެ މޭޔަރު ފިލިޕް ލެވީން ވިދާޅުވެއްޖެ އެވެ.
ތޫފާނުގެ ބިރަށް މިއާމީ ބީޗުން ވަނީ މީހުން ހުސްކޮށްފަ އެވެ.
"އެއްވެސް މީހަކު ބޭރަށް ނުކުމެ އުޅެން ލަފައެއް ނުދެން. މިއީ ބަތަލުންކަން ދައްކަން ޖެހޭ ވަގުތެއް ނޫން،" ލެވީން ވިދާޅުވި އެވެ.
ހަރިކޭން އިރްމާގައި މިހާރު ވެސް ވަނީ ކެރީބިއަންގެ ބައެއް ރަށްތަކުގެ އިމާރާތްތައް ބިމާ ހަމަކޮށްލައިފަ އެވެ. އެންމެ ބޮޑު ގެއްލުމެއް ލިބުނު ބަރްބޫޑާ ޖަޒީރާގެ 95 ޕަސެންޓް އިމާރާތް ވަނީ ވެއްޓިފަ އެވެ. ތޫފާނުގައި ވައި ޖެހެމުން ދިޔައީ ގަޑިއަކު 300 ކިލޯ މީޓަރު (185 މޭލު) ބާރު މިނުގަ އެވެ. މިއީ އެންމެ ބާރުގަދަ ތޫފާން ކަމަށްވާ ކެޓަގަރީ 5 ގެ ތޫފާނެކެވެ.
ހަރިކޭން އިރްމާގެ މިސްރާބު މިހާރު ހުރީ އެމެރިކާގެ ފްލޮރިޑާއާ ދިމާލަށް ކަމަށްވެ އެވެ. އަދި މި ހަފުތާ ބަންދުގައި ތޫފާން އެ ސްޓޭޓަށް އަރާނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާތަކުން ލަފާކޮށްފައިވެ އެވެ.
ފްލޮރިޑާގެ ދެކުނުގެ ސިޓީ މިއާމީގެ ޑޭޑް ކައުންޓީން 650،000 މީހުން ރައްކާތެރި ކަމުގެ ހިސާބުތަކަށް ބަދަލު ކުރުމަށް ފްލޮރިޑާގެ މޭޔަރު ކާލޯސް ޖިމެނޭޒް ވަނީ އަންގަވައިފަ އެވެ.
ފްލޮރިޑާ އަށް ތޫފާން އެރުމުގެ ބިރު އޮތުމާ އެކު ނާސާ އިން މިހާރު ވަނީ ކެނެޑީ ސްޕޭސް ސެންޓަރު ހުކުރު ދުވަހު ބަންދު ކުރުމަށް ނިންމައިފަ އެވެ.