07 ސެޕްޓެމްބަރ 2017 - 21:36

ކ. ހިންމަފުށީގައި ހުންނަ ލައިފް ފެން އުފައްދާ ޕްލާންޓުގައި މަސައްކަތްކުރި ބިދޭސީގެ މަރާ ގުޅިގެން ހައްޔަރު ކުރި އެތާނގެ މެނޭޖަރު، ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.
އެ ޕްލާންޓުގެ މެނޭޖަރު މުހައްމަދު އިމްތިޔާޒު، މިދިޔަ މަހުގެ 30 ވަނަ ދުވަހު ހައްޔަރުކޮށް ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާގެ ބަންދަށް 12 ދުވަސް ޖަހައިފަ އެވެ.
މިދިޔަ މަހުގެ 19 ގައި ބިދޭސީ މީހާ މަރުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިމްތިޔާޒު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ކޯޓުން އޭނާ ދޫކޮށްލީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ޔުނީފޯމް ނާޅާ ފުލުހަކު ގޮސް އޭނާ ހައްޔަރުކުރި ކަމަށް ބުނެ އެެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ ހައްޔަރުކުރީ ހުރިހާ މަރުހަލާއެއް ފުރިހަމަކުރުމަށް ފަހުގައި ކަމަށެވެ. އެހެންކަމުން އެ މައްސަލަ އިސްއިތުނާފު ކުރާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
އުމުރުން 38 އަހަރުގެ ބަންގްލަދޭޝް މީހާގެ މަރާ ގުޅިގެން މީގެ ކުރިން ވެސް ވަނީ އެހެން ދިވެއްސަކު ހައްޔަރުކޮށްފަ އެވެ. ރޭގަނޑު ފެން ޕްލާންޓްގެ ސެކިއުރިޓީ ބަލަހައްޓާ އަދި ކުރިން ފުލުހުންގެ ވަޒީފާގައި އުޅުނު އެ މީހާ، މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.