ސަމީރު ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގައިފި
ސަމީރު ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގައިފި

ޖުމްހޫރީ ޕާޓިިީގެ ސެކްރެޓަރީ ޖެެނެރަލް އަހުމަދު ސަމީރު ފުލުސް އޮފީހަށް މިއަދު ހާޒިރުކޮށް، އޭނާ އަށް ތުހުމަތުކުރާ މައްސަލާގައި ބަޔާން ނަގައިފި އެވެ.

ސަމީރަށް ކުރަނީ، އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒް ކައިރީގައި މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ ހަރަކާތްތެރިވަމުން ދިޔަ ފުލުހުންގެ ދައުރަށް ހުރަސްއެޅި ކަމުގެ ތުހުމަތެވެ.

ސަމީރު ވިދާޅުވީ އޭނާ އަށް ކުރަމުންދާ ތުހުމަތުތަކާ ގުޅިގެން ތަހުގީގުގައި ފުލުހުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތު ސަމީރު ދޮގުކުރައްވަ އެވެ.

މި މައްސަލާގައި މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ ސަމީރު ހައްޔަރު ވެސް ކުރި އެވެ. އެކަމަކު ބަންދުގެ މުއްދަތު އިތުރުކުރުމަށް އޭގެ އަނެއް ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގަށް އެއްބާރުލުން ދިނުމާއި ފޯނު ނަންބަރު ދިނުމާއި ޖިނާއީ ކުށެއްގައި ބައިވެރިނުވުމަށް ޝަރުތުކޮށް ވަނީ ދޫކޮށްލައިފަ އެވެ.

ސަމީރު ދޫކޮށްލިއިރު، ފުލުހުން ވަނީ އޭނާގެ މައްޗަށް ހަތަރު ތުހުމަތެއް ކޮށްފަ އެވެ. އޭގެ ތެރޭގައި ފުލުހެއްގެ ގައިގައި ޖެހުމާއި ދައުލަތް ހިންގުމުގެ ދާއިރާ އަށް ހުރަސްއެޅުމާއި ތަނަކުން ފިލައިގެން ދިއުމާއި އާއްމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގުމުގެ ތުހުމަތު ހިމެނެ އެވެ.

ސަރުކާރު ވައްޓާލަން މަސައްކަތް ކުރާކަމުގެ ތުހުމަތުގައި މީގެ ކުރިން ވެސް ސަމީރު ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.