07 ސެޕްޓެމްބަރ 2017 - 20:00

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ދިރާގާއި ޔޫއެންޑީޕީން އަދި އިކޮނޮމިކް މިނިސްޓްރީގެ އެންޓަޕްރައިޒް ޑިވެލޮޕްމަންޓުން ޓެކްސްޓާސް ގްލޯބަލް އާ ގުޅިގެން "ސްޓާޓަޕް ވީކެންޑް" އެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
ޓެކްސްޓާސް ގްލޯބަލް އަކީ ގޫގުލް އާ ގުޅިގެން ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރާ އިންޓަނޭޝަނަލް ނެޓްވޯކެކެވެ. އެ ނެޓްވޯކުން ވަރަށް ގިނަ ގައުމުތަކުގައި މިފަދަ ހަރަކާތްތައް ބާއްވަ އެވެ.
ދިރާގުން ބުނީ ޒުވާން ވިޔަފާރިވެރިން އުފައްދައި، އެ ފަރާތްތަކަށް ހިތްވަރު ދިނުމަށް ބާއްވާ "ސްޓާޓަޕް ވީކެންޑް" އޮންނާނީ އޮކްޓޯބަރުގައި ކަމަށެވެ. އަދި އެ ހަރަކާތް ކުރިއަށް ދާނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށް ވެސް އެތަނުން ބުންޏެވެ.
ފުރަތަމަ ސްޓޭޖުގައި އޮންނާނީ ބައިވެރިންގެ ގުޅުން ރަނގަޅު ކުރުމަށް ބާއްވާ ހަރަކާތްތަކެވެ. ދިރާގުން ބުނީ އެ ހަރަކާތްތަކުގެ ތެރޭގައި ބައިވެރިން ގުޅިގެން ވިޔަފާރިއެއް ހިންގާނެ ގޮތް ހޯދާނެ ކަމަށެވެ. ދެ ވަނަ ސްޓޭޖުގައި އޮންނާނީ ތަޖުރިބާކާރުންގެ ފިލާވަޅުތަކާ އެކު ވިޔަފާރި ވިސްނުމެއް ތަރައްގީކޮށް، އެ ވިސްނުމެއްގެ މައްޗަށް ހިދުމަތެއް ނުވަތަ ޕްރޮޑަކްޓެއް އުފެއްދުމެވެ.
"މިއީ ޒުވާނުން ވިޔަފާރީގެ ހުނަރުތައް ދަސްކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް. މިކަމުގައި ހޭދަވާ 54 ގަޑިއިރުން ވިސްނުންތައް ކާމިޔާބު ވިޔަފާރިއަކަށް ބަދަލުކޮށްލެވިދާނެ. އަދި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާއި މަސައްކަތްތައް ވަގުތައް ނިންމަން ވެސް ދަސްވެގެން ދާނެ،" ދިރާގުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ދިރާގުން ބުނީ މި ހަރަކާތުގައި އެ ކުންފުނީގެ މައިގަނޑު ރޯލަކީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީ، ކާމިޔާބު ހޯދާނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަނީ ޒުވާނުން ތަމްރީނު ކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން ކަމަށް ވެސް ބުންޏެވެ.