07 ސެޕްޓެމްބަރ 2017 - 15:34

މިދިޔަ އޭޕްރީލް މަހު ޔާމީން ރަޝީދުގެ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ހަ މީހެއްގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
ޔާމީން ދިރިއުޅުނު ގޭގެ ސިޑިގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ ޔާމީން މަރާލި މައްސަލާގައި ހަތް މީހަކަށް ދައުލަތުން ދައުވާ ކޮށްފައިވާއިރު އާދިއްތަ ދުވަހު ބާއްވަނީ އޭގެ ތެރެއިން ހަ މީހެެއްގެ ޝަރީއަތެވެ.
އާދިއްތަ ދުވަހު ފަށަނީ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާންގެ އިތުރުން މ. ކުދެހިގޭ ހަސަން ޝިފާޒާއި މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ ޝަރީއަތެވެ. އޭގެ ތެރެއިން ޒިހާނާއި ހައިޝަމަކީ ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.
އެ ހަ މީހުންނަށް ކުރަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން "ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ" އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އެ މިީހުން މެރުމަށް ހުކުމް ކުރާނެ އެވެ.
އެކަމަކު ޔާމީންގެ ވާރިސުންގެ ތެރެއިން އެކަކު ވެސް އެ މީހުންގެ ކިބައިން މަރަށް މަރު ހިފަން ބޭނުން ނުވެއްޖެ ނަމަ ތައުޒީރީ އަދަބެއްގެ ގޮތުން އެ މީހުން އުމުރަށް ޖަލަށްލާން ހުކުމްކުރާނެ އެވެ.
އެ މައްސަލާގައި އާދިއްތަ ދުވަހު އޮންނާނީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ބާއްވަންޖެހޭ އިބްތިދާއީ އަޑުއެހުން ކަމަށް ބެލެވެ އެވެ. ޝަރީއަތުގެ އަޑުއެހުންތައް ފަށައިގަންނަނީ އެ މަރުހަލާ އަށް ފަހު އެވެ.
އެ ހަ މީހުންގެ އިތުރުން ދެން ހުރި މީހާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެކަމަކު އޭނާގެ ޝަރީއަތް ފަށަން އަދި ތާވަލެއް ނުކުރެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޔާމީން މަރާލާފައިވަނީ ދީނީ ޚިޔާލު ތަފާތުވުންތަކެއްގަ އެވެ. އެ މައްސަލާގައި ހައްޔަރުކުރި އަށް މީހުންގެ ތެރެއިން އެކަކުގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.