ސްޕާޓަން ރޭހުގައި ޓީއެފްޖީގެ ޓީމެއް ބައިވެރިވަނީ
ސްޕާޓަން ރޭހުގައި ޓީއެފްޖީގެ ޓީމެއް ބައިވެރިވަނީ

ތައިލެންޑުގައި ހޮނިހިރު ދުވަހު ބާއްވާ އޮބްސްޓެކަލް ކޯސް ރޭހެއް ކަމަށްވާ ސްޕާޓަން ރޭހުގައި ރާއްޖޭގެ ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ޓީމެއް ދުވާނެ އެވެ.

ސްޕާޓަން ރޭހަކީ، ދުވުމާ އެކު ތަފާތު އެކި އުނދަގޫ މަރުހަލާތަކެއް ފުރިހަމަކުރަން ޖެހޭ ރޭހެކެވެ. އެގޮތުން އުހަށް އެރުމާއި ފުންމުމާއި އެކޮޅުކޮޅުން އެލިގެންނާއި ފިރުކިފައި ތަންތަން ހުރަސްކުރަން ޖެހޭނެ އެވެ. މީގެ އިތުރުން ވެސް ފެންގަނޑުތައް ހުރަސްކުރަން ޖެހި ކޮނޑަށް ބަރު އެއްޗެހި ލައިގެން ވެސް ދުވަން ޖެހޭނެ އެވެ. މި ރޭސް ބޮޑަށް ސިފަކުރެވޭނީ މިލިޓަރީ ޓްރެއިނިންއަކާ އެވެ.

ތައިލެންޑުގެ ޗޮންބުރީގައި ބާއްވާ މި ރޭހުގައި ޓީއެފްޖީން ބައިވެރިވަނީ އެ ޖިމުގެ ހެޑް ޓްރޭނަރު އަދި ސްޕާޓަން ސްޕެޝަލައިޒް ކޯޗު ހުސެއިން ޒިނާން ތަމްރީންކޮށްފައިވާ ހަ ބައިވެރިންނެވެ. އެއީ ޓީއެފްޖީގެ ފިޓްނަސް ޓްރެއިނަރުންގެ ތެރޭގައި ހިމެނޭ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިއާ އައިޝަތު ޝައްފަގެ އިތުރުން މުހައްމަދު ރުހާމާއި މަރިޔަމް އިނާ އާއި ލަމްސާ ހުސެއިނާއި ހަސަން ޝާހިދު (ދައްގު) އަދި ޖިމްގެ ބައިވެރިއެއް ކަމަށްވާ އަހުމަދު ރަޝީދެވެ.

މީގެ ރޭސްތަކުގައި މީގެ ކުރިން ދުވެފައިވާ ޒިނާން މި ފަހަރު ވެސް ދުވާނެ އެވެ. މި ޓީމު ބައިވެރިވަނީ އޯޕަން ކެޓަގަރީގެ ސްޕްރިޓިން ސްޕާޓަން ރޭހުގަ އެވެ.

ޒިނާން ޓްރެއިންކޮށްފައިވާ ބައިވެރިންތަކެއް ފުރަތަމަ ފަހަރަށް ސްޕާޓަން ރޭހެއްގައި ވާދަކުރާއިރު އޭނާ ބުނީ ކުރިއަށް އޮތްތަނުގައި މީގެ ކްލާސްތަކެއް ޓީއެފްޖީގައި ފަށާނެ ކަމަށާއި ތަމްރީންވެ މި ފަދަ ރޭސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

"މިއީ ފިޓްނަސް ރޭހެއް. މިހާރު ދުނިޔޭގައި އެންމެ މަގުބޫލުވަމުން އަންނަ އެއް ރޭސް މިއީ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އަޅުގަނޑުމެން ހުޅުވާލާނަން،" ސްޕާޓަން ސްޕެޝަލައިޒް ކޯޗު ބުންޏެވެ.

މި ރޭހަށް ޒިނާން ވަނީ މި ޓީމް މިދިޔަ ތިން މަސް ދުވަހު ތަމްރީންކޮށްފަ އެވެ. ރޭހުގައި ސީދާ ކުރިމަތިވާނެ ފަދަ އޮބްސެޓަކެލް ޓްރެއިނިންތަކެއް ނެހެދި ނަމަވެސް ޒިނާން ވަނީ މޮޑިފައިޑް ޓްރެއިނިންތަކާ އެކު މި ބައިވެރިން ފުރިހަމައަށް ތައްޔާރުކޮށްފަ އެވެ.