"މެލަފިޝަންޓް 2" ވެސް އިން އެންޖެލީނާ ޖޮލީ ފެންނާނެ
"މެލަފިޝަންޓް 2" ވެސް އިން އެންޖެލީނާ ޖޮލީ ފެންނާނެ

ބަތަލާ އެންޖެލީނާ ޖޮލީ އެކްޓިންއާ ފެއަށް ޖެހިލައި، ޑައިރެކްޝަނަށް ހުސްވާން އުޅޭ އަޑުތަކެއް ފެތުރުނު ނަމަވެސް، އެކްޓް ކުރުން ހުއްޓާ ނުލާނެ ކަމަށާއި 2014 ގައި ރިލީޒް ކުރި ފެންޓަސީ ފިލްމް "މެލަފިޝަންޓް" ގެ ދެވަނަ ބައިން ވެސް ފެންނާނެ ކަމުގެ ޔަގީންކަން އޭނާ ދީފި އެވެ.

އެކްޓަރު ބްރޭޑް ޕިޓް ކައިރިން ވަރިވާން ކޯޓަށް ހުށަހަޅާފައިވާ ކުޅަދާނަ ބަތަލާ ބުނީ ޑެޑްލައިނަށް ބުނީ އާއިލާ މިހާރު ބަލަހައްޓަނީ އެކަނި ކަމަށާއި އެހެންވެ ކޮންމެހެން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"މި ވަގުތު އާއިލާ އަށް އާމްދަނީ ހޯދަން ހުރި ހަމައެކަނި މީހަކީ އަހަރެން،" ޖޮލީ، 42، ބުންޏެވެ. "އެހެންވެ މަސައްކަތް ކުރަން ޖެހޭ. އަހަރެން މިހިރީ ހިތްހަމަޖެހޭ ކަހަލަ ސްކްރިޕްޓްތަކެއް ލިބޭ ކަމަށް ވަންޏާ ހަމަ އެކްޓް ކުރުމުގައި ދެމި ހުންނަން."

އޭނާ ބުނީ "މެލަފިޝަންޓް 2" އެނބުރި ސްކްރީނަށް އަންނަ އިރު، އެ ފިލްމަކީ ބެލުންތެރިން އުންމީދު ކުރާ ވަރުގެ ފުރިހަމަ ފިލްމަކަށް ވާނެ ކަމަށެވެ. ގިނަ ފަހަރަށް ފިލްމެއްގެ ދެވަނަ ބައި ބެލުންތެރިންނާ ހަމައަށް ގެނެސްދޭ އިރު، ފުރަތަމަ ބައިން ދެއްކި ޖާދޫ ނުދެއްކޭ ކަމަށް އިޝާރާތް ކުރުމުން ޖޮލީ ބުނީ "މެލަފިޝަންޓް 2" އަށް އެހެން ނުވާނެ ކަމަށެވެ.

"މި ފިލްމުގެ ސްކްރިޕްޓަށް އަހަރަމެން މިހާރު މި އަންނަނީ މަސައްކަތް ކުރަމުން. މެލަފިޝަންޓް ދޭއްގެ ސްކްރިޕްޓް ވާނީ ފުރަތަމަ ބަޔަށް ވުރެ މާ ވަރުގަދަ އެއްޗަކަށް،" ލިންޑާ ވޫލްވަޓަން ސްކްރީންޕްލޭ ލިޔުނު ފިލްމާ ބެހޭ ގޮތުން ޖޮލީ ބުންޏެވެ.

ޖުމްލަ 180.263 މިލިއަން ޑޮލަރުގެ ބަޖެޓަކުން ރޮބަޓް ސްޓްރޮމްބާގް ޑައިރެކްޓް ކުރި "މެލަފިޝަންޓް" އަށް ބޮކްސް އޮފީހުގައި 758.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.

މި ފިލްމުގެ ފަހުން ޖޮލީ އެއްވެސް ފިލްމަކުން ފެނިފައި ނުވާ އިރު، އޭނާ އެންމެ ފަހުން ޑައިރެކްޓް ކުރި "ފަސްޓް ދޭ ކިލްޑް މައި ފާދާ" ނެޓްފްލިކްސް އިން މި މަހުގެ 15 ގައި ރިލީޒް ކުރާނެ އެވެ.