07 ސެޕްޓެމްބަރ 2017 - 12:30

އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ޓައިޓަންސް ސްޕޯޓްސް ކްލަބާއި ސައިކްލޯން ބާސްކެޓްބޯލް ކްލަބް ފުރުސަތު ހޯދައިފި އެވެެ.
ޓައިޓަންސް ފައިނަލަށް ދިޔައީ އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުން ތަފާތު ބޮޑު ނަތީޖާއަކުން ޓީރެކްސް ސްޕޯޓްސް އެކަޑަމީ އަތުން 76-15 ޕޮއިންޓުން މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ 24 ޕޮއިންޓް އެއްކުރި ޓައިޓަންސްގެ އައިމިނަތު ޝިއުރާ އެވެ. ޓައިޓަންސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ 26 ޕޮއިންޓާ އެކު އައިމިނަތު ނާޒިމާ އެވެ.
ސައިކްލޯން ފައިނަލަށް ދިޔައީ ވެސް ހަމަ އެހާ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެގެންނެވެ. ރޭ ކުޅުނު ސެމީ ފައިނަލުގެ ދެ ވަނަ މެޗު އެ ޓީމު ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށް 112-9 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ސައިކްލޯން އަށް 21 ޕޮއިންޓް ހޯދައިދިން ފާތިމަތު ރިޝްމާ އެވެ. އެ ޓީމަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ވެސް އޭނާ އެވެ.
ޓައިޓަންސް އާއި ސައިކްލޯން ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މާދަމާ ހަވީރު ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގަ އެވެ. ޓީރެކްސް އާއި ކިންގްސް ބީސީ ވާދަކުރާ ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗު އޮންނާނީ މާދަމާރެ އެވެ.
ރެޑްލައިން ކްލަބަށް ކުރިން ކުޅުނު ކުޅުންތެރިންތަކެއް ހިމެނޭ ކިންގްސް އިން ފައިނަލަށް ދަތުރުކުރީ އަންގާރަ ދުވަހު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުން ދަ ބައުސް ސްޕޯޓްސް ކްލަބް އަތުން 88-72 ޕޮއިންޓުން މޮޅުވެގެންނެވެ. ޓީރެކްސް ފައިނަލުން ފުރުސަތު ހޯދީ ސެމީ ފައިނަލުގެ ދެ ވަނަ މެޗުން ރެޕްޓޯސް ބާސްކެޓްބޯލް ކްލަބް އަތުން 84-53 ޕޮއިންޓުން މޮޅުވެގެންނެވެ.