ރެފްރީ ގޯސް ހެދި މެޗު އަލުން ކުޅެން ފީފާ އިން އަންގައިފި
ރެފްރީ ގޯސް ހެދި މެޗު އަލުން ކުޅެން ފީފާ އިން އަންގައިފި

ޒިއުރިކް (ސެޕްޓެމްބަރު 7) – ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ ނޮވެމްބަރު މަހު ސެނެގާލް އަތުން 2-1 އިން ދެކުނު އެފްރިކާ މޮޅުވި މެޗު އަލުން ކުޅެން ފީފާ އިން އަމުރުކޮށްފި އެވެ.

ފީފާ އިން ވަނީ އެ މެޗުގެ ރެފްރީ ޖޯސެފް އޮޑާޓޭ ލަމްޕްޓޭ ނިންމުންތައް އިންސާފުވެރިނުވެ ވަކިކޮޅަކަށް ޖެހިފައިހުރިކަން ސާބިތުވުމުން އޭނާ މުޅި އުމުރަށް ސަސްޕެންޑްކޮށްފަ އެވެ.

ފީފާ އިން ލަމްޕްޓޭ އެންމެ ފުރަތަމަ ސަސްޕެންޑްކުރީ މާޗު މަހު އެވެ. އެކަމަކު އިސްތިއުނާފް މަރުހަލާ އަށް ފަހު ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އިން އިއްޔެ ވަނީ އެ އަދަބު ދަމަހައްޓައިފަ އެވެ.

އެ މެޗުގައި ސެނެގާލްގެ ކަލިޑޫ ކޫލިބަލީގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމައި ލަމްޕްޓޭ ދެކުނު އެފްރިކާ އަށް ޕެނަލްޓީއެއް ދިން ނަމަވެސް ރީޕްލޭ އިން ފެނުނު ގޮތުގައި އެ ބޯޅަ ޖެހުނީ ކޫލިބަލީގެ ކަކުލުގަ އެވެ.

ސެނެގޯލް އާއި ދެކުނު އެފްރިކާ މެޗުގެ ރެފްރީ އޮޑާޓޭ ފަރާތުން އެ މެޗުގައި ފެނުނީ އެންމެ ރަނގަޅު ނިންމުތަކެއް ނޫން. މި ކޮމިޓީން ބެލި ބެލުމުގައި އޭނާ ވަކި ޓީމެއްގެ ކޮޅަށް ޖެހިފައިވާކަން ވަނީ ސާބިތުވެފައި. މި މައްސަލައިގައި ފީފާއިން ނިންމާފައިވަނީ ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި އޮޑާޓޭ އަށް ގައުމީ އަދި ބައިނަލްއަގްވާމީ ލެވެލްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑްކުރުމަށް." ފީފާއިން ކުރިން ނެރުނު ބަޔާނުގައިވެ އެވެ.

މި މެޗު އަލުން ކުޅޭނީ މި އަހަރުގެ ނޮވެމްބަރުގަ އެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓް އުނިކުރުމާ އެކު ދެކުނު އެފްރިކާ އޮތީ އެންމެ ޕޮއިންޓަކާ އެކު ކޮލިފައިންގެ ގްރޫޕް ޑީ ގެ ފުލުގަ އެވެ. ސެނެގާލް އޮތީ ފަސް ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. އެއް ވަނައިގައި ހަ ޕޮއިންޓާ އެކު ބުރްކީނާ ފާސޯ އޮތްއިރު ދެ ވަނަ މަގާމުގައި އޮތީ ހަ ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ކޭޕް ވާޑޭ އެވެ. އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވާނީ ގްރޫޕުގެ އެއް ވަނަ ޓީމެވެ.