ކޮސްޓާ އެންމެ ފަހުން ޗެލްސީގެ ޕްރެކްޓިހަށް ނުކުންނަނީ
ކޮސްޓާ އެންމެ ފަހުން ޗެލްސީގެ ޕްރެކްޓިހަށް ނުކުންނަނީ

ލަންޑަން (ސެޕްޓެމްބަރު 7) – ޗެލްސީއާ އެކު ތަމްރީން ހެދުމަށާއި އެތުލެޓިކޯ މެޑްރިޑަށް ބަދަލުވުމުގެ ކަންކަން އަވަސްކުރުމަށް ފޯވާޑް ޑިއެގޯ ކޮސްޓާ ލަންޑަނަށް އެނބުރި އަތުވެއްޖެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޗެލްސީން މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި ކޮސްޓާގެ ހިދުމަތް މި ސީޒަނުގައި ބޭނުންނުވާ ކަމަށް ބުނެ އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އެސްއެމްއެސް އަށް ފޮނުވައިފާ ކަމަށް ކޮސްޓާ ބުނެ އެވެ.

އެއާ އެކު ކޮސްޓާ ބޭނުންވީ ކުރީގެ ކްލަބް ކަމަށްވާ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާށެވެ. އެކަމަކު ފީފާ އިން ދީފައިވާ އަދަބަކާ ގުޅިގެން އެ ކްލަބަށް އެންމެ އަވަހަށް ވެސް ކުޅުންތެރިއަކު ރަޖިސްޓްރީކުރެވޭނީ އަންނަ ޖެނުއަރީ މަހު އެވެ. ޗެލްސީ އާއި އެތުލެޓިކޯ އަށް އަގަކާ މެދު އެއްބަސްވުމަކަށް ނާދެވުނުއިރު އޭނާ ގެންދަން ބައެއް އެހެން ކްލަބްތަކުން ބޭނުންވި ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި އެތުލެޓިކޯ ނޫން ޓީމަކަށް ދާން ކޮސްޓާ ބޭނުމެއް ނުވެ އެވެ.

ޗެލްސީން ދާދި ފަހުން ވަނީ އެ ކްލަބުގެ ޕްރިމިއާ ލީގު ސްކޮޑް ސްކޮޑުގައި ކޮސްޓާގެ ނަން ޖަހައި އޭނާ ޕްރެކްޓިހަށް ހާޒިރުވާން އަންގައިފަ އެވެ. ނަމަވެސް ކޮސްޓާ އެކަމަށް އެއްބަހެއް ނުވި އެވެ.

ކޮސްޓާގެ ނަން ޗެމްޕިއަންސް ލީގު ސްކޮޑުގައި ޗެލްސީން ހިމަނާފައިނުވާއިރު މިއީ އޭނާ ޖެނުއަރީ މަހު ކްލަބް ދޫކޮށްލާނެކަމުގެ ހެއްކެއް ކަމަށް ބެލެވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ކޮސްޓާ އެނބުރި ލަންޑަނަށް ދިޔައީ އެތުލެޓިކޯގެ ބައެއް ފަރާތްތަކުން އެގޮތަށް ލަފާ ދިނުމުންނެވެ. ބެލެވޭ ގޮތުގައި އޭނާ ޗެލްސީއާ އެކު ޕްރެކްޓިސްކޮށް ޖެނުއަރީގެ ނިޔަލަށް ޕްރިމިއާ ލީގުގައި ކުޅުމަށް ފަހު ޖެނުއަރީ މަހު އެތުލެޓިކޯ އަށް ބަދަލުވާނީ އެވެ.

ކޮސްޓާގެ ވަކީލު ތުހުމަތުކުރާ ގޮތުގައި މިދިޔަ ޖެނުއަރީ މަހު ޗެލްސީން ކޮސްޓާ އަށް އާ އެއްބަސްވުމެއް ހުށަހަޅަން ނިންމާފައިވަނިކޮށް އެކަމަށް ހުރަސް އެޅީ ކޮންޓޭ ކަމަށާއި އެ ވަގުތު ކްލަބްގެ މަސްލަހަތަށް ވިސްނާފައި ކޮސްޓާ ނިންމީ ކުރިއަށްދާން ކަމަށެވެ. އަދި މިހާރު ކޮސްޓާ ބޭނުންވާ ކްލަބަކަށް ބަދަލުވުމުގެ އިހުތިޔާރު އޮންނަން ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.