07 ސެޕްޓެމްބަރ 2017 - 09:36

މިޔަންމާގެ ރަކީން ސްޓޭޓްގައި ރޮހިންގާ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިންނާއި ބުދުދީނުގެ ހާމުދުރުން ބޮޑެތި އަނިޔާތަކެއް ދެމުން އަންނަ ދަނޑިވަޅެއްގައި މިހާރު ގެންދަނީ ސަރަހައްދީ ރޮނގުގައި މައިން ވަޅުލަމުން ކަމަށް ބަންގްލަދޭޝް އިން އިއްޔެ ބުނެފި އެވެ.
ބަންގްލަދޭޝް އާއި މިޔަންމާއާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި މައިން ވަޅުލަމުން އަންނާތީ ބަންގްލަދޭޝް އިން އިއްޔެ ވަނީ މިޔަންމާގެ އެމްބެސެޑަރު ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް އެ ޝަކުވާ ކޮށްފަ އެވެ.
މިޔަންމާ ސިފައިންނާއި ހާމުދުރުންގެ އަނިޔާތަކުން ސަލާމަތްވާން ރޮހިންގާ މުސްލިމުންގެ 140،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ބަންގްލަދޭޝް އަށް ވަދެފަ އެވެ. އަދިވެސް އިތުރު މީހުން މިޔަންމާ ތެރެއިން ނުކުންނަމުން ދާ ކަމުގެ ރިޕޯޓްތައް ލިބެ އެވެ.
މި ދަނޑިވަޅުގައި އެ ސަރަހައްދުގައި ލޭންޑް މައިން ވަޅުލުމުގެ މައްސަލަ ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް އައީ އިއްޔެ އެވެ.
ބަންގްލަދޭޝްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިޔަންމާ ސިފައިން ލޭންޑް މައިން ވަޅުލަނީ މިހާރު ބޭރުވެފައިވާ ރޮހިންގާ މުސްލިމުން އެ މީހުންގެ ވިލެޖްތަކަށް އެނބުރި ދިއުމަށް ހުރަސްއެޅުމުގެ ގޮތުން ކަމަށް ބެލެވެ އެވެ.
އެކަމަކު މިޔަންމާ ސިފައިންގެ އިސް އޮފިޝަލަކު ބުނީ މި ފަހުން އެއްވެސް ލޭންޑް މައިނެއް ވަޅުލާފައި ނުވާނެ ކަމަށެވެ.
މި ހަފުތާގައި ލޭންޑް މައިން ގޮވައިގެން މަދުވެގެން ތިން މީހަކު ވަނީ ޒަހަމްވެފަ އެވެ.
ރޮހިންގާ މުސްލިމުންނަކީ ބަރުމާގެ ރައްޔިތުން ނޫން ކަމަށް އެ ގައުމުން ބުނެ އެވެ. އެހެންކަމުން މިއީ އެއްވެސް ގައުމެއްގެ ރައްޔިތެއްގެ ހައިސިއްޔަތު ނުލިބި ދުނިޔޭގައި އުޅޭ އަދި އެންމެ ބޮޑެތި އަނިޔާތަކާ ކުރިމަތިވެފައިވާ މީހުންނެވެ.
ބަރުމާގެ ހާމުދުރުންނާއި ސިފައިން ކުރިންސުރެ ވެސް ރޮހިންގާ މުސްލިމުން މަރަ އެވެ. އަދި ގެތަކުގައި ހުޅު ވެސް ޖަހަ އެވެ.
ރަކީން ސްޓޭޓްގައި ހިނގާ މި ބޮޑު އަނިޔާވެރިކަން މި ފަހުން އަނެއްކާ މައްޗަށް ދިޔައީ މުސްލިމުންގެ ހަތިޔާރު އެޅި ބަޔަކު ފުލުހުންގެ ޕޯސްޓްތަކަށް ހަމަލާ ދިނުމުން ކަމަށް، މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އޭގެ ފަހުން މިޔަންމާ ސިފައިންނާއި ހާމުދުރުންގެ ހަމަލާތަކުގައި މަދުވެގެން 400 މީހުން މަރުވެފައިވާ ކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި ގިނައީ ނިކަމެތި އާންމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.