07 ސެޕްޓެމްބަރ 2017 - 09:09

ކެރީބިއަންގެ ގައުމުތަކަށް އިއްޔެ ކުރިމަތިވި ވަރުގަދަ ތޫފާން ހަރިކޭން އިރުމާގައި ބާބިއުޑާ އައިލެންޑް މިހާރު ވަނީ ގާތްގަނޑަކަށް ބިމާހަމަވެފައި ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ބުނެފި އެވެ.

"ބާބިއުޑާ މިހާރު އެ އޮތީ ގާތްގަނޑަކަށް ފުނޑުފުނޑުވެ ބިމާހަމަވެފައި،" އެރަށް ނިސްބަތްވާ އެންޓިގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓަން ބުރައުން ވިދާޅުވި އެވެ.
ގާތްގަނޑަކަށް 1،800 މީހުން ދިރިއުޅެމުން އައި ރަށުގައި މިހާރު ކޮޅަށް ހުރީ ވަރަށް މަދު އިމާރާތެއް ކަމަށްވެ އެވެ. މުޅި ހިސާބުގަނޑު އޮތީ ފެނު އަޑީގަ އެވެ.
"މިއީ ތަނެއް މުޅިން ހަލާކުވެދިއުން ފަދަ ކަމެއް،" ބްރައުން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބާބިއުޑާ އަށް ލިބުނު ގެއްލުމުގެ އަގު 100 މިލިއަން ޑޮލަރަށް އަރާނެ އެވެ.
އެ ރަށުގައި އޮންނަ ހަމައެކަނި އެއާޕޯޓް ހަލާކުވުމުން އެހީގެ ސާމާނު ފޯރުކޮށްދެމުން ދަނީ އެންޓިގުއާ އިން ކަނޑު މަގުންނެވެ.
ތޫފާނުގައި މިހާތަނަށް ހަތް މީހަކު ވަނީ މަރުވެފަ އެވެ.
ބާބިއުޑާގައި ހާލުގައި ޖެހުނު އަންހެނަކު ބުނި ގޮތުގައި ހަތް މީހުން ނިސްބަތްވާ އާއިލާގެ ގެ ވަނީ ހަލާކުވެފަ އެވެ.
"ދިރިއުޅުން ދެން ކޮޅަށް ޖެހޭނެތޯ އަހަރެމެންގެ މިހާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ،" އެ އަންހެން މީހާ ބުންޏެވެ.
ފްރާންސްގެ ދަށުގައި އޮންނަ ސެއިންޓް ބާޓްސް އާއި ސެއިންޓާ މާޓިން އަށް ވެސް އިރުމާގެ ސަބަބުން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
ފްރާންސުން ބުނާ ގޮތުގައި ސަރުކާރުގެ ހުރިހާ އިމާރާތެއްހެން ވަނީ ފުނޑުފުނޑުވެފަ އެވެ. މުވާސަލާތީ ގުޅުން ވެސް ވަނީ ކެނޑިފަ އެވެ.
އެޓްލާންޓިކް ކަނޑުގައި މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ ތޫފާންތަކުގެ ތެރޭގައި ހިމެނޭ ކެޓަގަރީ ފަހެއްގެ އިރުމާގެ ވަރުގަދަ ވަޔާއި ވިއްސާރަ މިހާރު ކުރަމުން ދަނީ އެމެރިކާގެ ދަށުގައި އޮންނަ ޕޯޓޮ ރިކޯ އަށެވެ. އޭގެ ފަހުން ޑޮމިނިކަން ރިޕަބްލިކާއި ހައިޓީއަށް ލައްވާލާނެ ކަމަށް، މޫސުމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.
ބަހާމާސްގެ ބައެއް ރަށްރަށުގެ މީހުން މިހާރު ވަނީ ދުރު ހިސާބުތަކަށް ގެންދަން ފަށައިފަ އެވެ.
އިރުމާގެ ވައިގެ ބާރުމިން ބައެއް ފަހަރަށް ގަޑިއަކު 185 މޭލަށް ވެސް އަރަ އެވެ. އެހެންކަމުން ބެލެވެނީ މިއީ މިދިއަ 10 އަހަރުގެ ތެރޭގައި ވެސް ކެރީބިއަންއަށް ކުރިމަތިނުވާ ވަރުގެ ވަރުގަދަ ތޫފާނެއް ކަމަށެވެ.
އެޓްލާންޓިކް ކަނޑުގައި އިތުރު ދެ ތޫފާނެ މިހާރު ވަނީ އުފެދިފަ އެވެ. އަދި އޭގެ ބާރުމިން ހަރިކޭންގެ ދަރަޖައަށް ބަދަލުވަމުން އަންނަ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރެ އެވެ.