އިމްރާން ހާޝިމީ ދެން ރާޒް، ޖަންނަތު އަދި މާޑާއެއް ނުކުޅެނެ
އިމްރާން ހާޝިމީ ދެން ރާޒް، ޖަންނަތު އަދި މާޑާއެއް ނުކުޅެނެ

އިމްރާން ހާޝިމީއަށް ބޮލީވުޑުގައި މަޝްހޫރުކަން ލިބުނީ އޭނާ ކުޅެފައިވާ "ރާޒް" އާއި "ޖަންނަތު" އަދި "މާޑާ" ސިލްސިލާގެ ފިލްމުތަކަށް ލިބުނު ކާމިޔާބުގެ ސަބަބުންނެވެ. ނަމަވެސް މިހާރު އެ ފްރެންޗައިޒްތަކުގެ ފިލްމުތައް ކުޅެން އޭނާގެ ޝައުގުވެރިކަމެއް ނެތެވެ. އިމްރާން މިހާރު ބޭނުންވަނީ އެކްޓަރެއްގެ ގޮތުން އަލުން އާ ބާބެއް ފަށާށެވެ.

އިމްރާން ބޮލީވުޑަށް ތައާރަފްވީ "ފުޓުޕާތު" އިން ނަމަވެސް އެކްޓަރެއްގެ ގޮތުގައި މީހުން އޭނާ ބަލައިގަތީ 2004 ގައި "މާޑާ" ކުޅުނު ފަހުންނެވެ. އޭގެ ފަހުން "މާޑާ 2" ވެސް އިމްރާން ވަނީ ކުޅެފަ އެވެ.

އޭގެ ފަހުން 2008 ގައި "ޖަންނަތު" އާއި އޭގެ ސީކުއަލް އެއްގައި ވެސް އިމްރާން ބަތަލުގެ ރޯލު އަދާކުރި އެވެ. އަދި މި ފިލްމުތަކުން އޭނާއަށް އިތުރު މަގުބޫލުކަން ލިބިގެން ދިޔަ އެވެ. އޭނާގެ "ރާޒް" އަކީ ވެސް ވަރަށް ކާމިޔާބު ފިލްމެކެވެ. އެއާއެކު އޭގެ ދެ ވަނަ ތިން ވަނަ އަދި ހަތަރު ވަނަ ފިލްމެއް ވެސް ވަނީ ނުކުމެފަ އެވެ. މި ހުރިހާ ފިލްމުތަކެއްގެ ވެސް ބަތަލަކީ އިމްރާނެވެ.

އިމްރާން ބުނަނީ މިހާތަނަށް އައިއިރު އޭނާ ކުޅެން ބޭނުންވާ ފިލްމުތަކުގެ ރަހަ ވެސް ބަދަލުވެފައިވާ ކަމަށާއި މިހާރު ބޭނުންވަނީ ކުރިން ނުކުޅޭ ތަފާތު ބައިތަކެއް ކުޅެން ކަމަށެވެ.

ޕީޓީއައި އަށް ދީފައިވާ އިންޓަވިއުއެއްގައި އިމްރާން ބުނީ ކުރިން ކުޅުނު ޒާތުގެ ފިލްމުތައް ދެން ކުޅެން ބޭނުން ނުވާ ކަަމަށާއި "ރާޒް" އާއި "ޖަންނަތު" އަދި "މާޑާ" ފްރެންޗައިޒްގެ ފިލްމުތަަކަށް އަލްވަދާއު ކިޔާފައިވާ ކަމަށެވެ. އެ ފިލްމުތަކަކީ އޭނާގެ ކެރިއަރުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރި ފިލްމުތަކެއް ކަމަށް އިމްރާން ގަބޫލު ކުރެ އެވެ. އެ ފިލްމުތަކުގައި އޭނާ ކުޅެފައިވާ ކެރެކްޓާތަކަށް އެ ދުވަސްވަރަށް ވަރަށް ހިނގި ނަމަވެސް މިހާރު އޭނާއަކީ އެ ދުވަސްވަރުގެ އިމްރާން ނޫން ކަމަށް ބުންޏެވެ.

"އަހަރެންގެ ރަހަ މިހާރު ބަަދަލުވެއްޖެ. އަދި ބެލުންތެރިންގެ ރަހަ ވެސް ބަދަލުވެއްޖެ. އެހެންވެ އާ ވައްތަރުގެ ރޯލުތައް ކުޅުން މިހާރު ވަރަށް މުހިއްމު. އެހެންވެ ދެން ކުޅޭ ފިލްމުތަކުގައި އެކަމަށް ވިސްނާނަން،" އިމްރާން ބުންޏެވެ.

އިމްރާން ނުކުޅެން ނިންމާފައިވާ ފްރެންޗައިޒްތަކުގެ ފިލްމުތަކަކީ އޭނާގެ ބޮޑުބޭބެއިން ކަމަށްވާ މުކޭޝް އާއި މަހޭޝް ބަޓް ޕްރޮޑިއުސްކޮށްފައިވާ ފިލްމުތަކެކެވެ. އެހެންވެ އޭނާ ޝައުގުވެރިވާ ކަހަލަ ރޯލެއް ހުށަހަޅައިފި ނަމަ އެމީހުންގެ ފިލްމުތައް އަދިވެސް އިމްރާން ކުޅޭނެ އެވެ.

އިމްރާްން އެންމެ ފަހުން ކުޅެފައިވަނީ އަޖޭ ދޭވްގަން ބަތަލުގެ ބައި ކުޅުނު "ބާދްޝާހޯ" އެވެ. މި ފިލްމުގައި އޭނާ ފެނިފައިވަނީ އެހެންޏާ ނުފެންނަ ކަހަލަ ތަފާތު ރޯލަކުންނެވެ. އަދި ބެލުންތެރިންނާއި ކްރިޓިކްސް ވެސް ވަނީ އިމްރާން މި ފިލްމުގައި ކުޅެފައިވާ ރޯލަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.

އިމްރާން، 38، މިހާރު ތައްޔާރުވަމުން އަންނަނީ އަމިއްލައަށް ފިލްމު ޕްރޮޑިއުސްކުރާށެވެ. އެގޮތުން އޭނާ ފުރަތަމަ ޕްރޮޑިއުސްކުރަން ހަމަޖެހިފައިވަނީ "ކެޕްޓަން ނަވާބް" އެވެ. ފިލްމު ޑައިރެކްޓްކުރާނީ ޓޯނީ ޑިސޫޒާ އެވެ. ފިލްމުގެ ޝޫޓިން އަންނަ މަހު ފަށާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި ފިލްމުގައި އިމްރާން ކުޅެނީ ސިފައިންގެ އޮފިސަރެއްގެ ރޯލެވެ.