09 ސެޕްޓެމްބަރ 2017 - 06:56

ފިލްމު ބަލާ ގިނަ މީހުން މިހާރު ފެންޓަސީ ފިލްމަށް ޝައުގުވެރި ނުވާ ކަމަށާއި މީހުން ބޭނުންވަނީ ހަގީގީ ވާހަކަތަކަށް ހަދާފައި ހުންނަ ފިލްުމުތައް ބަލަން ކަމަށް އެކްޓަރު ފަރްހާން އަޚްތަރު ބުނެފި އެވެ.
ފަރްހާން އަލަށް ކުޅޭ "ލަކްނޫ ސެންޓްރަލް" ރިލީޒްކުރަން މިހާރު ވަނީ ކައިރިވެފަ އެވެ. އެ ފިލްމަކީ ޖަލުގައި ތިބި ގައިދީންތަކެއްގެ އުފެއްދި މިއުޒިކް ބޭންޑެއްގެ ވާހަކައެކެވެ. ފިލްމު ބަލާ މީހުންނަށް މިފަދަ ވާހަކަތައް މާ ބޮޑަށް ކަމުދާނެކަމަށް ފަރްހާން ގަބޫލުކުރެ އެވެ.
ފަރްހާން ބޮލީވުޑަށް ތައާރަފްވީ 2001 ގައި އޭނާ ޑައިރެކްޓްކުރި "ދިލް ޗާހްތާ ހޭ"އިންނެވެ. މިއީ ވަރަށް ތަފާތު އަދި މޮޅު ފިލްމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އޭގެ ފަހުން އޭނާ ވަނީ ޑައިރެކްޓްކުރުމާއި ޕްރޮޑިއުސްކުރުން އަދި ފިލްމުތަކުގެ ވާހަކަތައް ލިޔުމާއި އެކްޓްކުރުމުގެ އިތުރުން ލަވަ ވެސް ކިޔާފަ އެވެ.
ފަރްހާން ބުނީ މިހާރު ފިލްމު އުފައްދާ މީހުން ވެސް ވާހަކަތައް ހުށަހަޅައިދޭ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. މިއީ ވަރަށް ރަނގަޅު ކަމެއް ކަމަށް އޭނާ ދެކެ އެވެ. ކުޑަ ބަޖެޓަކުން، އެހާ މަޝްހޫރު ނޫން އެކްޓަރުން ލައްވާ ކުޅުވާ ފިލްމުތަކަށް ކާމިޔާބު ލިބިފައި މަޝްހޫރު އެކްޓަރުންގެ ބޮޑު ބަޖެޓު ފިލްމުތައް ފްލޮޕްވަނީ ސްޓޯރީލައިން އާއި ފިލްމު ޕްރެޒެންޓްކުރާ ގޮތުން ކަމަށް ފަރްހާން ގަބޫލު ކުރެ އެވެ.
"މީގެ އަހަރުތަކެއް ކުރިން، އިންޑިއާ އިން ބޭރުގައި ދިރިއުޅޭ އިންޑިޔާ މީހުންގެ ލޯބީގެ ވާހަކަތައް ވަރަށް ހިނގި. ނަމަވެސް މިހާރު އެ ކަހަލަ ފިލްމުތަކެއް ނުހިނގާ. ފެންޓަސީ ފިލްމުތައް މީހުންނަށް ބެލޭނީ ކޮންމެވެސް މިންވަރަކަށް. ދެން ވާނީ ފޫހި. އެހެންވެ ވާހަކަތަކުގައި ވީހާވެސް ހަގީގީ ކަންތައްތައް އިތުރުކޮށް ހުށަހަޅައިދޭ ގޮތް އަބަދުވެސް ބަދަލުކުރަން ޖެހޭނެ،" ފަރްހާން ބުންޏެވެ.
"ލަކްނޫ ސެންޓްރަލް" ގައި ފަރްހާން އާއެކު ބަތަލާގެ ރޯލު ކުޅެނީ ޑައާނާ ޕެންޓީ އެވެ. އަދި ރޯނިތު ރޯއީ އާއި ރަވީ ކިސަން ފަދަ ބައެއް އެކްޓަރުން ވެސް ފިލްމުން ފެންނާނެ އެވެ. ފިލްމު ޑައިރެކްޓްކުރަނީ ރަންޖީތު ތިވާރީ އެވެ.
ފަރްހާން އަކީ "ޝޯލޭ"، "ދީވާރް" ފަދަ ފިލްމުތައް ލިޔުނު މަޝްހޫރު ދެ ލިޔުންތެރިން ކަމަށްވާ ސަލީމް-ޖާވީދުގެ ތެރެއިން ޖާވީދު އަޚްތަރުގެ ދަރިފުޅެކެވެ. އެހެންވެ ބައްޕަގެ ކިބައިން ލިޔުންތެރިކަމުގެ ހުނަރު ވަރަށް ފުރިހަމައަށް ފަރްހާން އަށް ލިބިފައިވާކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
"ލަކްޝް" އާއި "ޑޮން" އަދި "ޑޮން 2" އަކީ ފަރްހާން ޑައިރެކްޓްކުރި ފިލްމުތަކެވެ.