09 ސެޕްޓެމްބަރ 2017 - 06:53

ބޮބީ ޑެއޯލްގެ ފިލްމެއް އެންމެ ފަހުން ނުކުތީ 2013 ގައެވެ. އެ އަހަރު އޭނާ ވަނީ "ސިންގް ސާހަބް ދަ ގްރޭޓް" އާއި "ޔަމްލާ ޕާގަލް ދީވާނާ 2" ކުޅެފަ އެވެ. މި ދެ ފިލްމަށް ވެސް ބޮކްސް އޮފީހުގައި މާ ރަނގަޅު ކާމިޔާބީއެއް ނުލިބުނެވެ. އަދި ބޮބީގެ ފިލްމީ ކެރިއަރަށް ވެސް މި ދެ ފިލްމުން އެއްވެސް ފައިދާއެއް ނުކުރި އެވެ.
ބޮބީގެ ފިލްމީ ކެރިއަރު ފެއިލްވެފައިވާ ކަމަށް ބޮބީ ވެސް މިހާރު ގަބޫލު ކުރެ އެވެ. ކެރިއަރު ފްލޮޕްވީކަމަށް ގަބޫލުކުރާ މަދު ބަތަލުންގެ ތެރޭގައި ބޮބީ ހިމެނިފައި ވިޔަސް އެއީ ކީއްވެގެން ދިމާވި ކަމެއް ކަމެއް އޭނާ އަކަށް ވެސް ނޭނގެ އެވެ.
އެކްޓަރެއްގެ ގޮތުން ނާކާމިޔާބީއާ ކުރިމަތިވެ ފިލްމުތައް ނުލިބިގެން ފެށުމުން އާރްޖޭއެއްގެ ގޮތުގައި ވެސް ބޮބީ މަސައްކަތް ކުރިތަން ފެނިފައިވެ އެވެ. ނަމަވެސް ދިއްލީގެ ޕަބެއްގައި އޭނާ އާރްޖޭއެއްގެ ގޮތުން "ގުޕްތު"ގެ ލަވަތަކެއް ޖަހަން ފެށުމާއެކު މީހުންތައް ރުޅިގަދަވެ އޭނާއާ ދިމާކޮށްލައި ރިފަންޑް ހޯދަން އުޅެން ފެށުމުން އެ މަސައްކަތް ވެސް ހުއްޓާލަން ބޮބީ އަށް މަޖްބޫރު ވީއެވެ.
ބޮބީގެ ފިލްމެއް މިއަދު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. އެއީ އެކްޓަރު ޝްރެޔަސް ތަޅްޕަޅޭ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމު "ޕޯސްޓާ ބޯއީ" އެެވެ.
ބޮބީ ބުނި ގޮތުގައި ފާއިތުވީ ހަތަރު އަހަރު އޭނާ ހުރީ އެއްވެސް މަސައްކަތެއް ނުކޮށެވެ.
ފަހަރެއްގައި ބަތަލެއްގެ ގޮތުގައި މީހުން ބަލައިގަންނަ ކަހަލަ ސިފަތަކެއްގެ އޭނާގެ ކިބައިގައި ނެތުމަކީ ނާކާމިޔާބީގެ ސަބަބަށް ވެދާނެ ކަމަށާއި އޭނާ ކުޅެން ބޭނުންވާ ކަހަލަ ރޯލުތައް އެއްގޮތަކަށް ވެސް ނުލިބުނު ކަމަށް ވެސް ބޮބީ ބުންޏެވެ.