08 ސެޕްޓެމްބަރ 2017 - 07:40

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ދަރިންގެ ގައިގައި ޖެހުމަކީ އެކުދިން ބަސްއަހާ ރަނގަޅު ކުދިބަޔަކަށް ހެދުމަށް ވަރަށް މުހިއްމު ކަމެކެވެ.
އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ކުޑައިރު މައިންބަފައިންގެ މިފަދަ ހަމަލަތައް އަމާޒުވެފައި ތިބި މީހުންނެވެ. އަނެއްބައި މީހުންނަކީ އަމިއްލަ ދަރިންގެ ގައިގައި ޖެހުން އާދަވެފައި ތިބި މީހުންނެވެ.
ކުޑައިރު ތަޅައި އަނިޔާކޮށްގެން ގެންގުޅޭ ދަރިން ބޮޑެތިވާއިރު އެކުދިންގެ ގައިގައި އަށަގަންނަނީ ކޮން ކަހަލަ މިޒާޖެއްތޯ ބެލުމަށް ތަޖުރިބާކާރުން ވަރަށް ގިނަ ދިރާސާތައް ކޮށްފައިވެ އެވެ. އަދި މައިންބަފައިން މިފަދަ ކަމެއް ކުރަން ހިތަށް އަރަނީ ކީއްވެތޯ ވެސް ދެނެގަނެވޭތޯ ތަޖުރިބާކާރުން މަސައްކަތް ކޮށްފައިވެ އެވެ.
ޔުނިވަސިޓި އޮފް ޓެކްސަސް އާއި ޔުނިވަސިޓީ އޮފް މިޗިގަން ގުޅިގެން ކުރި މިފަދަ ދިރާސާއެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ކުޑައިރު މައިންބަފައިން އެއްވެސް ވަރަކަށް އަނިޔާކުރާ ނަމަ އޭގެ ނޭދެވޭ އަސަރު ކުދިންގެ ސިކުނޑިއަށް ކުރެ އެވެ. އަދި އެކުދިން ބޮޑެތި މީހުންނަށް ވުމަށް ފަހު ވެސް އެކުދިންނަށް ނަފްސާނީ ގޮތުން ކޮށްފައިވާ އަސަރުތައް ދެމިހުރެ އެވެ.
ޕްރީ ސްކޫލް ދައުރުގައި ވެސް އެހެން ކުދިންގެ އުނދަގޫތަކުގެ ޝިކާރައަކަށް މިފަދަ ކުދިން ފަސޭހައިންވެ އެވެ. އަދި އެހެން ކުދިންނާ ނުގުޅޭ މިޒާޖު މި ކުދިންގެ ކިބައިގައި ހުރުމުގެ އިތުރުން ސިއްހީ މައްސަލަތައް ވެސް މިފަދަ ކުދިންނަށް ދިމާވާލެއް ގިނަ ކަމަށް ދިރާސާގެ އަލީގައި ތަޖުރިކާރުން ބުނެފައިވެ އެވެ.
މި ކުދިންނަށް ކުރާ ނޭދެވޭ އަސަރުތައް އެންމެ ގާތީ ކުޑައިރު އެކި ކަހަލަ ޖިންސީ އަދި ޖިސްމާނީ އަނިޔާތައް ލިބިފައި ތިބޭ ކުދިންނަށެވެ. އެވަރު ނުވި ނަމަވެސް މި ކުދިންގެ ސިކުނޑިއަށް ވެސް އެފަދަ ނޭދެވޭ އަސަރުތައް ކޮށްފައި ހުރެ އެވެ.
ދަރިންގެ ގައިގައި ޖަހާ ބައެއް މީހުންނަށް ގަބޫލު ކުރެވެނީ ހާލަކުން ފަހަރަކު ކުއްޖެއްގެ ގައިގައި ޖަހާލިޔަކަސް އެކަމުގެ ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށެވެ. އަދި ޖަހާ ވަގުތު ކުއްޖާ އެއީ މާ ބޮޑު ކަމަކަށް ނަހަދާނަމަ އެއީ ކުއްޖާއަށް އެއްވެސް އަސަރެއް ނުކުރަނީ ކަމަށް ގަބޫލު ކުރެ އެވެ. ނަމަވެސް އެއްވެސް ވަރަކަށް ކުދިންގެ ގައިގައި ޖެހުމަކީ އޭގެ ނޭދެވޭ އަސަރު ކޮންމެވެސް ސިފައެއްގައި ކުދިންނަށް ކުރާނެ ކަމެކެވެ. އެއީ އެ ވަގުތު މާ ބޮޑު ކަމަކަށް ކުދިން ނަހަދަފާނެ އެވެ. ނަމަވެސް ކުދިންގެ ގައިގައި މައިންބަފައިން ޖަހާނަމަ އެކުދިން ބޮޑެތި ވެގެން އެ ކުދިންނަށް ލިބޭ ދަރިންގެ ގައިގައި ވެސް ޖެހުމަކީ ވަރަށް ކައިރި ކަމެކެވެ.
މިކަމާ ގުޅޭ ގޮތުން ގިނަ މީހުންގެ ޚިޔާލު ވަރަށް ތަފާތެވެ. ކުދިންގެ ގައިގައި ޖަހާ މައިންބަފައިންގެ ތެރެއިން ގިނަ މީހުންނަކީ އެކަމަށް އެއްބަސްވާ ބައެއް ވެސް ނޫނެވެ. ގިނަ މީހުން ބުނަނީ ދަރިންގެ ގައިގައި ދުވަހަކު ވެސް ނުޖަހާ ކަމަށެވެ. ނަމަވެސް ހަގީގަތަކީ މަދު މީހަކު ނޫނީ ދަރިންގެ ގައިގައި ކޮންމެވެސް މިންވަރަކަށް ޖަހާ އުޅޭ ކަމެވެ. އެއީ އަނިޔާވާ ގޮތަށް ނޫން ނަމަވެސް ބައެއް ފަހަރު އަންނަ ރުޅީގައި ކުދިންގެ ގައިގައި ޖެހޭ މީހުން ގިނަކަން ގަބޫލުކުރަން ޖެހެ އެވެ.
ކޮންމެ ގޮތެއް ވިޔަސް ގަބޫލުކުރަން ޖެހޭނެ ކަމަކީ ދަރިންގެ ގައިގައި ޖަހައިގެން ކުއްޖަކު ބަސް ނާހާނެ ކަމެވެ. އޭގެ ބަދަލުގައި ލޯބިން ވިސްނައިދީގެން މާ ބޮޑަށް ކުއްޖާއަށް ކުށެއް ކުރެވިއްޖެ ނަމަ އެ ކުށް ގަބޫލުކުރާނެ އެވެ.
ސައިންސްވެރިން ބުނަނީ ކުއްޖާއަށް ގޯސްކަމެއް ކުރެވިއްޖެކަމަށް މައިންބަފައިންނަށް ހީވާ ވަގުތު އެ ކުއްޖެއްގެ ގައިގައި ޖެހުމުން އެ ކުއްޖާ އެ ވަގުތުކޮޅު ބަސް އަހާހެން ހީވެދާނެ ކަމަށާއި ނަމަވެސް މިއީ ދާއިމީ ހައްލަކަށް ނުވާނެ އެވެ.